ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ފުޓްބޯޅައިގައި ނަން މަޝްހޫރު ރަށެއް ކަމަށްވާ، ކ. ހުރާ އަތުން 3-1 އިން މޮޅުވެ، ކ. ގުރައިދޫން ފެށުން ރަނގަޅުކޮށްފި އެެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުން ރޭ އައްޑޫ ސިޓީ އާއި ޅ. ކުރެންދޫ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މި ގްރޫޕުން ކުރިއަށްދިއުމަށް ބަލާއިރު، ގުރައިދޫ އަށް މި ލިބުނީ މުހިންމު މޮޅެކެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ދެ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ޒުވާން ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން، ގުރައިދޫ ޓީމުގައި އަހުމަދު ނޫމާން (ހެލްމެޓް) ހިމެނުނުއިރު، ހުރާ ޓީމުގައި، މުހައްމަދު ތަޝްމީން (ތައްތި) ކުޅުނެވެ.
ގުރައިދޫން ވަނީ 39 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑުނަގައިފަ އެެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ އިމްހާދު އަބްދުލް ގައްޔޫމް ވަނީ ދަނޑީގައި ޖައްސާފައި ގޯލަށް ފޮނުވާލައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގުރައިދޫން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން، ގައުމީ 20 އަަހަރުން ދަށުގެ ޓީމުގެ މިޑްފީލްޑަރު، އިޝްއާފް އަހުމަދު ފިރާގު އެވެ.
ދެ ވަނަ ހާފް ފަށައިގެން ވެސް ރަނގަޅަށް ކުޅެ މެޗުގެ 57 ވަނަ މިނިޓްގައި ގުރައިދޫ ޓީމުގެ އިމްހާދު ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އިމްހާދު ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 73 ވަަނަ މިނިޓްގައި ހުރާގެ ގޯލު ޖެހީ ތައްތި އެވެ. ގުރައިދޫގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ތައްތި އަށް ލިބުނު ބޯޅަ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ.
ގޯލްޑް ކަޕްގައި މިރޭ ކުޅޭ މެޗުގައި، ކ. މާފުށިން ބައްދަލުކުރާނީ ޅ. ނައިފަރުއާ އެވެ.












