ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އަންހެނުންގެ ސެންޓްރަލް އޭޝިއަން ޒޯން (ކާވާ) ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ނޭޕާލް އަތުން ވެސް ރާއްޖެ ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
މިއީ ނޭޕާލުން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވިއިރު, ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން ވެސް ވަނީ ބަލިވެ އެވެ. ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.
ރާއްޖެއިން މިއަދުގެ މެޗު ފަށައިގެންވެސް ދެ ޕޮއިންޓްގެ ލީޑަކާއެކު ކުޅުނެވެ. އެކަމަކު ނޭޕާލުން މެޗުގެ ކުރީކޮޅު ހެދުނު އަމިއްލަ ގޯސްތައް ރަނގަޅުކޮށް ސެޓުގެ މެދު ތެރެއިން ބޮޑު ލީޑެއް ނެގީ އެވެ. އަދި އެ ލީޑު ހިފަހައްޓާ މި ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-16 އިންނެވެ.

ނޭޕާލް އާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު
ދެ ވަނަ ސެޓު ފަށައިގެން ލީޑު ކޮށްގެން ކުޅުނީ ނޭޕާލުންނެވެ. އެކަމަކު މި ސެޓުގައި ރާއްޖޭގެ އެންމެ އިތުބާރު ކުޅުންތެރިޔާ މާޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެކަމަކު ސެޓުގެ މެދުތެރެއިން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އަމިއްލަ ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު ނޭޕާލުން ގެންދިޔައީ 25-09 އިންނެވެ.
ދެވަނަ ސެޓެކޭ އެއްގޮތައް ތިން ވަނަ ސެޓުގައި ވެސް ނޭޕާލް ޓީމުގެ ފަރާތުން ފެނިގެންދިޔައީ އިތުބާރާއެކު ކުޅުނު މަންޒަރެވެ. އެއާއެކު, މި ސެޓުގެ ކުރީކޮޅު ނޭޕާލުން ވަނީ ބޮޑު ލީޑެއް ނަގާގެން ކުޅެފަ އެވެ. 25-10 އިންނެވެ.
ހަތަރު ޓީމު ކުޅޭ ލީގު ބުރަށް ފަހު، ރޭންކިން އަށް ބަލާފައި ހަތަރު ޓީމު ސެމީގައި ކުޅެން ޖެހޭ މެޗުތައް ކަނޑައަޅާނެ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެއިން ނުކުންނަން ޖެހޭނީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެ ޓީމު އެނގޭނީ މިރޭ ކުޅޭ ސްރީ ލަންކާ އާއި ކިރްގިސްތާން މެޗުންނެވެ.













