އިޒްރޭލުން ރޭ އިރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށް ބުނެ ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
މިގޮތުން، ބައިނަލްއަގުވާމީ މިންގަނޑުތައް ހިފަހައްޓައި ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް ބޯލެނބުމަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
އިޒްރޭލުން އިރާނަށް އަމާޒުކޮށް ދިން ހަމަލާ ތިން ޕްރޮވިންސެއްގެ 20 ތަނަކަށް އަމާޒު ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެ ހަމަލާގައި ފޮނުވާލި ގިނަ މިސައިލްތައް އިރާނުން ހުއްޓުވި އެވެ.
އިޒްރޭލުން އިރާނަށް ހަމަލާ ދިނީ އޮކްޓޯބަރު 1، ގައި އެ ގައުމަށް އިރާނުން ފޮނުވާލި 200 ބެލެސްޓިކް މިސައިލް ހަމަލާގެ ރައްދުގަ އެވެ. އެ ހަމަލާގައި އިޒްރޭލުގެ މިލިޓަރީ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނުގެ ގާޒާގެ އިތުރުން ލުބްނާނުގައި ގަތުލްއާންމު ހިންގަމުންދާ އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ އެކި ގައުމުތައް ގުޅިގެން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވެ އެވެ.













