ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުގެ ތެރެއިން، ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
އެ ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވާ ޖައިޝަންކަރު ވިދާޅުވީ، މި ބައްދަލުވުމުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހެޔޮ އެދުމާއި ސަލާމް ރައީސް މުއިއްޒުއަށް ރައްދުކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އޭނާގެ ޕޯސްޓުގައި ދެއްވާފައިވެ އެވެ.
މި ބައްދަލުވުމުގެ ތަފުސީލެއް ރައީސް އޮފީހުން މިހާތަނަށް ނުދެ އެވެ.
ޖައިޝަންކަރުގެ ދަތުރުގައި ދެ ގައުމުގެ ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރާނެ އެވެ. އަދި، އެ ގައުމުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ވެސް އޭނާ ބައްލަވާލާނެ އެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ރާއްޖެ ވަޑައިގެންފައި މިވަނީ އެ ގައުމާއެކު އޮތް ޒަމާނީ ގުޅުމަށް މި ސަރުކާރުގެ ކުރީކޮޅު އެރި ލޮޅުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ގައުމާއެކު ގުޅުން ގޯސްވީ އިދިކޮޅުގައި ތިބެ ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕޭނާއި ވެރިކަމާ ހަވާލުވުމަށްފަހު ރައީސް އިންޑިއާއަށް ރައްދުކޮށް ވިދާޅުވި ގަދަބަސްތަކުގެ ސަބަބުންނެވެ. ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރުމަކީ ވެސް ހާރިޖީ ނުތަނަވަސްކަން އިތުރުވި ސަބަބެކެވެ.













