ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މައި އޮފީހާ އިންވެގެން އޮތް ބިމުގައި 25 ބުރީގެ އިމާރާތެއް އަޅަން ނިންމާ އެ މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އެސްޓީއޯއިން ކުރި އިއުލާނުގައި ބުނީ މިއީ މަލްޓި ޕާޕޯސް އިމާރާތެއް ކަމަށާއި މަޝްރޫއަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.
މި އިމާރާތް ތަރައްގީ ކުރަނީ މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯއިން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ. ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުންނެވެ.
އަލަށް އަޅާ އިމާރާތުގައި އޮފީސް ޖާގަތަކާއި ޓްރެއިނިން ސެންޓަރުގެ ގޮތުގައި ބޭނުންކުރެވޭނެ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމްތަކުގެ އިތުރުން މަލްޓިޕާޕޯސް ހޯލެއް ވެސް ހުންނާނެ އެވެ. އަދި، މުވައްޒަފުންގެ ބޭނުމަށް ފާހަނާތަކާއި ކެފެޓީރިއާގެ އިތުރުން ޖިމަކާއި ޕާކް ކުރާނެ ޖާގަ ވެސް އިމާރާތުގައި ހިމެނޭނެ ކަމަށް އެސްޓީއޯއިން އާންމުކުރި މައުލޫމާތުގައި ވެ އެވެ.
ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރުމަށް އެސްޓީއޯއިން ވަނީ ކުންފުނިތަކަށް ބޮޑެތި ޝަރުތުތަކެއް މަތިކޮށްފަ އެވެ. އެގޮތުން މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
އެ މަޝްރޫއަކީ އެ ކުންފުނިން މައި ކޮންޓްރެކްޓަރުގެ ގޮތުގައި ކުރިއަށް ގެންދިޔަ މަޝްރޫއަކަށް ވާން ޖެހޭނެ ކަމަށާއި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހިންގި މަޝްރޫއެއްގެ ތަޖުރިބާ ބަލައިނުގަނެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ފޯމު ހުށަހަޅަންވީ ގޮތް އިއުލާނާއެކު އެސްޓީއޯއިން ވަނީ ގެޒެޓުކޮށްފަ އެވެ.











