މަޖުބޫރުން ބަދަލުވި ހާރިޖީ ސިޔާސަތު: ދޮގުތައް ބޭޒާރުވެ، އާންމުން ކުރިމަތީ ފަލީހަތްވެއްޖެ

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ސާފު ހާރިޖީ ސިޔާސަތެއް ހިއްޕަވައިގެންނެވެ. އެމަނިކުފާނުގެ ވާހަކަ އާއި ވިސްނުން ހުންނެވީ އަވައްޓެރި އިންޑިއާ ދުރުކޮށް، ޗައިނާއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

ރައީސް މުއިއްޒު އާއި ޗައިނާއާ ގުޅުން ބަދަހިވީ ހައުސިން މިނިސްޓަރުގެ މަގާމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޗައިނާއިން ރާއްޖޭގައި ބޮޑެތި މެގަ ޕްރޮޖެކްޓުތައް ހިންގި ދުވަސްވަރެވެ.

އެ ދުވަސްވަރު އުފެދުނު ގުޅުމުގެ ގާތްކަން އެނގެނީ، ހުޅުމާލެއިން ރައީސް ބައްލަވައިގެންފައި ހުރި ގެއެއްގައި، ޗައިނާ ކުންފުންޏެއްގެ ބަޔަކު، އެމަނިކުފާނަށް ކުލި ދައްކާ ގޮތަށް ބޭތިއްބުންނެވެ. ދާދިފަހުން، ވެރިކަމުގައި ހުންނަވައިގެން ވެސް ރައީސް ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑުގެ ރޯހައުސް ލިބުނު ދުވަހުން ފެށިގެން ކުއްޔަށް ނަގައިގެން ތިބި މީހުންގެ ރެންޓާ އެއްޗެހި ހުރި ރިޕޯޓެއް. ބޭރު ބަޔަކަށް ކުއްޔަށް ދީފައި ހުންނާނީ ތިރީގައި ހުރި ދެ އެޕާޓްމަންޓު. އެ ކުލި އޭގައި އެ ހުރީ،" އޭޕްރީލް 16، ގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށްފަހު މާލޭގެ މޭޔަރުގެ މަގާމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް ޗައިނާއިން ދިޔައީ މާލޭ ސިޓީ ކައުންސިލާ ގުޅުން ބާއްވަމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވީ "އިންޑިއާ ފަސްޓް" ޕޮލިސީއެއް ނަމަވެސް، މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު ގެންދެވީ، ސަރުކާރުގެ ވިސްނުމާ ހިލާފަށް ޗައިނާއާ ގުޅުން ބަދަހި ކުރައްވަމުންނެވެ.

"އިންޑިއާއަކީ ދުޝްމަނުން"

ވެރިކަމަށް ވަޑައިގަތުމަށް ރައީސް އެންމެ ބޮޑަށް ވިއްކެވީ ރާއްޖޭގެ ސިޔާދަތަށް އިންޑިއާގެ ސަބަބުން ނުރައްކާވެފައިވާ ވާހަކަ އެވެ. އެމަނިކުފާނުގެ ބަހުރުވައިން ނަމަ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން އޭރު "އޮޔާދަނީ" އެވެ.

"ފެނިގެން ދަނީ ކޮން މަންޒަރެއްތޯ؟ ފެންނަނ،ީ ގައުމު އޮޔާދާ މަންޒަރު. ހުރިހާ މަންޒަރަކުން ވެސ،ް ހުރިހާ ނަޒަރިއްޔާތަކުން ވެސ،ް ގައުމު އޮޔާދާ މަންޒަރު. ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު، ގައުމުގެ އިސްތިގުލާލު އޮޔާދާ މަންޒަރ،ު ގައުމުގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު،" އޯގަސްޓު 10، 2023، ގައި އިންޑިއާއާ ގުޅުވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު އެމަނިކުފާނު ތަންފީޒު ކުރަން ފެށްޓެވި އެވެ. އެމަނިކުފާނުގެ އެއް އަމާޒަކަށްވީ ދައުރުގެ ފުރަތަމަ ފުރަމާނަ ދަތުރު ޗައިނާއަށް ކުރެއްވުމެވެ. އެކަން ކުރެއްވި ވެސްމެ އެވެ. އެނބުރި ގައުމަށް ވަޑައިގެންނެވީ ޗައިނާއާއެކު 20 އެގްރިމެންޓެއްގައި ސޮއި ކުރެއްވުމަށްފަހެވެ.

ޖެނުއަރީ 13، 2024، ގައި ޗައިނާއިން އެނބުރި ވަޑައިގެން ހުޅުލޭގައި ހުންނަވައި، ރައީސް ދެއްވި ސްޕީޗަކީ ރާއްޖެ/އިންޑިއާ ގުޅުން އެންމެ ބޮޑަށް ގޯސްވި ސަބަބެވެ. އެ ދުވަހު ރައީސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދެއްވީ ގައުމެއްގެ ވެރިޔަކު އަދި ޑިޕްލޮމެޓަކު ވެސް ވާހަކަ ދައްކައިގެންނުވާނެހައި ހަރުކަށި ބަހުރުވައަކުންނެވެ.

ރައީސް މުއިއްޒު އެ ދުވަހު ތުހުމަތު ކުރެއްވީ، އިންޑިއާއިން ކުރީގެ ރައީސް ސޯލިހުގެ ސަރުކާރު ގެންގުޅުނީ އަޅުވެތިކޮށްގެން ކަމަށެވެ. ސޯލިހުގެ ސަރުކާރު އަޅުވެތިފައިވާ މިންވަރަކީ، އިންޑިއާއިން ހުއްދަ ނުދެނީސް އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި ވެސް ނުއިށީންދެވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ދުވަހުގެ ވާހަކައިގެ ތެރެއިން، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ނިންމާލައްވަމުން އިނގިރޭސި ބަހުން ވިދާޅުވީ، "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ" ކަމަށެވެ.

އެއިރު، ރައީސްގެ ވާހަކަ އަޑުއަހަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރު ހުންނެވި އެވެ. ރައީސްގެ ވާހަކަ ނިންމަވައިލައްވަމުން، ސީދާ އިނގިރޭސި ބަހުން އެ ތަންކޮޅު ވިދާޅުވީ މުނޫއަށް އަޑު އިއްވުމަށް ކަމަށް ބެލެވެ އެވެ.

ޗައިނާގެ ރަނގަޅު ވާހަކަތައް

ހުޅުލޭގައި ރައީސް ދެއްކެވި ވާހަކަތަކުގެ ތެރެއިން، ޗައިނާއިން ރާއްޖޭގެ ސަރަހައްދީ ސިޔާދަތަށް އިހުތިރާމް ކުރާނެ ވާހަކަ އާއި ޗައިނާއިން ރާއްޖޭގެ އެތެރޭގެ ކަންކަމާ ނުބެހޭނެ ވާހަކަ ވިދާޅުވި އެވެ. ރައީސްގެ ވާހަކަތަކުން ދޭހަވީ، ޗައިނާއިން ލިޔެ، ދުނިޔެއަށް ދައްކާ ފޮރިން ޕޮލިސީ އެމަނިކުފާނު ހަމަ ހަގީގަތުގައި ވެސް ގަބޫލު ކުރެވުނު ކަމެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ،" ރައީސް ވިދާޅުވެފައިވެ އެވެ.

ތެދެކެވެ. ޗައިނާގެ ނިއު ވޯލްޑް އޯޑާގެ ދަށުން ރައީސް ޝީ ޖިންޕިން އިފުތިތާހު ކުރި ތިން އިނިޝިއޭޓިވްގައި ލިޔެފައި އޮންނަނީ އެހެން ގައުމުތަކަށް އެހީތެރިވުމެވެ. އިހުތިރާމާއެކު ގުޅުން ބަދަހި ކުރުމެވެ. ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރުމެވެ. އެކަމަކު، އެއީ ހަގީގަތެއް ނޫންކަން، މި ލިޔުމުގައި ޗައިނާގެ ފޮރިން ޕޮލިސީ އަނދިރިފަރާތް ހާމަނުކޮށް ނުދިން ނަމަވެސް ގިނަ މީހުންނަށް ވިސްނޭނެ އެވެ. ދެރައީ ރައީސް މުއިއްޒަށް އެެކަން ވިސްނިވަޑައިނުގަތުމެވެ.

ޗައިނާ ދަތުރަށްފަހު ރައީސް އުއްމީދު ކުރައްވައިގެން ހުންނަވާނީ ޗައިނާގެ ފައިނޭންސިންް އާއި ޕްރޮޖެކްޓުތައް ރާއްޖެއަށް އިސާހިތަކު އަންނާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ އެހެންނެއް ނޫނެވެ. ޗައިނާގެ އެހީތެރިކަން އެހާ ފަސޭހައިން ލިބޭ ގޮތެއް ނުވި އެވެ. ސަބަބަކީ އެހީތެރިކަމުގެ ބަދަލުގައި ޗައިނާއިން އެދޭ ކަންކަން ރާއްޖެއަށް ނުކޮށްދެވުން ކަމަށް ބެލެވެ އެވެ.

"ހިލޭ އެހީގެ ގޮތުގައި [ޗައިނާއާ އެކު] އެއްބަަސްވުންތައް ހެދިގެން ދިޔަ. މިގޮތުން މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ފައިސާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސްޑޮލަރުގެ އެހީ ވަނީ ހަމަޖެހިފައި،" ޖެނުއަރީ 13، ގައި ހުޅުލޭގައި ވާހަކަ ދައްކަވަމުން ރަައީސް ވިދާޅުވި އެވެ.

ހީކުރި ގޮތާ ހިލާފަށް ޗައިނާގެ އެހީއެއް ނުލިބުން

ޗައިނާއިން ބޭނުން ވާނީ ރާއްޖެއިން މުޅިން ޗައިނާ ކޮޅަށް ޖެހިލުމަށެވެ. އިންޑިއާ އެއްކޮށް ދޫކޮށްލުމަށެވެ. އެކަމަކު، އެގޮތަށް ރާއްޖޭގެ ޕޮލިސީ މުޅިން ބަދަލު ކުރުމަކީ، ފަސޭހަ ކަމެއް ނޫނެވެ. މައިގަނޑު ސަބަބަކީ ހުޅަނގުގެ ގައުމުތަކުން އެ ގޮތް ބޭނުން ނުވުމެވެ.

ރާއްޖެ މުޅިން ޗައިނާއަށް ވީއްލުނަ ނުދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ގައުމަކީ އެމެރިކާ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އެމެރިކާގެ އެކި ފަންތީގެ އޮފިޝަލުން، އެތައް ފަހަރަކު ރާއްޖެ އައިސް މި ސަރުކާރުގެ ސީނިއާ އޮފިޝަލުން އަދި ރައީސް މުއިއްޒާ ވެސް ބައްދަލު ކުރި އެވެ. ނޮވެމްބަރު 30، 2023، އިން ފެށިގެން މިހާތަނަށް 30 އަށް ވުރެ ގިނަ ފަހަރު އެމެރިކާގެ އޮފިޝަލުން ސަރުކާރާ ވަނީ ބައްދަލުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް ވެސް ވަރަށް ބޮޑަށް އިތުރުކޮށްފި އެވެ. ދެ ފަހަރެއްގެ މަތިން އަށް މިލިއަން އަދި ހަތަރު މިލިއަން ޑޮލަރު ދޭން އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. ކަނޑު ޕެޓްރޯލް ކުރާ ހަތަރު އުޅަނދަކާއި އަސްކަރީ މަތިންދާބޯޓެއް ދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ރައީސް މުއިއްޒުގެ ޗައިނާ ދަތުރަށްފަހު އެމަނިކުފާނާ ދެން ކުރިމަތިވީ ވެސް ބޮޑު އިމްތިހާނެކެވެ. އެއް ކަމަކީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް، ފާޑުކިޔުން ދިފާއި ކުރުމެވެ. އެ ދަނޑިވަޅު، އެ ތިން ޑެޕިއުޓީން ވަކިކޮށް، މައްސަލައިން ރެކުމުގެ ޖާގަ ރައީސްއަށް އޮތެވެ. އެހެން ނަމަވެސް ރައީސް އަދި ސަރުކާރުން ހިޔާރު ކުރީ އެގޮތުގެ ބަދަލުގައި، ތިން ޑެޕިއުޓީންނަށް ހިމާޔަތް ދިނުމެވެ.

އެއާއެކު ދެން ފެށުނީ އިންޑިއާގެ ފިލްމީ ތަރީންނާއި އާންމުން ފެށި ބޮޑު ބޮއިކޮޓް މޯލްޑިވްސް ކެމްޕެއިނެކެވެ. އެ ކެމްޕެއިނާ ވިއްދައި، މި ސަރުކާރު އަދި ސަރުކާރުގެ ބޮޓުން ވެސް ސޯޝަލް މީޑިއާގައި އިންޑިއާއާ "ހަނގުރާމަ" ކުރަން ފެށި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިންތިހާއަށް ވެއްޓުނެވެ.

އެ ދެ ބަސްވުން ތެރޭގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުރި ސަފީރު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް އޮފީހަށް ހާޒިރު ކުރި އެވެ. ހަމަ އެ ގޮތަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ވެސް ރާއްޖޭގެ ހާރިޖީ އޮފީހަށް ހާޒިރު ކުރި އެވެ.

އެ ތިން ޑެޕިއުޓީ މިނިސްޓަރުންނާއެކު ރައީސް ހުންނެވިކަން ސާބިތުވި އެއް ކަމަކީ، ހަމަ އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނު ތެރޭގައި ދައްކަވަމުން ގެންދެވި ވާހަކަ އެވެ. އެތައް ރަށެއްގައި، އެތައް ފަހަރަކު ރައީސް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވައި، އިދިކޮޅު މެންބަރުންގެ އަޅުންގެ ގޮތުގައި ގެންގުޅޭ ކަމަށެވެ.

"ދެން ހަމަ އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ. އެ ބޭފުޅުންގެ މައްޗަށް ބާރުހިންގާ، ރާއްޖެއިން ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް. ހަމަ މަޖުބޫރުވެއޭ، ތިމަންނަމެން ޖެހެޔޭ، ކޮންމެވެސް ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން. އެހެން އަޅުގަނޑުމެންގެ އެމްޕީން ކައިރީގައި ވެސް ބުނަމުންދިޔައީ," ފެބްރުއަރީ 25، ގައި ހދ. ނޮޅިވަރަންފަރުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޗައިނާ ދަތުރަށް މާގިނަ ދުވަސްތަކެއް ނުވަނީސް ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވި ކަމަށް ބެލެވެން ފަށައިފި އެވެ. މާޗު މަހުގެ ތެރޭގައި ޗައިނާގެ ސަފީރު ވާން ލީޖިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޗައިނާއިން ރާއްޖެއަށް ދޫކޮށްފައި ހުރި ލޯނުތައް ރީސްޓްރަކްޗާ ނުކުރެވޭނެ ވާހަކަ ވަރަށް ސާފުކޮށް ވިދާޅުވި އެވެ.

އަމިއްލައަށް ނިންމުންތައް ނިންމުމުގެ ބާރާއެކީ ރާއްޖެއަށް ފޮނުވާފައި ހުރި ސަފީރު އެހެން ވިދާޅުވުމުން، އޭނާގެ ބަހަށް ކުޑައިމީސްކޮށް ސަރުކާރުން ބުނަމުންދިޔައީ ސަފީރު އެހެން ވިދާޅުވި ނަމަވެސް ޗައިނާއިން ލޯނުތައް ރީސްޓްރަކްޗާ ކޮށްދޭނެ ކަމަށެވެ.

"ޗައިނާއިން ލޯނު ރިސްޓްރަކްޗާ ކޮށްނުދޭނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން،" މި ނޫހާ ވާހަކަ ދައްކަވަމުން މެއި 29، ގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

މާލީ ހަގީގަތާ ކުރިމަތިލާން މަޖުބޫރުވުން

އޭގެ މަހެއް ނުވަނީސް، ރާއްޖޭގެ މާލީ ހާލަތާ ސަރުކާރުން ކުރިމަތިލާންޖެހުނެވެ. ވެރިކަމާ ހަވާލުވެވަޑައިގެން "ތިޖޫރީ ހުޅުވާލައިގެން" ކުރަމުން ދިޔަ ހަރަދުތައް މަދު ކުރަންޖެހޭ ކަމަށް ސަރުކާރަށް ވެސް ގަބޫލު ކުރެވުނެވެ. އަދަދު ވެސް ނޭނގޭ މިންވަރަށް އިތުރުކޮށްފައިވާ ސިޔާސީ މަގާމުތައް މަދު ކުރަންޖެހޭނެ ކަމަށް ސީދާ ރައީސް ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ޖޫން 27، ގައި ރައީސް ވިދާޅުވެފައިވެ އެވެ.

ޖެހިގެން އައި ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ފައިސާ ވެއްދުމުގެ ބޮޑު ޕްރޮޖެކްޓެއް ރައީސް މުއިއްޒު ފެށްޓެވި އެވެ. ރައީސްގެ ސިއްރު ސިޓީތަކެއް ދެއްވުމަށްފަހު އެކި ގައުމުތަކަށް ކެބިނެޓު މެންބަރުން ފޮނުއްވަން ފެށްޓެވި އެވެ. އެންމެ ފުރަތަމަ ސިޓީ ފޮނުވީ ޗައިނާގެ ރައީސްއަށެވެ. އެ ސިޓީ ހިފައިގެން އެއިރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާއަށް ވަޑައިގަތީ ޖުލައި 22، ގަ އެވެ.

އޭގެ ފަހުން ސައުދީ އަރަބިއްޔާ، ބަހްރެއިން އަދި ޔޫއޭއީއަށް ވެސް ރައީސްގެ ސިޓީ ހިފައިގެން ޒަމީރު ވަޑައިގެންނެވި އެވެ. އެކަމަކު، އެހީއެއް ނުވަތަ އިންވެސްޓްމަންޓެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ނުލިބުނެވެ.

އެހީއެއް ލިބޭނެކަމުގެ އުއްމީދުގައި "ނާށިގަނޑު ހިފައިގެން" ތިއްބައި، ދެން ކުރިމަތިލާންޖެހުނީ މާ ބޮޑު ކަމަކާ އެވެ. ދިވެހިރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އޯގަސްޓު މަހުގެ ތެރޭގައި އެއްކޮށް ހުސްވީ އެވެ. އެއީ، ސުލްތާން މުހައްމަދު އިމާދުއްދީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތިޖޫރީ ހުސްވި ފަހުން، މާލީ ގޮތުން ގައުމަށް ލިބުނު އެންމެ ބޮޑު ދެރަ އެވެ.

ހަމަ އެ މަހުގެ ތެރޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން، ފިޗުން ދަށް ކުރި އެވެ. ޖެހިގެން އައި ސެޕްޓެމްބަރު މަހު މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރި އެވެ. އެއާއެކު، ރާއްޖޭގެ ސުކޫކު ޑީފްލޯޓްވެދާނެކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ލަފާ ކުރި އެވެ. ހަމަ ވަގުތުން، ވަގުތަށް ވެސް ރާއްޖެއަށް މާލީ އެހީތެރިކަން ބޭނުންވާ ހާލަތަކަށް ގައުމު ވެއްޓުނެވެ.

ލަދު ކަނޑާލާފައި އިންޑިއާ އުނގަށް

ރާއްޖޭގެ ރޭޓިން ދަށް ކުރުމުގެ ކުރިން އަދި އެހީއަށް އެދި ރައީސް ފޮނުއްވި ސިޓީތައް ފޮނުވުމުގެ ފަހުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ބެލެވޭ ގޮތުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ، މާލީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން އެހީއަށް އެދުމުން، އެކަމުގެ މަޝްވަރާތަކަށެވެ.

ރައީސް މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވަމުންދާ ގެންދަވާ ދަތުރަކީ ޖައިޝަންކަރު ވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށް ބެލެވެ އެވެ. އެއިރު ހަގީގަތުގައި ރައީސްގެ ހާރިޖީ ސިޔާސަތު އޮތީ ބަދަލުވެފަ އެވެ. ޗައިނާއާއެކު ކުރިއަށް ގޮސްގެން މާލީ ހާލަތުން އަރައިނުގަނެވޭނެކަން އޮތީ އެނގިފަ އެވެ. ޗައިނާއާ ބައިއަތު ހިފައިގެން ބައިނަލްއަގްވާމީ މުޖްތަމައުއާ އެކަހެރިވުން ނޫން ގޮތެއް ނުވާނެކަން އޮތީ ޔަގީންވެފަ އެވެ.

ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފެށްޓެވީ މިދިޔަ އާދީއްތަ ދުވަހެވެ. ދަތުރު ވަޑައިގެންނެވުމުގެ ކުރިން ވެސް މިފަހަރު އިންޑިއާއިން އެދޭ ހުރިހާ ކަމަކަށް ރާއްޖެއިން ދީލައިލާނެކަން އޮތީ ޔަގީންވެފަ އެވެ. އެއީ ރައީސް ދަތުރު ވަޑައިގަންނަވާނެކަން އިއުލާނު ކުރި ދުވަހު، މޯދީއަށް ފުރައްސާރަ ކުރި ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިވާން އެންގުމުންނެވެ.

ރައީސްގެ ދަތުރުގެ ތެރެއިން އިންޑިއާއާއެކު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު، ހޯމަ ދުވަހު އެއްބަސްވި ކަންކަން އިއުލާނުކުރިއިރު، ރައީސްގެ ހާރިޖީ ސިޔާސަތު ބަދަލުވެފައިވާ ކަމާއި ބަދަލުވި ގޮތް ވަރަށް ރަނގަޅަށް އޮތީ ހާމަވެފަ އެވެ. ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސިޔާސީ ޕާޓީގެ ލީޑަރުން މީގެ ކުރިން ފާޑުވިދާޅުވި އެތައް ކަމެއް ކުރިން ކުރި މިންވަރަށް ވުރެ ވެސް ވަރުގަދައަށް ކުރަން ދިވެހި ސަރުކާރުން އޮތީ އެއްބަސްވެފަ އެވެ.

ސަރުކާރުން އެއްބަސްވި ބައެއް ކަންކަން

  • އިންޑިއާގެ އިތުރު އަސްކަރީ އުޅަނދުތަކެއް ގެންނަން އެއްބަސްވި
  • އުތުރުތިލަފަޅުގައި އިންޑިއާއިން ހަދާ އަސްކަރީ ބަނދަރު އަޅަން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވި
  • އިންޑިއާ ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން އަގު ހެޔޮކޮށް ބޭސް ވިއްކާ ފިހާރަތަކެއް ރާއްޖޭގައި ހުޅުވަން އެއްބަސްވި
  • އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ކުރަން އެއްބަސްވި
  • ބަންކަރިންގެ ހިދުމަތް ތަރައްގީ ކުރަން އިންޑިއާގެ އެހީ ހޯދަން އެއްބަސްވި
  • ޗައިނާގެ ކުންފުންޏަކަށް ބަނދަރު އަޅަން ދީފައި އޮތް ގާދޫގައި އިންޑިއާއިން ޓްރާންސްޝިޕްމެންޓް ބަނދަރެއް އެޅުމުގެ މަސައްކަތް ކުރަން އެއްބަސްވި
  • ދިވެހި ސިފައިންނަށް އިންޑިއާއިން މާލީ އެހީ ދޭން އެއްބަސްވި
  • ދިވެހި ސިފައިންނާއި ފުލުހުން އިންޑިއާގެ އެހީގައި ތަމްރީނު ކުރަން އެއްބަސްވި
  • ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ހިންގަން އިންޑިއާއިން އެހީ ދޭން އެއްބަސްވި
  • ހއ. އަތޮޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ގާއިމް ކުރަން އެއްބަސްވި
  • އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ފްރީޓްރޭޑް އެގްރިމެންޓެއް ގާއިމް ކުރުން
  • ރާއްޖެއާ ބެހޭ ހައިޑްރޮގްރަފީގެ ހުރިހާ މަސައްކަތް ކުރަން އެއްބަސްވި

ރައީސް ހިންގެވީ ހަމަ ކަނޑައެޅިގެން އިންޑިއާއާ ދެކޮޅު އެޖެންޑާއެއް

ރައީސް މުއިއްޒުގެ އަރިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ އެންމެން އެންމެ ވަރުގަދައަށް މިހާރު ދައްކާ ވާހަކައަކީ، އެމަނިކުފާނަކީ ދުވަހަކު ވެސް އިންޑިއާ އައުޓް އެޖެންޑާއެއް ނުގެންގުޅުއްވާ ކަމަށެވެ. މިހާރު ބުނަމުންދަނީ، ކުރިން ބުނެފައިވާނީ ހަމައެކަނި އިންޑިއާގެ މިލިޓަރީއާ ދެކޮޅު ވާހަކަ ކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ވާހަކަ ކަމަށެވެ.

ނަމަވެސް އެއީ ދޮގެކެވެ. އިންޑިއާއާ ދެކޮޅު ނޫން ނަމަ، އިންޑިއާއަށް ދިވެހިން ބޭހަށް ދިޔުން ހުއްޓުވަން މަސައްކަތެއް ނުކުރާނެ އެވެ. އުތުރުތިލަފަޅު އެގްރިމެންޓާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް ނުފަތުރާނެ އެވެ.

އިންޑިއާއާ ދެކޮޅު ނޫން ނަމަ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ކަމެއްގެ ގޮތުގައި ސިފައެއް ނުކުރާނެ އެވެ. އިންޑިއާގެ އެތައް ހާސް ސިފައިންނެއް މި ގައުމުގައި ތިބި ކަމަށް ބުނެ ދޮގެއް ވެސް ނުހަދާނެ އެވެ. އިންޑިއާގެ ސިފައިން ފޮނުވާލުމަށްފަހު މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުން ހުއްޓައެއް ވެސް ނުލާނެ އެވެ.

ރައީސް މުއިއްޒާއި ޕީއެންސީން ހަމަ ކަނޑައެޅިގެން މަސައްކަތް ކުރީ އިންޑިއާއާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށެވެ. އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ހަދައި، އެކަން ބޭނުން ކުރީ ކެމްޕެއިނުގައި ކުރި ހޯދުމަށެވެ. އެކަން އެމަނިކުފާނު ކާމިޔާބު ކުރެއްވި އެވެ.

އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ހުރަހެއް ނަމަ، އިންޑިއާއަކީ ހާދަހާވާ ނުލަފާ ގައުމެކެވެ. ހާދަހާވާ ޖައްބާރު ގައުމެކެވެ. އެވަރުގެ ގައުމަކާ ގުޅުން ބަދަހި ކުރަން ހެޔޮނުވާނެ ނޫންތޯ އެވެ؟ އެކަމަކު، ރައީސް މުއިއްޒު އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަކީ، ކުރިން ހެއްދެވީ ދޮގުކަން ހާމަވާ އަލިގަދަ ހެއްކެކެވެ.

---

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ބަދަލުވުމަކީ މައްސަލައެއް ނޫނެވެ. ރާއްޖެއަށް އަދި އެމަނިކުފާނަށް ވެސް ފައިދާވާނީ އިންޑިއާއާއެކު ކުރިއަށް ދިޔުމެވެ. ދިވެހިންނަކީ ދުވަހަކު ވެސް އިންޑިއާއާ ރުޅި ބައެއް ނޫނެވެ. ހުދު މުއިއްޒަކީ ވެސް އިންޑިއާއާ ދެކޮޅު ބޭފުޅެއް ނޫނެވެ. އެކަމަކު، ސިޔާސީ ބޭނުމަށް ނަމަވެސް ހިންގެވީ އިންޑިއާ އައުޓް އެޖެންޑާއެކެވެ. ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox