ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޮވާ މެޗުން, ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލުން ލޯ މެޑަލް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، މި މުބާރާތުގައި ރާއްޖޭން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައި މި ވަނީ ސެޓެއް ވެސް ނުލިބި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބުކުރީ 25-14, 25-22 އަދި 25-13 އިން ސެޓުތައް ގެންގޮސްގެންނެވެ.
ރާއްޖެއިން މި މުބާރާތުގައި އެންމެ ރަނގަޅަށް ކުޅުނު މެޗަކީ މި މެޗެވެ. އެކަމަކު، މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި ސެޓު ނޭޕާލުން ވަނީ ފަސޭހަކަމާއެކު 25-14 އިން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު މި ސެޓުގައި ވެސް ރާއްޖޭގެ މާޔާ ހުސެއިންގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ.
މެޗުގެ އެންމެ ވާދަވެރި ސެޓަކީ ދެ ވަނަ ސެޓެވެ. މި ސެޓުގައި ނޭޕާލަށް ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ނުވި އެވެ. އަދި މި ސެޓުގައި ރާއްޖޭގެ ޓީމުން ވަނީ އަމިއްލަ ގޯސްތައް މަދުކޮށް ނޭޕާލްގެ ކޯޓަށް ބާރު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އަދި ރާއްޖޭގެ ރިސީވްވެސް ފެނިގެންދިޔައީ ރަނގަޅުކޮށެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-22 އިންނެވެ.
މެޗުގެ ތިން ވަނަ ސެޓުގައި ވެސް ރާއްޖޭގެ ޓީމުން ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އަދި މި ސެޓުގައި ނޭޕާލުގެ ގިނަ ހަމަލާތަކެއް ރާއްޖެ އަށް ރިސީވްކުރުމުގައި އުނދަގޫތަކެއްވި އެވެ. އެއާއެކު, މި ސެޓު ނޭޕާލުން ގެންދިޔައީ 25-13 އިންނެވެ.
މި މުބާރާތުގެ ފައިނަލުގައި މިރޭ ސްރީ ލަންކާ އިން ނުކުންނާނީ ކިރްގިސްތާން އާ ދެކޮޅަށެވެ. ލަންކާ ވަނީ ލީގު ބުރުގައި ކިރްގިސްތާންގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިފަ އެވެ.













