ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން އައްޑޫ ސިޓީ އާއި ޅ. ކުރެންދޫ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިއީ މި ފަހަރުގެ ގޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވަރުވި ފުރަތަމަ މެޗެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އައްޑޫ ސިޓީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ބޮންޑާގެ ލީޑަޝިޕްގެ ދަށުން ޒުވާން ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް އެކުލަވާލައިފައި އޮތް ސްކޮޑަކުން މި ފަހަރުގެ ގޯލްޑް ކަޕްގައި އައްޑޫ ޓީމު ވާދަކުރާއިރު، އެ ޓީމުގެ ކޯޗަކީ މިދިޔަ ސީޒަނުގައި ރިޓަޔާކުރި، އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

އައްޑޫ ސިޓީ ޓީމުގެ ގިނަ ހަމަލާތަކެއް ކުރެންދޫ ގޯލު ބެލެހެއްޓި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
މެޗުގައި ލީޑުނެގީ އައްޑޫ ސިޓީންނެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ 68 ވަނަ މިނިޓްގައި ހާޒިމް ފައުޒީ (ހަތީ) އެވެ. ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކުޅެދިން ހަތީ މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގަ އެވެ. ބޮންޑާ ނެގި ހިލޭ ޖެހުމެއްގައި ހާޒިމް ރިއްފަތު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހަތީ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ.
ޓީސީގެ ކޯޗު އަހުސަން ރަޝީދު (ޗޭ)ގެ އިރުޝާދުގެ ދަށުން ކުޅޭ ކުރެންދޫން އެއްވަރުކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް، އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު، ޖޯޑީ ބާޓް ޖެހި ގޯލަކުންނެވެ. މެޗުގެ 84 ވަނަ މިނިޓްގައި އޭރިއާގެ އަރިމަތިން ޖޯޑީ ނަގައިދިން ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މި ގްރޫޕްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ކ. ހުރާ އިން ބައްދަލުކުރާނީ، ކ. ގުރައިދޫއާ އެވެ.












