ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އައިޝަތު އަޒީމާ ހަމަޖައްސަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު މަޝްވަރާ ދީފި އެވެ.
އިންޑިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އަޒީމާ އައްޔަނުކުރަން މަޖިލީހަށް ފެންނަ ކަމަށް ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓާ އެކު އެވެ. އެ މަގާމަށް އަޒީމާ އައްޔަނު ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ރާއްޖެއިން މިހާރު އިންޑިއާއަށް ކަނޑައަޅާފައި ހުންނަވަނީ އިބްރާހިމް ޝަހީބެވެ. ނަމަވެސް އޭނާ ބަދަލު ކުރަނީ ސަފީރު ކަމުގެ ޓާމް ހަމަވާތީ އެވެ.
ޝަހީބު އިންޑިއާގެ ސަފީރުގެ މަގާމަށް އައްޔަން ކުރީ ނޮވެމްބަރު، 2022، ގަ އެވެ. ނަމަވެސް އޭނާގެ ދައުރު ގުނަނީ ކުރިން ސިންގަޕޫރުގެ ސަފީރުގެ ގޮތުގައި ވެސް ހުންނެވި ދުވަސްތައް ހިމަނައިގެންނެވެ.
އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަޒީމާ ހަމަޖައްސަން އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ޖުލައި 15، ގަ އެވެ. އަޒީމާ އަކީ އެ މަގާމަށް ހަމަޖައްސަން އެކަށީގެންވާ ފަރާތެއްތޯ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިމަހުގެ 14 ގަ އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ހާރިޖީ ކޮމިޓީގެ އިއްތިފާގުން ނިންމާފައި ވަނީ އަޒީމާ އަކީ އެ މަގާމަށް އައްޔަނު ކުރަން އެކަށީގެންވާ ފަރާތެއް ކަމަށެވެ.
އަޒީމާ ވަނީ މީގެ ކުރިން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓު ސެކްރެޓަރީގެ މަގާމާއި އެ ކޮމިޝަނުގެ މިނިސްޓާ ކައުންސެލާގެ މަގާމު ފުރުއްވައިފަ އެވެ.
އޭގެއިތުރުން ފޮރިން މިނިނިސްޓަރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޑިރެކްޓަރު ކަމުގެ އިތުރުން ޖޮއިންޓު ސެކްރެޓަރީގެ މަގާމު އަޒީމާ ފުރުއްވާފައިވެ އެވެ.












