ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ސެންޓްރަލް ޒޯން 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ސްރީ ލަންކާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ލަންކާ ދަތުރުކުރީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ނޭޕާލްގެ މައްޗަށް ލަންކާ ކުރިހޯދީ 3-1 ސެޓުންނެވެ. ދެ ވަނަ މެޗުގައި ރާއްޖެ ސީދާ ތިން ސެޓުން ބަލިކުރިއިރު, ފަހު މެޗުގައި ކިރްގިސްތާންގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި ރާއްޖޭގެ މައްޗަށް ލަންކާ އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-09, 25-08 އަދި 25-07 އިންނެވެ.

ސްރީ ލަންކާ އާއި ރާއްޖެ މިއަދު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު
މުޅި މެޗަށް ބަލާއިރު, ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ މި މެޗުގެ ފުރަތަމަ ސެޓުގަ އެވެ. އެކަމަކު، މި ސެޓު ފަށައިގެން ވެސް ލަންކާ އިން ބޮޑު ލީޑަކާއެކު ވަނީ ކުޅެފަ އެވެ. މި ސެޓުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ކުރީ މެޗުތަކުގައި ވެސް ރާއްޖެއިން ތަފާތަކަށް ފެނުނު މާޔާ އެވެ. މި ސެޓު ލަންކާ އިން ގެންދިޔައީ 25-09 އިންނެވެ.
ދެ ވަނަ ސެޓު އަދި ތިންވަނަ ސެޓުގައި ވެސް ރާއްޖެއިން ފެނުނީ ޖުމްލަ ކޮށް އާދައިގެ ގޮތަކަށެވެ. އަމިއްލަ ގިނަ މިސްޓޭކުތަކެއް މި ދެ ސެޓުގައި ވެސް ރާއްޖެއިން ފެނިގެންދިޔައިރު, ލަންކާ އިން ވަނީ ގިނަ ޕޮއިންޓްތަކެއް ސާވިސް އިން ހޯދައިފަ އެވެ. މި ދެ ސެޓު ލަންކާ އިން ގެންދިޔައީ 25-08 އަދި 25-07 އިންނެވެ.
ރާއްޖެ މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ސެޓެއް ވެސް ލިބިފައިނުވެ އެވެ.
މި ނަތީޖާއާ އެކު ރާއްޖެއިން ދެން ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗެވެ. އެއީ، މިރޭ ކުޅޭ ކިރްގިސްތާން އާއި ނޭޕާލް ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ.













