ނަބާހާ އަށް މި އޮލިމްޕިކްސް ހާއްސަ، އާވީ އުންމީދެއް!

ނަބާހާ: މި ފަހަރުގެ އޮލިމްޕިކްސްގައި ތާރީހީ ކަންތައްތަކެއް ހާސިލްކުރި،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ގެޓީއިމޭޖަސް

ނަބާހާ: މި ފަހަރުގެ އޮލިމްޕިކްސްގައި ތާރީހީ ކަންތައްތަކެއް ހާސިލްކުރި،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ގެޓީއިމޭޖަސް

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ފަސް އެތުލީޓުންގެ ތެރެއިން، އެއް އެތުލީޓަކީ، ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ (ނަބާ) އެވެ. އޭނާ އޮލިމްޕިކްސްގައި ކުޅުނު ދެ މެޗުން، ދުނިޔޭގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން އަތުން ބަލިވިޔަސް، ނަބާ ދެއްކި ހިތްވަރު ފާހަގަކުރަން ޖެހޭ ސަބަބުތައް ގިނަ އެވެ.

މިއީ، ގައުމީ ލެވަލްގެ ބެޑްމިންޓަން ގިނަ ތަށިތަކެއް ހާސިލްކޮށް، އިންޓަނޭޝަނަލް ބެޑްމިންޓަން އެރީނާގައި ވެސް ފާހަގަކޮށްލެވޭ މެޑަލްތަކެއް ހޯދާފައިވާ، ނަބާހާ އޮޮލިމްޕިކްސްގައި ވާދަކުރި ދެ ވަނަ ފަހަރެވެ. ޓްރައިޕާޓައިޓް (އޮލިމްޕިކްސް އަށް ސީދާ ކޮލިފައިނުވާ ގައުމުތަކަށް ލިބޭ)، ފުރުސަތެއްގައި ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސްގައި ނަބާހާ ފެނިގެންދިޔައިރު، އޭނާ އަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމްސީލްކުރި ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ.

"ދެ ވަނަ އޮލިމްޕިކްސްގައި ވާދަކުރެވޭތީ އަސްލު މި ފުރުސަތަށްޓަކައި ވެސް ވަރަށް އުފަލުން ހުރީ. އެއީ، ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ކުޅޭ ދިވެހި ފުރަތަމަ އެތުލީޓުގެ ޝަރަފް ލިބުމާ ވެސް އެކީ،" ޕެރިހުގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުގައި ނަބާހާ ބުންޏެވެ.

ރޭންކިންގެ އަންހެން ސިންގަލްސް އަށް ބަލާއިރު، ނަބާހާ އަކީ މި ވަގުތު ދުނިޔޭގެ 111 ވަނަ އެވެ.

ނަބާހާ، މި ފަހަރުގެ އޮލިމްޕިކްސްގެ ފުރަތަމަ މެޗުގައި ނުކުތީ، މި ވަގުުތު ބެޑްމިންޓަންގެ ވިމެންސް ސިންގަލްސް ރޭންކިންގައި ދުނިޔޭގެ 13 ވަނައިގައި އޮތް، އިންޑިއާގެ ޕީވީ ސިންދޫއާ ދެކޮޅަށެވެ.

އެކި ލެވަލްގެ މުބާރާތްތަކުގައި ގައުމީ ޓީމުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ، ނަބާހާ ވަނީ މީގެ ކުރިން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި، ސިންދޫއާ ދެކޮޅަށް ކުޅެފަ އެވެ.

މި ފަހަރު ސިންދޫއާ ބައްދަލުކުރި މެޗާ ބެހޭގޮތުން ނަބާހާ ބުނީ، ވަރަށް ޝައުގުވެެރިކަމާ އެކު، އެ ފަދަ ބޮޑު މާހައުލެއްގައި ސިންދޫއާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ.

"އުފަލާ އެކު އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިތްހަަމަޖެހިގެން ހިފޭތޯ ބެލީ،" އޮސްޓްރޭލިއާގައި 2018 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިން ރިހި މެޑަލް ހޯދައި، 2022 ވަނަ އަަހަރުގެ މުބާރާތުން ރަން މެޑަލް ހޯދި، ސިންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ނަބާހާ ޝުއޫރުތައް ހުރިގޮތް އޭނާ ހިއްސާކުރި އެެވެ.

ނަބާހާ އަތުން މޮޅުވި މެޗުގައި، މި ފަހަރު، ސިންދޫ ސެޓުތައް ގެންދިޔައީ، 21-09، 21-06 އިންނެވެ.

އޮލިމްޕިކްސްގައި މި ފަހަރު ނަބާހާ އާއި ސިންދޫ ކުޅުނު މެޗަށް ފަހު ދެ ކުޅުންތެރިން ސަލާމްކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ނަބާހާ ކުޅުނު ދެ ވަނަ މެޗުގައި އިއްޔެ ނުކުތީ، އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާ ދެކޮޅަށެވެ. ޔޫރަޕްގެ ބެޑްމިންޓަން މުބާރާތްތަކުގައި ގަވާއިދުން ކުޅޭ ކޫބާ އަކީ ދުނިޔޭގެ ރޭންކިންގެ 73 ވަނަ އެވެ.

ކޫބާ މި މެޗުން މޮޅުވީ، 21-07، 21-09 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތަށް ދިއުމުގެ ކުރިން ވެސް ނަބާހާ ފާހަގަކުރި އެއް ކަަމަކީ، ކޫބާ އެހާ ރަނގަޅަށް ނޭނގުނު ނަމަވެސް، ޔޫޓިއުބް މެދުވެރިކޮށް، ކޫބާގެ މެޗުތައް ބަލާފައިވާ ކަމެވެ.

އިއްޔެގެ މެޗާ ބެހޭގޮތުން ނަބާހާ ބުނީ، ކޫބާއާ ދެކޮޅަށް ކުޅުނު މެޗުގައި، އަމިއްލަ ނަފްސާ މެދު ބޮޑަށް އިތުބާރުކޮށް، ކަންތައްތަކެއް ހާސިލްކުރަން އުންމީދުކުރި ކަމަށެވެ.

"އެ މެޗުގެ ސްޓްރެޓަޖީ ބައެއް ގޮތްގޮތުން ބަދަލުކޮށްލައިގެން ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރި. އެހެންވިނަމަ ކަންކަން އިތުރަށް ރަނގަޅުވިސް. އެކަމަކު، މި ހުރިހާ ކަމަކަށް ބަލާއިރު ދެ ވަަނަ މެޗުގައި ކުޅެވުނު ކުޅުމާ މެދު ހިތްހަމަޖެހޭ. ފުރަތަމަ މެޗަށް ވުރެ ރަަނގަޅު ގޭމެއް ދެ ވަނަ މެޗުގައި ކުޅެވުނު ކަމަށް ދެކެނީ،" ނަބާހާ ބުންޏެވެ.

ތައްޔާރީތައް ރަނގަޅުވިނަމަ ނަބާހާގެ ކުޅުން މާ ރަނގަޅަށް ފެންނާނެ

ނަބާހާ އަށް، މި މަހު ފަށާ އޮލިމްޕިކްސްގެ ކުރިން ތަމްރީން ދަތުރެއްގައި ދެކުނު ކޮރެއާ އަށް ދިއުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވިސާ ކަންތައްތައް ހަމަޖައްސައިނުދެވިގެންނެވެ.

ނަބާހާ، އޮލިމްޕިކްސްގެ ކުރިން ރަނގަޅު ލެވަލަކަށް ތަމްރީންތައް ހެދުމަށް ރޭވި އެވެ. އަދި ގައުމީ ބެޑްމިންޓަން ޓީމުގައި ހުރި ދެކުނު ކޮރެއާގެ ކޯޗާ މަޝްވަރާ ކުރުމަށް ފަހު، ކޮރެއާގެ ރަނގަޅު ޓްރެއިނިން ސެންޓަރުތަކުން ފުރުސަތުތަކެއް ހޯދި އެވެ. އޭގެ ތެރޭގައި، ކޮރެއާގެ މަތީ ފަންތީގެ އެތުލީޓުން ޓްރެއިނިން ހަދާ ހައި ޕާފޯމަންސް ސެންޓަރުތައް ވެސް ހިމެނެ އެވެ.

އެ ފުރުސަތުތަކުގެ ބޭނުންހިފަން،، ނަބާހާ، ޓްރެއިނިން އަށް ދިއުމަށް ފުރަަން ހުރިހާ ކަމެއް އޮތީ ހަމަޖެހިފަ އެވެ. ސްޕޯޓްސް މިނިސްޓްރީން ކަންކަން ހަމަޖައްސައިދީގެން، ކޮރެއާ އަށް ދިއުމަށް ޓިކެޓް ވެސް ނަގައިފަ އެވެ. އެކަމަކު، ފުރަން ކުޑަަތަންވެފައި އޮއްވައި، އެނގިގެންދިޔައީ، ކޮރެއާ އަށް ދިއުމަށް ބޭނުންވާ ވިސާ، ބެޑްމިންޓަން އެސޯސިއޭޝަނުން ހަމަޖައްސާފައިނުވާ ކަމެވެ.

"އެ ޓްރެއިނިންތަކަށް ނަބާ ދިޔަނަމަ، ވަރަށް ޕީކުގައި ހުރެގެން އޮލިމްޕިކްސް ކުޅޭނީ، މިއީ މި ވަގުތު ބުނާ ވާހަކައެއް ނޫން، ބެޑްމިންޓަނުގައި އުޅޭ އެންމެނަށް ވެސް އެނގޭނެ ކަމެއް. ހައި ލެވަލްގެ މެޗުތަކެއް ކުޅެފައި ދިޔައީމަ އެ ލެވަލްގެ މެޗުތަކުގައި، ނަބާގެ އަސްލު ލެވަލް ވެސް ފެންނާނެ،" ބެޑްމިންޓަންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ފަރާތެއް، "އަދަދު" އަށް ބުންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އިން ވަނީ ދެކުނު ކޮރެއާ އަށް ނަބާހާ ދެވޭގޮތް ނުވުމުން، އޭނާ ލަންކާގެ ޓްރެއިނިން އަށް ވެސް ފޮނުވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ވަގުތު ހާލަތާއި ވަގުތު ހުރި ގޮތުން، ލަންކާ އަށް ދިއުމަކީ ނަބާހާ އަށް އެންމެ ރަނގަޅު ޓްރެއިނިން ލިބޭނެ ގޮތް ކަމަށް ބެލެވޭނެ ޖާގައެއް ނެތުމުން، އޭނާ މާލޭގައި ޕްރެކްޓިސް ކުރަން މަޑުކުރީ އެވެ.

އޭގެ ފަހުން، ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ ގުޅިގެން ކުރި މަސައްކަތުން، މާލޭގައި އިންޑޮނޭޝިއާ ކުޅުންތެރިންނާ އެކު ނަބާހާ އަށް މެޗުތަކެއް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox