މެޑްރިޑް (ސެޕްޓެމްބަރު 2) - ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު، ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 2-0 އިން ރެއާލް ބެޓިސްގެ މައްޗަށް ކުރިހޯދައިފި އެވެ.
މި ފަހަރުގެ ޓްރާންސްފާގައި ރެއާލާ ގުޅުނު އެމްބާޕޭ އެ ކްލަބަށް ކުޅުނު ފުރަތަމަ މެޗުގައި، ޔުއެފާ ސުޕަ ކަޕް މެޗުގައި، އެޓަލަންޓާ ކޮޅަށް ލަނޑު ޖެހި އެވެ.
އެކަމަކު، ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި އެމްބާޕޭ އަށް ލަނޑެއް ނުޖެހޭތީ، ގިނަ މީޑިއާތަކުން އެކަމާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.
ރެއާލްގެ ދަނޑުގައި ރޭ އެ ޓީމުން ބެޓިސްގެ މައްޗަށް ކުރިހޯދިއިރު، އެމްބާޕޭ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
އެ ގޮތުން، ލީޑުނެގި ގޯލު މެޗުގެ 67 ވަނަ މިނިޓްގައި އެމްބާޕޭ ކާމިޔާބުކުރީ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުންނެވެ. އެމްބާޕޭ ލީގުގައި ފުރަތަމަ ގޯލު ޖެހީ ފޮނުވާލި 25 ވަނަ ޝޮޓުންނެވެ.
މެޗުގެ 75 ވަނަ މިނިޓްގައި އެމްބާޕޭ ދެ ވަނަ ލަނޑު ޖެހީ، ޕެނަލްޓީ އަކުންނެވެ. މިއީ، ބެޓިސްގެ ކީޕަރު ރުއީ ސިލްވާ، އޭރިއާތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެެވެ.
މި މެޗުގައި ބެޓިސް އަށް ގޯލު ޖަހައިދޭން އަބްދޭ އެޒަލްޒޫލީ އާއި ވީޓޯ ރޯކޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން މި ފަހަރުގެ ލީގުގައި ކުޅުނު ހަތަރު މެޗުން ބަލިވެފައިނުވި ނަަމަވެސް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެހެންވެ، އެ ޓީމު އޮތީ ލީގުގެ ކުރީގައި އޮތް ބާސެލޯނާ އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.












