ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ސްރީ ލަންކާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބާކީ އެއް މެޗު އޮއްވައި ސްރީ ލަންކާ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެންނެވެ. ރޭ ލަންކާ އިން ވަނީ ނޭޕާލްގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިފަ އެވެ.
މިއަދު ހަވީރު ރާއްޖޭގެ މައްޗަށް ލަންކާ އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-8, 25-9 އަދި 25-16 އިންނެވެ.
ރާއްޖެއިން މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވެސް ރަނގަޅަށް ކުޅުނެވެ. އެކަމަކު ސެޓުގެ ފަސްވަނަ ޕޮއިންޓާ ހިސާބުން ލަންކާ އިން ކޮންޓްރޯލް ނެގި އެވެ. އެއާއެކު, ދިވެހި ޓީމުގެ ފަރާތުން އަމިއްލަ ގިނަ ގޯސްތަކެއް ހެދުމުގެ ފައިދާ ނަގާ މި ސެޓު ލަންކާ އިން ގެންދިޔައީ 25-8 އިންނެވެ.
ދެވަނަ ސެޓު ރާއްޖެއިން ފެށީވެސް ދަށް ކޮށެވެ. ފުރަތަމަ ސެޓުގެ ފަހު ކޮޅު ރާއްޖޭގެ ޓީމުން ފެނުނު އަމިއްލަ ގޯސްތައް މި ސެޓުގައި ވެސް ތަކުރާރުވި އެވެ. އަދި ރަނގަޅު ރިސީވްތަކެއް ނުދެވި މި ސެޓު ވެސް ލަންކާއިން ވަނީ ފަސޭހަކަމާއެކު 25-9 އިން ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ތިންވަނަ ސެޓުގެ މެދު ތެރެއިން ރާއްޖޭގެ މާޔާ ހުސެއިންގެ މޮޅު ސާވިސްތަކުން ރާއްޖެއިން ގިނަ ޕޮއިންޓްތަކެއް ހޯދި ނަމަވެސް މި ސެޓު ވެސް ލަންކާ އިން ވަނީ ފަސޭހަކަމާއެކު 25-16 އިން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ޖުމްލަ ކޮށް މި ސެޓުުގައި ރާއްޖޭގެ ކުޅުން ފުރަތަމަ ދެ ސެޓަށްވުރެ ފެނުނީ ރަނގަޅު ކޮށެވެ. ހާއްސަކޮށް މި ސެޓުގައި ރާއްޖޭގެ މާޔާގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔަ އެވެ.
މި މުބާރާތުގައި ރާއްޖެއިން ފަހު މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ނޭޕާލް އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 04:00 ގަ އެވެ.













