ޑރ ޝަޒްރާ އާއި ޝާދިޔާގެ މައްސަލައަށް އިސްލާމީ ކަޅިއެއް

ޝާދިޔާ އާއި ޑރ ޝަޒްރާ

ޝާދިޔާ އާއި ޑރ ޝަޒްރާ

ހުސްވެގެންދިޔަ ހަފުތާގައި އަޅުގަނޑަށް އެންމެ ބޮޑު ސިހުމެއް ގެނައި ސުރުހީއަކީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ކުށްވެރިކޮށް، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން އުޅުނު ދެ ހަރަކާތްތެރިއެއްގެ މައްޗަށް ދިވެހިރާއްޖޭގެ ދައުލަތުން ޖިނާއީ ދައުވާ އުފުލިކަމުގެ ހަބަރެވެ. އެ ދެ ބޭފުޅުން ކުރިކަމަށް ބުނާ އަމަލުތަކުގެ މައްޗަށް ޖިނާއީ ދައުވާކޮށް، އެ ދެ ބޭފުޅުން ޖަލަށްލުމަށް ދިވެހި ސަރުކާރުން މިސްރާބު ހިފި މިދަނޑިވަޅުގައި އެކަނބަލުންގެ އަމަލުތައް ދީނީ އަދި ޝަރުޢީ އުސޫލުތަކަށް ހުށަހަޅައި، ހިޔާލެއް ފާޅުކޮށްލުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.

ހަބަރުތަކުން އާންމުވެފައިވާ މައުލޫމާތުތަކާއި، އެކިގޮތްގޮތުން ސޯޝަލް މީޑިއާގައި ދައުރުވެފައިހުރި ވީޑިއޯތަކާއި، އެކަމުގައި މީހުން ކޮށްފައި ހުރި ކޮމެންޓްތަކާއި ރަސްމީ އިދާރާތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ދެ ބޭފުޅުންނަށް ތުހުމަތުކުރެވޭ އަމަލުތަކަކީ ކޮބައިކަން ސާފުވެފައި އޮތުން މުހިންމެވެ. ދެ ކަނބަލަކު ތަކުރާރުކޮށް ހިންގަމުންދިޔަ ހަރަކާތަކީ، ދިވެހިރާއްޖޭގައި ހުރި ޑިޕްލޮމެޓިކް މިޝަންތަކާއި ބައެއް ގައުމުތަކުގެ އެމްބަސީތައް ކައިރީގައި އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމުގެ ހަރަކާތެކެވެ. ފާޅުކުރަމުންދިޔަ ޝުއޫރުތަކަށް ބަލާއިރު، އޭގެ ޖައުހަރަކީ ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުގެ ޔަހޫދީ އަނިޔާވެރިން މެދުނުކެނޑި ހިންގަމުން އެގެންދާ ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރުމާއި އެކަމުގައި ފިޔަވަޅެއް އެޅުމަށް މުޅި ދުނިޔެ ނުކުޅެދިފައިވާހިނދު، އެންމެ ކުޑަމިނުން ކުރެވެން އޮތް ކަމެއް އިންސާނުންގެ ހައިސިއްޔަތުން އަދާކުރުމެވެ. ކަންކަން ކުރެވޭނެ ބާރުވެރިކަން ހުރި ގައުމުތަކުގެ ސަފީރުންނަށް އަޑުއިއްވައި އިހުތިޖާޖުކުރުމެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވަނީ، މުންކަރާތެއް މަނާކުރެވޭ މިންވަރުގެ ބާރު ނެތަމަ، އެކަމެއް ދުލުން މަނާކުރުމަށެވެ. ދުލުން މުންކަރާތް މަނާކުރުމުގެ މާނައިގެ ތެރޭގައި ބާރުވެރިންނާ ހަމައަށް އަޑު ފޯރުވައިދިނުމާއި ޝުޢޫރުތައް އުފުލައިދިނުން ހިމެނެއެވެ. ޔަހޫދީ އިޒްރޭލުން އެހިންގަނީ މުންކަރާތުގެ މައްޗަށް ކިތައް މުންކަރާތްތޯ އެވެ. އަނިޔާގެ މައްޗަށް އެބައިމީހުން ހިންގަމުންގެންދާ ޓެރަރިޒަމްގެ އަމަލުތަކަކީ އޭގެ ދެވަނަ މިސާލެއް ވެސް ފެންނާން ނެތް އަނިޔާވެރި ކަންތައްތައްކަމަށްވީހިނދު، އެވާހަކަ ދައްކާ މީހުންނަށް އަދަބު ދީފައި، މަސްއޫލިއްޔަތާއި ޒިންމާއިން ވީހާ ބޮޑަކަށް ރެކެން އުޅޭ ބަޔެއްގެ ހިމާޔަތުގައި ތެދުވުމީ ކަނޑައެޅިގެން ޔަހޫދީންނަށް އެއްބާރުލުންދިނުން ފިޔަވައި އެހެން ގޮތަކަށް ސިފަކުރެވޭނެ ކަމެއް ނޫނެވެ.

ޑރ ޝަޒްރާ އައި ޝާދިޔާގެ މަސައްކަތްތައް ގޯސްކޮށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ، ފަލަސްތީނު މައްސަލާގައި ހިޔާލުފާޅުކުރުމާ ތިމާމެން ދެކޮޅު ނޫންކަމަށާއި ނަމަވެސް އެކަން ކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކޮށްފައިވާކަމަށެވެ. އަދި އެކަން ކުރަނީ އެމްބަސަޑަރުންނާއި އެމްބަސަޑަރުންގެ އާއިލާތަކަށް އުނދަގޫވާ ގޮތަށްކަމަށެވެ. އަދި އެ ދެހަރަކާތްތެރިން ބައެއް އެމްބަސީތަކަށް ކުނިވެސް އަޅާފައިވާކަމަށެވެ.

މި ތުހުމަތުތަކުގެ ތެރޭގައި ކަނޑައެޅިގެން ދޮގުކަން އަޅުގަނޑަށްވެސް ޔަގީންވާ ކަންކަން އެބަހުއްޓެވެ. އެއް ދޮގަކީ ހަޑިހުތުރު ބަހުރުވަ ބޭނުންކުރި ކަމަށް ބުނެ ހަދާ ދޮގެވެ. އޭގެ ދެ ބޭފުޅުން ހިންގި ހަރަކާތްތަކުގެ މަދުނޫން ވީޑިއޯ އަޅުގަނޑަށް ވެސް ބެލިއްޖެއެވެ. އެއްވެސް ތަނެއްގައި އެއްވެސް މަހައްލެއްގައި ހަޑިހުތުރު ބަހުރުވައެއް ބޭނުންކޮށްފައި ނުވެއެވެ. އެހެންވީމާ އެއީ ކަނޑައެޅިގެން ދޮގެވެ. އަދި ދައުލަތެއްގެ ސިފައިގައި އެފަދަ ދޮގުގެ މައްޗަށް ޖިނާއީ ދައުވާތައް ބައްޓަންކުރުމަކީ ހުއްދަވެގެންވާނެ ކަމަކަށް ނުވާނީ އެކަންޏެއް ނޫނެވެ. އެބާވަތުގެ ކަންކަން ހިމެނޭނީ، ޤިޔާމަތްދުވަހުން އަނދިރިވެގެންވާ އަނދިރީގެ ގޮތުގައި ސިފަކުރެވިފައިވާ އަނިޔާވެރިކަމުގެ ތެރެއިންނެވެ.

ދެން އޮތީ އެމްބަސީތަކަށް ކުނިއެޅިކަމަށް ބުނާ ތުހުމަތެވެ. މި ތުހުމަތުކުރާ ފަރާތްތަކުން ފަތުރަމުންދާ ވީޑިއޯ އަޅުގަނޑު ބަލައިފީމެވެ. އެ ވީޑިއޯއިން ފެންނަނީ، ކަފުނެއް ގޮތަށް ހަދާފައިވާ އެއްޗެއް އެމްބަސީ ކައިރީ ބަހައްޓާ މަންޒަރެވެ. ޝަހީދުކުރެވިފައިވާ ކުޑަކުއްޖެއްގެ ކަފުނާ އެއްގޮތަށް ރަމްޒީ ކަފުނެއް ބޭނުންކޮށްގެން ފަލަސްތީނު މައްސަލާގައި ޝުޢޫރު ފާޅުކުރުމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ސުލްހަވެރި އެއްވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފަލަސްތީނު މައްސަލާގައި އެންމެ ހިތްވަރާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަރަކާތްތެރިން ފަލަސްތީނު މައްސަލައިގެ ޝުޢޫރީ ރަމްޒެއްގެ ގޮތުގައި ބަލައިގަނެފައިވާ މިދެންނެވުނު ޝަހީދުކުރެވިފައިވާ ކުޑަކުއްޖެއްގެ ކަފުނުގެ ރަމްޒަކީ 'ކުނި' ކަމުގައި ސިފަކުރުމަކީ އަދުގެ އިސްލާމީ ދުނިޔެއަށް ލޯ ހުޅުވިފައިވާ މީހަކު ގަސްދުގައި ކުރިނަމަ އެކަން ކުރި މީހެއްގެ އަޚްލާޤެއް ސުލޫކެއް ނެތްކަމުގެ ހެއްކެއްކަމުގައި މެނުވީ ނުވެއެވެ.

އަޅުގަނޑުމެން ޓީވީތަކުން ވެސް އެބަ ދެކެމެވެ. ފަލަސްތީނު މައްސަލާގައި ޝުޢޫރު ފާޅުކުރާ އެތައް ބަޔަކު ހާހުގެ އަދަދުތަކުން ގައުމުތަކުގެ އެމްބަސީތައް ކައިރިއަށް އެއްވެއެވެ. އަދި ޝަހީދުކުރެވޭ ކުޑަކުދިންގެ ކަފުނުގެ ރަމްޒާ އެއްގޮތަށް ހެދިފައިވާ ޝުޢޫރު ފާޅުކުރުމުގެ ވަސީލަތަކީ އާންމުކޮށް އެފަދަ އެއްވުންތަކުގައި ބޭނުންކުރެވޭ އުސްލޫބެކެވެ. އެކަމާ މޭބޮޑުވެގެން އެއީ ކުނިކަމުގައި ސިފަކޮށްގެން ޣައިރު މުސްލިމުން ވެސް އުޅޭ ތަނެއް ނުފެނެއެވެ.

އާދޭހެވެ! ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނާއި މެހެމާނުންނަށް އަދި އޭގެ ތެރޭގައި ހިމެނޭ ޣައިރު މުސްލިމުންނަށް އިސްލާމްދީނުގައި މެހެމާނުންނަށާއި މުސްތައުމަނުންނަށް ކަނޑައަޅާފައިވާ ޙައްގުތައް ލިބިދޭންވާނެއެވެ. އަދި އެއްވެސް ނަމެއްގައި އެއިން މުސްތައުމަނެއްގެ ހައްގަކަށް އަރައިގެނެގެންނެއް ނުވާނެއެވެ. މިހާރު ދައުލަތުގެ ދައުވާ އަމާޒުކޮށްފައިވާ ދެމީހުންނަކީ އެފަދަ ކަމެއް ކުރި ބަޔެއް ނޫނެވެ.

މިރާއްޖޭގެ ފަތުރުވެރިންގެ އަތްދަބަސް ފޭރި، ބައެއް ފަތުރުވެރިންނަށް ވަޅިން ހަމަލާދީ އެބާވަތުގެ ހާދިސާތައް ގިނަވިއިރު، މުސްތައުމަނުންގެ ހައްގުތަކޭ ބުނެ އެއްޗެއް ދެންނެވީ ވެސް ނިކަމެތި އަޅުގަނޑެވެ. އޮކްޓޯބަރު 29، 2021 ގައި އަޅުގަނޑުގެ ނަމުގައި ޝާއިއުކުރި، މި އާޓިކަލްއިން އެކަމުގެ ހެކި ފެންނާނެ އެވެ. އަދި އެ އާޓިކަލްގައި ހަވާލާދީފައި ހުރި ހާދިސާތަކަކީ، އިންތިހާ ދަރަޖައިގެ ނުރައްކާތެރި ކަންކަމެވެ. އަދި ހަގީގަތުގައި މުސްތައުމުންގެ ހައްގުތައް ގެއްލިގެންދިޔަ އެހާދިސާތަކާ ގުޅިގެން އޭރު 'ބޭފުޅަކު' ކުރެއްވި ފޭސްބުކް ޕޯސްޓެއް، އެމައްސަލަތަކުގައި ދައުވާ ނުކޮށްގެން 'ކުރި މަސައްކަތެއް' ފެންނާކަށް ނެތެވެ.

އިސްލާމީ އުސޫލުތަކަށް ބަލާއިރު، އެމްބަސަޑަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ޣައިރު މުސްލިމަކު ހަރަކާތްތެރިވާނަމަ، އެމީހަކަށް މުސްތައުމަނެއްގެ ހައްގު ލިބިދެވެންވާނެކަމާމެދަކަށް ބަހުސެއް ނެތެވެ. އެހެންނަމަވެސް އާންމު ފަތުރުވެރިއަކާ އޭނާ ތަފާތުވެއެވެ. އެހެނީ އޭނާއަކީ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް އޮތް ފަރާތެކެވެ. އަދި އޭނާއަކީ ދިވެހިރާއްޖެއަށް ވަކި ގައުމަކުން ކަނޑައަޅާފައިވާ ސަފީރަކަށްވާއިރު، އޭނާއާ ހަމައަށް ދިވެހިންގެ ޝުޢޫރުތައް އުފުލުމުގައި އޮތީ ކޮން މައްސަލައެއްހެއްޔެވެ؟ އޭނާގެ ގައުމުގެ ވެރިން ގާތު ދިވެހިން ބުނަން ބޭނުންވާ ވާހަކަ ބުނާނީ އޭނާ މެދުވެރިވެގެން ނޫންހެއްޔެވެ؟ ދައުލަތްތަކުގެ ނިޒާމަކީ މިއީ އެއް ނޫންހެއްޔެވެ؟

ބިރު ދެއްކުމެއް އަނިޔާވެރިކަމެއް އޭގައި ނުވާ ސުލްހަވެރި ޝުޢޫރުތަކަކުން އަދި ދުނިޔެ ބަލައިގަނެފައިވާ ރަމްޒީ ވަސީލަތްތަކުން އެ ޝުޢޫރު ފާޅުކުރިޔަސް އެކަން އެއީ ދީނީ ގޮތުން ހުއްދަ ކަންކަމެވެ. އޭގައި ހަރާންވާނީ، ސަފީރުންގެ ގޮތުގައި އައްޔަންކުރެވިފައި ތިބޭ މީހުންނަށް ބިރުދެއްކުމާއި އަނިޔާކުރާނެކަމުގެ އިންޒާރުދިނުމާއި ތަޅާއަނިޔާކުރުން ފަދަ ކަންކަމެވެ. މިއިން ކަމެއް މި ހަވާލާދެވޭ ދެ ހަރަކާތްތެރިން ނުކުރާ ކަމީ އެނގެން އޮތް ހަގީގަތެކެވެ.

އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމު ބަލައިގަނެފައިވާ އެންމެ އާންމު އެއް ހަމައަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއެޅުމުގައި، ކުށުގެ ރިކޯޑު ހުންނަ ފާސިގުންގެ ގޮތުގައި މުޖުތަމައަށް މަޝްހޫރު މީހުންނާ އެއްފަދައަކުން، އެފަދަ ކުށުގެ ރިކޯޑެއް ނެތް އަބުރުވެރި ދިރިއުޅުމެއް އުޅެމުންދާ ފަރާތްތަކާމެދު އަމަލުނުކުރުމުގެ އުސޫލެވެ. މިއުސޫލަށް ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ އޭނާގެ ފަތުވާތަކުގައްޔާއި އޭނާގެ ދަރިވަރު އިމާމް އިބްނުލްޤައްޔިމް ވެސް އެތައް ފަތުވާއެއްގައި ރިއާޔަތްކުރައްވާފައިވެއެވެ.

ޑރ ޝަޒްރާއި ޝާދިޔާ މައްސަލާގައި މި އުސޫލުވެސް އެކީ އެކަށް ދުރަށްލައި، ކުށެއް ނެތް ދެ މީހަކު ޖަލަށްލުމަށް ދައުލަތަކުން މިސްރާބު ހިފާފައިވަނީ، ދައުލަތެއްގެ ސިފައިގައި ދިވެހިންގެ ކާބަފައިންނާއި އަންނާން އޮތް ޖީލުވެސް ލަދުގަންނާނެ ދަރަޖައަކަށެވެ. ނުފޫޒު ހުރި މީހަކަށް ކުރެވުނު ޒުވާބަކާހުރެ އެމީހެއްގެ އީގޯއަށް އެޅޭ ކާނާއެއްގައި ދައުލަތަކުން ދައުލަތެއްގެ ސިފަ ގެއްލޭވަރުގެ ކަންތައްތަކެއް މުއައްސަސާތަކަކުން ކުރުމަށްވުރެ ދައުލަތަކަށް ކުރެވޭނެ ދަށް ލަދުވެތި ކަމަކީ ކޮބާތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox