ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އަލީ ނަސީމް (އައްޔަ)ގެ ހެޓްރިކާ އެކު، ބ. ތުޅާދޫ އަތުން 5-1 އިން ބ. އޭދަފުށިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ގްރޫޕް ބީގެ ފުރަތަމަ މޮޅު ހޯދީ ރޭ ތ. ތިމަރަފުށި 4-0 އިން ބަލިކުރި މާލެ ސިޓީންނެވެ. އޭދަފުށިން ވެސް އެ ގްރޫޕް ފަށާފައި މި ވަނީ ރަނގަޅު ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނިޓްގައި އޭދަފުށިން ލީޑުނެގީ، ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު މުހައްމަދު އަޖުފާން ޖެހި ގޯލުންނެވެ. ޒުވާން މިޑްފީލްޑަރު، ޖައުޝަން މުހައްމަދު (ޖައުޅޭ)، އޭދަފުށީގެ ލީޑުފުޅާކޮށްދިންއިރު، އައްޔަ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭދަފުށީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ އައްޔަ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން، އަހުމަދު ހުސެއިން ވަނީ ތުޅާދޫން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފަ އެވެ.
އައްޔަ، ހެޓްރިކް ފުރިހަމަކުރީ މެޗުގެ 70 ވަަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން ޖެހި ގޯލަކުންނެވެ. މިއީ، މި ފަހަރުގެ ގޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކް އެވެ. އަދި އިންޑިވިޖުއަލީ ބަލާއިރު، އައްޔަގެ ފަހު ގޯލަކީ މިހާތަނަށް މުބާރާތުގައި އެންމެ ރަނގަޅު އެއް ގޯލެވެ.
އޭދަފުށި ޓީމުގެ ކެޕްޓަނަކީ، ށ. މިލަންދޫ ޓީމާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިޝާން އިބްރާހިމް (ސައްޓު) އެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ، މުހައްމަދު ފާސިރު (ފާއްޓޭ) ވެސް އެ ޓީމުގައި ހިމެނެ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސީގައި، ޅ. ކުރެންދޫ އާއި އައްޑޫ ސިޓީ ބައްދަލުކުރާ މެޗެވެ.












