އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު ދުނިޔޭގައި ބޮޑުވަމުންދާއިރު ޑިމޮކްރަސީ ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ކުރިއަރައިދާ ވަރަކަށް އީޖާދީ ވިސްނުމާއި ގަވާއިދުތަކާ ހަމަހަމަކުރަން ޖެހޭ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޑިމޮކްރަސީ ހިމާޔަތްކުރުމުގައި އިސް ދައުރެއް އަދާކުރާ ބައެއް. ދޮގު މައުލޫމާތު ފެތުރުމާއި މައުލޫމާތު އޮޅުވައިލުމަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް," އެމަނިކުފާނު ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަ ކުރިއަށް ގެންދެވީ މި ފަހަރުގެ އައިޕީޔޫ އެސެމްބްލީގެ ދާއިރާ ކަމަށްވާ "ސުލްހަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން" އިންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމުން ރައްކާތެރިވުމަށް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ކަންކަމަށް އަބްދުއްރަހީމް އަލިއަޅުއްވައިލެއްވި އެވެ.

މި އެސެމްބްލީގައި އަބްދުއްރަހީމްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.












