ވޭޕު ބޭނުން ކުރާ މީހުން 5000ރ. ޖޫރިމަނާ ކުރުމަށާއި ވޭޕު ސްޓިކެއް ނުވަތަ އެފަދަ އައިޓަމެއް ވިއްކާ ނަމަ ނުވަތަ ހިލޭ ދޭ މީހުން 20،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑްރާފްޓު ކޮށްފި ކަމަށް އިއްޔެ ރިޕޯޓުކޮށްފި އެވެ.
"އަދަދު" އަށް ލިބިފައިވާ ބިލުގެ ޑްރާފްޓުގައި ވަނީ ވޭޕް ކުރާ މީހުންނަށާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށެވެ. ނަމަވެސް މި ޑްރާފްޓަށް އަދި ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ.
ވޭޕް މަނާ ކުރުމަށްޓަކައި އިސްލާހު ގެންނަން ނިންމާފައި ވަނީ ދެ ގާނޫނަކަށެވެ. އެއީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓު ގާނޫނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ޑްރާފްޓު ކޮށްފައި ވަނީ:
- އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ބޭނުން ކުރާ މީހުން 5000ރ. އިން ޖޫރިމަނާ ކުރުން
- އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20،000ރ. އިން ޖޫރިމަނާ ކުރުން
- އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ކުޑަކުދިންނަށް ވިއްކުން ނުވަތަ ދިނުން މަނާ ކުރުން
- އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ކުޑަކުދިންނަށް ވިއްކައިފި މީހަކު ނުވަތަ ބަހައިފި މީހަކު 50،000ރ. އިން ޖޫރިމަނާ ކުރުން
އެކަން ކުރުމަށް ޓަކައި ގާނޫނަށް ގެންނަޖެހޭ އިސްލާހުތައް މި ހަފުތާގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.
ވޭޕު ކުރުމަކީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް މުޅީން މަނާ ކަމެކެވެ. އަދި، 73 ގައުމެއްގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ތަކެތި ބޭނުން ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުން ލާޒިމު ކޮށްފައިވެ އެވެ.












