ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ބެލެވޭ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ތަލާލް މޫސާ 37މ މާލެ ދަފުތަރު ނަންބަރު ރސ 9022 ކަމަށެވެ.
ފުލުހުން ބުނީ ތަލާލު ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގައި ކަމަށެވެ. އަދި އެމީހާއަށް ބިރުދައްކައި އޭނާގެ އާއިލާއަށް ގުޅައި ފައިސާއަށް ތަލާލު ޑިމާންޑު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.












