މިހާރު ކުރިއަށްދާ މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅުނު ތިން ވަނަ މެޗުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު, ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަތުން މޮޅުވެއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗު އެޗްޑީސީ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މޮޅު ކުޅުމެއް އެޗްޑީސީގެ ފަރާތުން ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކުރީ 12-25, 15-25 އަދި 25-21 އިންނެވެ.
ރޭ ވެމްކޯ އިން ޕޮލްކޯގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-21, 25-23, 17-25, 16-25 އަދި 15-09 އިންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ޕޮލްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު, މި ދެ ސެޓުގައި ވެސް ވެމްކޯ އިން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. މި ދެ ސެޓު ޕޮލްކޯ އިން ގެންދިޔައީ, 25-21 އަދި 25-23 އިންނެވެ.
އެކަމަކު، ޖެހިގެން އައި ތިން ސެޓުގައި ވެސް ޕޮލްކޯ ޓީމުގެ ކުޅުން ފެނިގެންދިޔައީ ދަށް ކޮށެވެ. އޭގެ ފައިދާ ވެމްކޯ އިން ނަގާ, ޖެހިގެން އައި ތިން ސެޓު ފަސޭހަކަމާއެކު ވެމްކޯ އިން ވަނީ 25-17, 25-16 އަދި 15-09 އިން ކާމިޔާބުކޮށްފަ އެވެ.
ލީގު ބުރުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު ޕޮއިންޓް ތާވަލަށް ބަލާއިރު، އެޗްޑީސީން ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު، ދެ ވަނައިގައި އޮތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ތިން ވަނައިގައި އޮތް ޕޮލްކޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ވެމްކޯ އަށް ދެ ޕޮއިންޓް ވަނީ ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ސްޓެލްކޯ އަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ.












