ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފުސީލު ހޯދުމަށް އެކި ފަރާތްތަކުން އެދެމުންދާ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ސިޓީއެއް ފޮނުވައި އެކަން މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ.
އިދާރާއިން ފޮނުވި ސިޓީގެ މައްސަލަ 241 ކޮމިޓީން ބަލަން ފެށި މިއަދު އެވެ. ކޮމިޓީގެ މުގައްރިރު ސިޓީ ލިބިފައިވާކަން ހާމަކުރުމާއެކު ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބައްދަލުވުން ސިއްރުކުރަން ހުށަހަޅާފަ އެވެ. އެކަމަށް ތާއީދުކުރެއްވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.
އެހެންވެ މިއަދުގެ ބައްދަލުވުން ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ.
މަރާމާތަށް ފަހު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26، ގަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މުރައިދޫ ގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފަ އެވެ.
އެގޮތުން، އެ ގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އަދި ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖެއްސިކަން ނޫސްތަކުގެ ސުރުހީއަށް އެރި އެވެ. ނަމަވެސް މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ލިބޭ މުސާރައިގެ ތަފުސީލެއް ނޭނގެ އެވެ.

މަޖިލީހުގެ ރައީސްއަށް ހާއްސަ ގެއެއްގެ ގޮތުގައި މުރައިދޫ ހަމަޖެއްސީ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް އެ ގެ ހާއްސަ ކުރެއްވީ، މެއި 6، 2021 ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ގުޅިގެންނެވެ.
ނަމަވެސް، ނަޝީދަށް ފަހު 19 ވަނަ މަޖިލީހުގެ ރައީސްއަކަށް އިންތިހާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މުރައިދޫގޭގައި ދިރިނޫޅުއްވަ އެވެ. އެ ގެ ހުސްކޮށް ހުރުމަށްފަހު މަރާމާތު ކުރަން ފެށީ 20 ވަނަ މަޖިލީހުގެ އިންތިހާބަށްފަހު އެވެ.













