އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބައެއް މެންބަރުން ރޭ ފުރާވަޑައިގެންފި އެވެ.
ސްވިޒަލެންޑުގެ ޖެނީވާގައި މި މަހުގެ 13-17 އަށް ބާއްވާ އައިޕީޔޫގެ 149 ވަނަ އެސެލްބްލީގައި އަބްދުއްރަހީމްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއާ ސަލާމްކުރައްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
އައިޕީޔޫ އެސެމްބްލީގެ މި ފަހަރުގެ މައުލޫއަކީ ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ.

މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ދެ ވަނަ ދަތުރެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް ކަންކަން ތަންފީޒު ކުރުން އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އައިޕީޔޫ އިން އިންތިޒާމުކޮށްގެން އޯގަސްޓު މަހު ޗައިނާގައި ބޭއްވި ސެމިނާރުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަތެވެ.
އެ ދަތުރުގައި ވެސް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ ޖަލްސާތައް އެއް ހަފުތާއަށް ފަސްކުރީ ބްރޯޑްކާސްޓިން ރޫމުގެ މަސައްކަތް ނުނިމޭތީ ކަމަށް، މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި އޮތަސް، އެއީ ހަގީގަތެއް ނޫންކަން ބައެއް މެންބަރުން އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ.













