ރާއްޖޭގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ބަލިވެއްޖެ އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ކިރްގިސްތާން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-11, 25-11 އަދި 25-17 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖެ ރަނގަޅަށް ކުޅެ ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެކަމަކު ކިރްގިސްތާން ކުޅުންތެރިން ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ސާވިސްތަކުން ޕޮއިންޓް ހޯދި އެވެ. އެގޮތުން ކިރްގިސްތާންގެ ރައުސަލްބެކް ރޯސާ ވަނީ ކައިރިކައިރީގައި ސާވިސް އިން އަށް ޕޮއިންޓް ހޯދައިފަ އެވެ. މި ސެޓު ކިރްގިސްތާން އިން ކާމިޔާބުކުރީ 25-11 އިންނެވެ.

ރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
ދެވަނަ ސެޓު ރާއްުޖެއިން ފެށީވެސް ދަށް ކޮށެވެ. އެކަމަކު ސެޓުގެ މެދުތެރެއިން ރާއްޖޭގެ މާޔާ ހުސެއިން ސޮލާހްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެކަމަކު ކިރްގިސްތާންގެ އެޓޭކުތައް ޑިފެންސް ކުރުމުގައި ރާއްޖެ އަށް އުނދަގޫތަކެއްވެ މި ސެޓު 25-11 އިން ކިރްގިސްތާން ގެންދިޔަ އެވެ.
މުޅި މެޗުގައި ރާއްޖެއިން އެންމެ މޮޅަށް ކުޅުނީ ތިންވަނަ ސެޓުގަ އެވެ. މި ސެޓުގައި ވެސް ރާއްޖޭގެ ތަރިއަކަށްވީ މާޔާ އެވެ. އެގޮތުން މި ސެޓުގައި މާޔާގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔައިރު, ކިރްގިސްތާންގެ ގިނަ ހަމަލާތަކެއް އޭނާ ވަނީ ދިފާއު ވެސް ކޮށްފަ އެވެ. މި ސެޓު ކިރްގިސްތާން އިން ކާމިޔާބުކުރީ 25-17 އިންނެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ރާއްޖެއިން ނުކުންނާނީ ސްރީލަންކާ އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މާދަމާ ހަވީރު 04:00 ގަ އެވެ.













