ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގައި އީރާން އާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި ރާއްޖޭގެ ޒުވާން ވޮލީބޯޅަ ކުޅުންތެރިޔާ މާޔާ ހުސެއިން ސޮލާހް އަށް އަނިޔާވެ, ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ގައުމީ ވޮލީބޯލް ޓީމުގެ ކޯޗު ސޮފްވާން އަހުމަދު (ސޮއްޕެ) ބުނެފި އެވެ.
ކާވާ ވިމެންސް ނޭޝަންސް ލީގުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމު، އީރާނާ ދެކޮޅަށް އިއްޔެ ރާއްޖެއިން ކުޅެ, 3-0 ސެޓުން މެޗުން ވަނީ ބަލިވެފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-21، 25-20، 25-16 އިންނެވެ.
މި މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން އުންމީދީ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ރާއްޖޭގެ އެންމެ އިތުބާރު ދެ ކުޅުންތެރިން ކަމަށްވާ، ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާ (މާޖީ) ވަނީ ކުޅެފަ އެވެ. މި ދެ ކުޅުންތެރިން ޓީމާ ގުޅުނީ އިއްޔެ ބޫޓާނުގައި ނިމުނު, ކާވާ ބީޗްވޮލީބޯލް މުބާރާތުގައި ވާދަކުރުމަށްފަހުގަ އެވެ.

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މާޔާ ޝޮޓެއް ފޮނުވާލަނީ.--- ހަމްރޯ ކެލްކުޑް
މި ފަހަރުގެ ނޭޝަންސް ލީގުގައި ރާއްޖޭން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، މާޔާ އެވެ.
ރާއްޖޭގެ ޓީމުގެ ގިނަ ކުޅުންތެރިން މި މުބާރާތުގައި ކޯޗު ސޮފްވާން އަންނަނީ ޓެސްޓު ކުރަމުންނެވެ.
މި މެޗުގެ ތެރެއިން މާޔާ އަށް އަނިޔާވެ، އޭނާ ބަދަލުކުރި އެވެ. "އަދަދު" އާ ވާހަކަ ދައްކަމުން ކޯޗު ސޮފްވާން ބުނީ މާޔާގެ ކުޑަހުޅަށް ވެފައިވާ އަނިޔާގެ ސަބަބުން ދެން މި މުބާރާތުގައި ރާއްޖެއިން ކުޅޭ ދެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ. އަދި އޭނާގެ އަނިޔާ އިތުރު ޓެސްޓު ހަދާ ބަލަމުން އަންނަ ކަމަށް ވެސް ސޮފްވާން ވަނީ ބުނެފަ އެވެ.
ރާއްޖެ އަށް ކުރިއަށް އޮތީ ސްރީލަންކާ މެޗާއި, ނޭޕާލް މެޗެވެ. ފަސް ޓީމު ވާދަކުރާ މުބާރާތުގައި ލީގު ބުރަށް ފަހު، އެއް ޓީމު ކަޓާނެ އެވެ. ގަދަ ހަތަރެެއް ދާނީ ސެމީ ފައިނަލަށެވެ.













