ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި ރާއްޖޭގެ ޓީމުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލްކުރި ކަމަށާއި، މިއީ ރާއްޖޭގެ ޒުވާން ވޮލީޓީމަށް ފެށުމެއް ކަމަށް ޒުވާން ވޮލީބޯޅަ ޓީމުގެ ކޯޗު ފަތުހުالله ވަހީދު (ފައްލޯ) ބުނެފި އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ހަތަރު ގައުމަކުން ވާދަކުރި އެވެ. އެއީ ނޭޕާލް, ސްރީ ލަންކާ އަދި ކިރްގިސްތާން އެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޒުވާން ގައުމީ ޓީމު ބަލިވިއިރު، ސެޓެއް ވެސް ނުލިބެ އެވެ. އެހެން ނަމަވެސް ކޯޗު ފައްލޯ ހުރީ މުބާރާތުގައި ޒުވާން ގައުމީ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހިފަ އެވެ. އަދި މުބާރާތުގައި މެޗަކަށް ފަހު މެޗެއް ޒުވާން ގައުމީ ޓީމުގެ ފަރާތުން ކުޅުން ރަނގަޅު ކުރިކަން ފައްލޯ ފާހަގަކުރި އެވެ.
"އަޅުގަނޑުމެނަށް ސެޓު ލިބުމާ މެޗު ލިބުން އެއީ އަދި ތަންކޮޅެއް ދުރުގައި އޮތް ކަމެއް. އެއީ އަޅުގަނޑުމެން މި މުބާރާތައް ނުކުތް ޓީމާ, މި މުބާރާތުގައި ވާދަކުރަން އައިސް ތިބި ޓީމުތަކާ އަޅާ ބަލާއިރު, ހުރިހާ ފަރާތްތަކަކަށްވެސް ފެންނާނެ, (ދެން ހުރި ޓީމުތަކުން) ކުޅުންތެރިންގެ ފެންވަރާ, އެ ޓީމުތައް މުބާރާތައް ތައްޔާރުވެފައިވާ މިންވަރު. އެހެންވީމަ އަޅުގަނޑުމެން އަށް ސެޓު ނުލިބުމާ, މެޗު ނުލިބުން އެއީ މައްސަލަ އެއް ކަމަށް އަޅުގަނޑު ނުދެކެން." ޕޮލިސް ޓީމުގައި ވެސް ޒުވާން ކުޅުންތެރިންނަށް އިރުޝާދުދެމުން އަންނަ ފައްލޯ ބުންޏެވެ.
ފައްލޯ ބުނީ ރަނގަޅު ތައްޔާރީތަކަކާ އެކު، ރާއްޖެ އަށް މި އަށްވުރެ ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ. އަދި ކުރިއަށް ޒުވާން ޓީމަށްހުރި މުބާރާތްތަކަށް ދާނީ މި އަށް ވުރެ ގިނަ ތަޖުރިބާތަކާއެކުގައި ކަމަށް ވެސް ފައްލޯގެ ވާހަކައިގައި ފާހަގަކުރި އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންނަނީ ކުރިއަށް އޮތް އައިއޯއައިޖީގައި ރާއްޖޭގެ ވޮލީ ޓީމުތައް މެޑައްޔަކަށް އަމާޒުހިފައި އެ ކަމަށް މަސައްކަތް ކުރަމުންނެވެ. ފައްލޯ ދެކޭ ގޮތުގައި އެ ހިސާބައް ދިޔުމަށް މި މުބާރާތަކީ ފެށުމެކެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އައިއޯއައިޖީ އާ ހަމައަށް ދާއިރު, މި ކުޅުންތެރިންނަށް މި ކަހަލަ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެ. އެހެން ކަމަށް ވަނީނަމަ މެޑަލް ހޯދުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން." ފައްލޯ ބުންޏެވެ.
ކާވާ މުބާރާތުގައި ރާއްޖޭން ޖުމްލަ އެކުގައި، ފަސް މެޗު ކުޅެފައިވެ އެވެ. ފަސް މެޗުން ވެސް ސެޓެއްހާ ހިސާބު ވެސް ނުލިބި މުބާރާތް ނިންމާލަން ޖެހުމުން، ހަގީގަތުގައި މުބާރާތުގެ މަގުސަދު ހާސިލްވިތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެކަށީގެންވާ ތައްޔާރީތައް ނުވެ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުން ވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.













