މެޑްރިޑް (ޖުލައި 28) - ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލޯބި ޖެހުނީ އެ ކުލަބްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކަމަށް އެ ކުލަބާ ރަސްމީ ގޮތުން އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ބުނެފި އެވެ.
ރެއާލުން ވަނީ އިއްޔެ އެ ކުލަބްގެ ޖާޒީގައި އެންޑްރިކް ދައްކާލައިފަ އެވެ. އެންޑްރިކް ދައްކާލުމަށް ބޭއްވި ހަފުލާގައި ރެއާލުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއިރު، މި ހަފްލާގައި ވާހަކަ ދައްކަމުން އެންރިކް ވަނީ ރޮއެފަ އެވެ.
ރެއާލް ޖާޒީގައި އެ ޓީމުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން އެންޑްރިކް ބުނީ އޭނާ މިހުރީ ވަރަށް އުފަލުން ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ކުލަބަށް ކުޅުން އެއީ އޭނާގެ ކުޑައިރުުގެ ހުވަފެނެއް ކަމަށާއި, މިއަދު އެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ކުޑައިރުން ފެށިގެން އަހަރެން ބޭނުންވި ދުނިޔޭގެ އެންމެ ބޮޑު ކުލަބަށް ކުޅެން. މި އަންނަ ސީޒަނުގައި އެ ހުވަފެން ހަގީގަތަކަށް ވާނެ." އެންޑްރިކް ބުންޏެވެ.
ރެއާލް ޖާޒީގައި އޭނާގެ ފުރަތަމަ ފެނިލުމުގައި ރުއީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އެންޑްރިކް ބުނީ ރެއާލް އަށް އޭނާ ސަޕޯޓްކުރަން ފެށީ ރޮނާލްޑޯގެ ސަބަބުން ކަމަށެވެ.
އަދި ރޮނާލްޑޯ ފަދައިން ރެއާލްގެ ކުޅުންތެރިއަކަށްވާން ބޭނުންވި ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ވުމުން ރޮވުނީ ކަމަށެވެ.
"ރެއާލް އަށް އަހަރެން ސަޕޯޓް ކުރަން ފެށީ ރޮނާލްޑޯގެ ސަބަބުން. ރޮނާލްޑޯ އަށް އެކަމުގައި ޝުކުރުއަދާ ކުރަން. އަހަރެން އަށް ރޮވުނީ ރޮނާލްޑޯ ފަދައިން އަހަރެން އަށް ރެއާލަށް ކުޅެން ފުރުސަތު ލިބުމުން" އެންޑްރިކް ބުންޏެވެ.
އެންޑްރިކް ވަނީ ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނިގެން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، އިންގްލެންޑްގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް އަދި ސްޕެއިންއާ ދެކޮޅަށް ރެއާލްގެ ދަނޑުގައި ސަންޓިއާގޯ ބާނަބައުގައި ގޯލު ޖެހި އެވެ.












