ގައުމީ ފިރިހެން ވޮލީބޯލް ޓީމުގެ ކޯޗަކަށް ކުރިން، ގައުމީ ކޯޗުކަން ގިނަ ފަހަރުތަކެއް މަތިން ކުރި މުހައްމަދު ޝަރަފް ހަމަޖައްސަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމާފައިވާ ކަމަށް "އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިއްޖެ އެވެ.
ވީއޭއެމްގެ ގިނަ މަގާމުތަކެއް ފުރުއްވި، އަދި ކްލަބް ލެވަލްގައި ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޝަރަފް އަށް ގައުމީ ކޯޗުކަން ހަވާލުކުރަން އުޅޭ ވާހަކަ ވޮލީ އާއިލާ ތެރޭގައި ދެކެވެ އެވެ. އަދި ޝަރަފް އަންނަނީ ގައުމީ ޓީމު ކުޅުންތެރިންގެ ގާތުގައި ގައުމީ ޓީމުގެ ޕްރެކްޓިސް، މި މަހު 17 ވަނަ ދުވަހު، ކޮމްޕެނީ/އޮފީސް ވޮލީ މުބާރާތް ނިމުމުން ފަށާނެ ކަމަށް ބުނަމުންނެވެ. އަދި ކޯޗިން ޓީމެއް އެކުލަވާލައިފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ކުރިއަށް އޮތް މުބާރާތްތަކަށް ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް ޝަރަފް ފަށާފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
ޝަރަފް ގައުމީ ކޯޗަކަށް އެންމެ ފަހުން ހުރީ، މީގެ ހަތް އަހަރު ކުރިންނެވެ. އެއީ، 2017 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިންއާ ދިމާކޮށެވެ. އެއީ، ވީއޭއެމްގެ ރައީސްގެ މަގާމަށް މިހާރުގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އިންތިހާބުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ހަމަޖެއްސި ގައުމީ ކޯޗު ލަންކާގެ ކުމާރު ވެންޑަކޫން ވަކިކުރުމަށް ފަހު އެވެ.
ވީއޭއެމްގެ މިހާރުގެ ވެސް ރައީސް، ލަތީފްގެ އެންމެ ފުރަތަމަ އެސޯސިއޭޝަން ހިންގެވިއިރު، ޝަރަފް ވަނީ އެއް ފަހަރާ ގިނަ ޒިންމާތަކެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި، ގައުމީ ފިރިހެން ޓީމުގެ ކޯޗުކަމުގެ އިތުރުުން، ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ އެއް ވަގުތެއްގައި އަދާކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޝަރަފް ވަނީ ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރައިފަ އެވެ.
ވޮލީ އެސޯސިއޭޝަންގެ ރައީސް ލަތީފްގެ ފުރަތަމަ ދައުރު ފަށައި، ދެ ބައި ނުވަނިސް، ލީޑަޝިޕްއާ ގުޅޭ މައްސަލަތައް ފާހަގަކުރެއްވުމަށް ފަހު، ޝަރަފް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. ލަތީފްގެ ދައުރު ނުނިމެނިސް، 2019 ވަނަ އަހަރު އޭނާގެ ލީޑަޝިޕްގެ މައްސަލަތަކާ ގުޅިގެން، ކުރި ތަހުގީގަކަށް ފަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އަކަށް އޭރު ހުންނެވި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ވީއޭއެމް ހިންގުން ނޯމަލައިޒްކޮށްފަ އެވެ.
އެ ފަހުން، ވޮލީ އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ނުލިބި، ދުނިޔޭގެ ވޮލީ ފެޑެރޭޝަނާ އެކު، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އިންތިހާބެއް ބޭއްވުނީ، 2021 ވަނަ އަހަރު އޭޕްރީލް މަހުގަ އެވެ.
އެ ފަހަރު ބޭއްވި އިންތިހާބުގައި، ވީއޭއެމްގެ ރައީސަކަށް މުހައްމަދު ރަނޭޝް (ރަނޭ) އިންތިހާބުވިއިރު، އޭނާގެ ލީޑަޝިޕްގެ ކަންކަމާ ގުޅޭގޮތުން، އެންމެ ބޮޑަށް ހިޔާލުފާޅުކޮށް، ފާޑުކިޔައި، ކަންކަން ރަނގަޅުކުރަންޖެހޭ ކަމަށް ބުނަމުން އައީ، ލަތީފްއާ އެކު، ޝަރަފް އެވެ. ރަނޭޝް އަކީ، ލަތީފްގެ ފުރަތަމަ ދައުރުގެ، ސީނިއާ ނައިބު ރައީސް އެވެ.
ލަތީފް، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަމަށް ފުރަތަމަ ދައުރަކަށް އިންތިހާބުވިއިރު، ޝަރަފަށް ވަނީ އެ ޖަމިއްޔާގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ހަވާލުކޮށްފަ އެެވެ. ރަނޭޝް، ވީއޭއެމްގެ ރައީސްކަމުން އިސްތިއުފާ ދެއްވުމުން، އޭނާގެ ދައުރުގައި އޮތް ބާކީ އަހަރަށް ރައީސެއް ހޮވަން ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވީ ލަތީފް އެވެ.
ރައީސްގެ މަގާމަށް އައުމަށް ފަހު، ލަތީފް މި ވަނީ، ޝަރަފަށް އަލުން ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރަން ނިންމައިފަ އެވެ.

ޝަރަފް (ކ) އާއި ލަތީފް އެކުގައި ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: މުހައްމަދު ޝަރަފް/ ފޭސްބުކް
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ފުރަތަމަ މަސައްކަތް ކުރި ޝަރަފް، ހެޑް ކޯޗުކަމާ ފުރަތަމަ ހަވާލުވީ، 2008 ވަނަ އަހަރު އެވެ. ވަކިވީ، ދެ އަހަރު ޓީމުގެ ކޯޗަކަށް މަސައްކަތްކުރުމަށް ފަހު އެވެ.
އެ އަށް ފަހު، އަލުން ގައުމީ ކޯޗުކަމަށް ޝަރަފް އައީ، 2011 ވަނަ އަހަރު އެވެ. މާގިނަ އަހަރުތަކެއް މި ފަހަރު މަސައްކަތް ނުކުރެވުނެވެ.
އޭގެ ފަހުން، 2013 ވަނަ އަހަރު އަނެއްކާ ވެސް ގައުމީ ވޮލީ ޓީމުގެ ކޯޗުކަން ޝަރަފަށް ލިބުނެވެ. އެއީ، ބިދޭސީ ކޯޗެއް ހަމަޖެއްސުމުގެ ކަންކަމާއި އެހެނިހެން ކަންތައްގަނޑެއްގެ ތެރޭގައި ޓީމުގެ ކަންކަން ދިއުމަށް ފަހު އެވެ. އެ ފަހަރު ޝަރަފް ވަނީ ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ހޯދައިފަ އެވެ. އެއީ، ފައިނަލުގައި 3-1 އިން ސްރީ ލަންކާ އަތުން ބަލިވުމުންނެވެ. މިއީ، އިންޑޯ ވޮލީގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
އެ އަށް ފަހު، ގައުމީ ކޯޗުކަން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އާއި ލަންކާގެ ވެންޑަކޫން އަދާކުރުމަށް ފަހު، އަނެއްކާ ވެސް ޝަރަފަށް ޓީމުގެ ކޯޗުކަން ލިބުނީ، 2017 ވަނަ އަހަރު އެވެ. ރާއްޖޭގައި ހޯސްޓްކުރި ފިރިހެން ގައުމީ ޓީމުގެ ފުރަތަމަ އިންޑޯ މުބާރާތުގައި ނުކުތް ދަށް ނަތީޖާތަަކަށް ފަހު، ޝަރަފް ގައުމީ ކޯޗުކަމުން ދުރުވެ، ހަވާލުވެފައި އޮތް އެހެން ޒިންމާތައް އަދާކުރަން ނިންމީ އެވެ.
މިދިޔަ އަހަރުތަކުގައި ގައުމީ ޓީމުގެ ހެޑް ކޯޗުކަން ކޮށްފައިވާ ކޯޗުންނަށް ބަލާއިރު، މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ދެތިން ފަހަރެއްގެ މަތިން ގައުމީ ކޯޗުކަން ކޮށްފަ އެވެ. އޭގެ އިތުރުން، އީރާނާއި ބަލްގޭރިއާ ގައުމީ ޓީމަށް އިރުޝާދު ދިން، ދުނިޔޭގެ ފެންވަރު ސާބިއާގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗް އާއި ބްރެޒިލާއި ބަހްރޭން އަދި އެމެރިކާގައި ވޮލީގެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު ސާޖިއޯ ވެލޯސޯ ވަނީ ގައުމީ ފިިރިހެން ޓީމުގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.
އެންމެ ފަހުން، ހުރި ބްރެޒިލްގެ ކޯޗު ވެލޯސޯ އަކީ، ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީއާ އެކު ކުރެވުނު މަސައްކަތުން ހޯދުނު ކޯޗެކެވެ.
ގައުމީ ލެވަލްގެ މުބާރާތްތަކުގައި، ޝަރަފް އެންމެ ފަހުން ފެނިގެންދިޔައީ ސިޓީ ސްޕޯޓްސް ކުލަބުންނެވެ. މިދިޔަ އަހަރު އެ ކުލަބުން އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ. ޝަރަފް އަންނަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ވޮލީ މުބާރާތްތަކުގައި ޓީމުތަކަށް ކޯޗުކޮށްދެމުންނެވެ.
ގައުމީ ކޯޗުކަމާ ހަވާލުވާން ނިންމާފައިވޭތޯ "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން، ޝަރަފް ބުނީ، "އަދި ރަސްމީ ނުވާ ކަމަށާއި މަޝްވަރާ ކުރަމުން އަންނަ" ކަމަށެވެ.













