މާލިއްޔާ ނުބެލެހެއްޓިގެން ކުރިމަތިވެފައިވާ "މާލީ ތަދުމަޑުކަމުން" އަރައިގަތުމަށް ޓަކައި ޓޫރިޒަމް ދާއިރާއާ ގުޅޭ ޓެކްސްތައް ބޮޑުކުރާއިރު، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން، ޓޫރިޒަމް ދާއިރާގެ އެންމެ ދުވަސްވީ ރާއްޖޭގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ސިޓީ ފޮނުވާފައި ވަނިކޮށް، އެފަދަ ލިޔުމެއް ލިބިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޓެކްސް ބޮޑު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވައުދާ ހިލާފުވެ، އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވަނީ ގްރީން ޓެކްސް، ޓީޖީއެސްޓީ، އެއާޕޯޓު ޑިވެލޮޕްމެންޓު ފީ، ޑިޕާޗާ ޓެކްސް ބޮޑުކުރުމަށެވެ.
"ހުށަހެޅިފައިވާ ޓެކްސްތަކުގެ އިތުރުކުރުމުގެ މިންވަރާއި މި އިސްލާހުތައް ތަންފީޒުކުރަން ހުށަހަޅާފައިވާ ކުރު މުއްދަތުގެ ތާވަލުތަކާ ގުޅިގެން އަޅުގަނޑުމެންގެ މެންބަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ބައިވަރު ސްޓޭކްހޯލްޑަރުންގެ ބޮޑެތި ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ދަނީ ހިއްސާކުރަމުންނެވެ،" ރާއްޖޭގެ ޓޫރިޒަމްގެ ބާނީން ވެސް މެންބަރުންގެ ގޮތުގައި ތިއްބެވި މަޓީން، މަޖިލީހުގެ ރައީސްއަށް މި މަހު 20 ގައި ފޮނުވި ސިޓީގައިވެ އެވެ.
"މިކަމާ ގުޅިގެން މި އިސްލާހުތައް ދިރާސާކުރާ ކޮމިޓީއާ ބައްދަލުކޮށް މި ކަންބޮޑުވުންތަކާއި ހުށަހެޅުންތައް އިސްލާހުކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ."
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ސުވާލު ކުރެއްވީ ޓެކްސްތައް ބޮޑުކުރާތީ އެ ދާއިރާގެ އެއްވެސް ކަހަލަ ކަންބޮޑުވުމެއް ލިޔުމުން ހުށަހަޅާފައިވޭތޯ އެވެ.

ޖަވާބުގައި މަޖިލީހުގެ ރައީސް ވިދާޅުވީ "އެ ފަދަ ލިޔުކިޔުންތަކެއް އަދި ނެތް،" ކަމަށެވެ.
ޖޫން 1، 2025 އިން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަނީ 16 ޕަސެންޓުން 17 ޕަސެންޓަށެވެ. މި ޓެކްސް ބޮޑުކުރުމުން އަންނަ އަހަރު 201.9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ލަފާކުރި އެވެ.
ޑިޕާޗާ ފީ އަދި އެއާޕޯޓް ޑިވަލޮޕްމަންޓު ފީ ނަގާ ނަގަށް ފަށާނީ ޑިސެމްބަރު 1، 2024 އެވެ.
ޑިޕާޗާ ޓެކްސް
- އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ ފީ 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.
- އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.
- ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.
- ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.
- ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.
އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް
- އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ ޓެކްސް 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.
- އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.
- ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.
- ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.
- ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި 50 ކޮޓަރިއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ހުރި ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ކޮންމެ ދުވަހަކަށް، މިހާރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތިން ޑޮލަރު، ހަ ޑޮލަރަށް ބަދަލުކުރުން ވަނީ ހިމަނާފަ އެވެ.
ރިސޯޓުތަކާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ އެހެން ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގާ ހަ ޑޮލަރުގެ ބަދަލުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގަން ހުށަހަޅާފައިވަނީ 12 ޑޮލަރެވެ. އާ އަދަދުތަކުން ޓެކްސް ނަގަން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1، އިން ފެށިގެންނެވެ.
އޭގެ އިތުރުން، ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ދެ އަހަރުން ދަށުގެ ކުޑަކުދިން ގްރީން ޓެކްސް އިން އިސްތިސްނާ ކުރުމަށް ވެސް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެ އެވެ.
މި ބިލްތައް މުޅި މަޖިލީހުގެ ކޮމިޓީން ދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް މަޓީއާ ބައްދަލުކުރަން އަދި ތާވަލެއް ނުކުރެ އެވެ.
ޓެކްސް ބޮޑު ނުކޮށް، ފުޅާކުރާނީ ޓެކްސް ބޭސް ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.












