މިދިޔަ އަހަރު އެކުވެރިކަމުގެ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވި, ނަރީމާ އިދުރީސް (ނަންނި) އަނިޔާއިން ސަލާމަތްވެ, އެނބުރި ކުޅުމުގެ ތެރެއަށް އަތުވެއްޖެ އެވެ.
ނަންނި އަށް އަނިޔާވީ, މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ލަންކާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފުރަތަމަ ސެޓުގެ ފަހު ކޮޅުގަ އެވެ.
ނަންނިގެ ކަކުލަށް ލިބުނު އަނިޔާ އާ ގުޅިގެން އޭނާ ވަނީ އޭސީއެލް އޮޕަރޭޝަނެއް ކޮށްފަ އެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ގިނަ ދުވަސްތަކެއްވަންދެން ދުރުގައި ހުރުމަށްފަހު ނަންނި, މި ފަހަރުގެ އެސޯސިއޭޝަން ކަޕުގައި އަންނަނީ ކުޅެމުންނެވެ.
ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރަމުން އައި ނަންނި އަށް އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ އައިއޯއައިޖީ, އަދި ވޮލީ ސީޒަން ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ.
އުމުރުން 14 އަހަރުގައި އުފަން ރަށް ފ. ފީއަލީ ސްކޫލުގައި އޮތް އިންޓަ ހައުސް މުބާރާތަކުން ވޮލީގެ ތެރެއަށް ނުކުތް ނައްނިވެފައި އޮތީ އޭރު ވެސް ވިދުންގަދަ ކުޅުންތެރިއަކަށެވެ. ރަށު ފެންވަރުގައި ވޮލީގެ ފޯރިގަދަ މުބާރާތްތަކެއް އޮންނާތީ އޭނާ އަށް މުބާރާތްތަކުގައި ވާދަކޮށްލަން ފުރުސަތު ލިބެ އެވެ. އޭގެ ފަހުން އަތޮޅު ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވެސް ނައްނި ކުޅުނެވެ.
ގައުމީ ފެންވަރުގެ މުބާރާތްތަކަށް ނިކުންނަން ނަންނި އަށް ފުރުސަތު ލިބުނީ ގައުމީ ޔުނިވާސިޓީގައި ކިޔަވަން ފެށިއިރު އެ ތަނުގައި ކުރިއަށްދިޔަ އިންޓަ ފެކަލްޓީ މުބާރާތުގައި ދެއްކި ކުޅުމުންނެވެ.
އެންމެ ފުރަތަމަ 2019 ވަނަ އަހަރު ރާއްޖޭގެ ޖޫނިއާ ޓީމުން ނަންނި ޖާގަ ހޯދިއިރު, އެ ފަހުން ނަންނި ވަނީ ސީނިއާ ޓީމުގައި ހިމެނި އޭނާގެ ހުނަރު ދައްކައިފަ އެވެ. އަދި ނަންނި އަކީ މިހާރު ރާއްޖޭގެ ވޮލީގެ އެންމެ އުންމީދީ އެއް ނަމެވެ.













