އަންނަ ބުރާސްފަތި ދުވަހު ނޭޕާލުގައި ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ލީގު މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯލް ޓީމު ނޭޕާލަށް ފުރައިފި އެވެ.
މި މުބާރާތައް ރާއްޖޭގެ އަންހެން ވޮލީބޯލް ޓީމު ރޭ ފުރީ ތިން ކުޅުންތެރިން މަދުކޮށެވެ. އެކަމަކު، މުބާރާތުގެ ކުރިން ކާވާ ބީޗް ވޮލީބޯލް މުބާރާތުގައި ބައިވެރިވި, ހައްވާ ރާޝިދާ, އައިޝަތު މާޖިދާ (މާޖީ) އަދި އާމިނަތު އަރީޝާ (އަރީ) ޓީމާ ގުޅޭނެ އެވެ.
ފަސް ޓީމުން މި މުބާރާތުގައި ބައިވެރިވާއިރު, އެއީ ރާއްޖޭގެ އިތުރުން ނޭޕާލް, އިންޑިއާ, ސްރީ ލަންކާ އަދި އީރާން އެވެ.
މީގެ ކުރިން "އަދަދު" އާ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު ބުނީ ކާވާ ނޭޝަން ލީގުގައި ބައިވެރިވީ, ސެޕްޓެމްބަރު މަހު ރާއްޖޭގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯލް މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ރާއްޖެއިން އަމާޒު ހިފާފައިވަނީ މުބާރާތުގެ ފައިނަލު ކުޅެންށެވެ. އެ ގޮތުން ގައުމީ ޓީމު ކޯޗުކަމާ ހަވާލުވުމަށް ފަހު "އަދަދު" އާ ވާހަކަ ދައްކަމުން ގައުމީ ކޯޗު ސޮފްވާން ބުނީ އެންމެ ފަހުގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުން މި ފަހަރު ތަކުރާރު ނުކުރުން އެއީ އަމާޒެއް ކަމަށެވެ.
އަދި މި ފަހަރުގެ އަމާޒަކީ ފައިނަލުގައި ކުޅުން ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ.













