ގައުމީ ޓީމުތަކާ ހަވާލުވާ ކޯޗުން ކުލަބްތަކުގައި މަސައްކަތް ކުރުން އެއީ މައްސަލަ އެއް ނޫން ކަމަށް އަންހެން ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި ސޮފްވާން އަހުމަދު (ސޮއްޕެ) ބުނެފި އެވެ.
މިއަދު ފަށާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ސޮއްޕެ ފެންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ޓީމުގެ ކޯޗެއްގެ ގޮތުގަ އެވެ. މީގެ ކުރިން ވެސް ސޮއްޕެ ހަރަކާތްތެރިވެފައިވަނީ އެ ކުލަބްގެ ކޯޗެއްގެ ގޮތުގަ އެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކަށް ރާއްޖޭގެ އަންހެން ގައުމީ ޓީމުން ވަނީ ސްކޮޑު އެކުލަވާލާ ފަރިތަކުރުންތައް ވެސް ފަށައިފަ އެވެ.
މީގެ ކުރިންވެސް ވޮލީ ގައުމީ ޓީމުތަކުގެ ކޯޗުން ވަނީ ކުލަބްތަކުގައި ވެސް ކޯޗުކަން ކޮށްދީފަ އެވެ. އެކަމަކު, މި ކަމުގެ ސަބަބުން ބައެއް ކުޅުންތެރިން އެކަމުގެ ނުރުހުން ވަނީ ފާޅުކޮށްފަ އެވެ. އެ ކުޅުންތެރިން ކުރަމުން އަންނަ ޝަކުވާ އަކީ ކޯޗުން ވަކި ކުލަބެއްގެ ކުޅުންތެރިންނަށް އިސްކަން ދިނުމެވެ.
ގައުމީ އަންހެން ވޮލީ ޓީމާ ދާދި ފަހުން ހަވާލުވި ސޮއްޕެ, "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ, ގައުމީ ޓީމާ ހަވާލުވެ, ހުރެ ކުލަބްތަކާ ހަވާލުވުން އެއީ އޭނާ ދެކޭ ގޮތުގައި މައްސަލަ އެއް ނޫން ކަމަށެވެ. އަދި، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރަމުން އަންނަ އުސޫލެއް ކަމަށް ސޮއްޕެ ފާހަގަކޮށްފައިވެ އެެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއީ މައްސަލަ އެއް ނޫން. ކުލަބްތަކުން ގައުމީ ޓީމަށް ކުޅުންތެރިން މި އަންނަނީ ވެސް. މިއީ ހަމައެކަނި ރާއްޖޭގައި އަމަލު ކުރާ ގޮތެއް ނޫން. ތައިލެންޑްގެ ޖޫނިއާ ގައުމީ ޓީމުގެ ކޯޗަކީ, އެ ގައުމުގެ ޔުނިވާސިޓީތަކާ ކޮލެޖުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަރާތެއް." ސޮއްޕެ ބުންޏެވެ.

އަންހެން ގައުމީ ޓީމުގެ ކޯޗުގެ ކޮންޓްރެކްޓް ސޮފްވާން (ކ)އާ ވީއޭއެމްގެ ނައިބު ރައީސް މުހައްމަދު ސާޖިދު (ކާއްޓޭ) ހަވާލުކުރަނީ
ސޮއްޕެ ބުނީ ގައުމީ ޓީމުގެ ކޯޗަކު ކުޅުންތެރިންނަށް "ފޭވާ" ނުކުރާނެ ކަމަށެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނަގަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ކަމަށާއި, ކުޅުންތެރިން ނެގުމުގައި ގިނަ ކަންކަމަށް ބަލާ ކަމަށެވެ. އެގޮތުން ފަރިތަކުރުންތަކުގައި ކުޅުންތެރިން ޕާފޯމް ކުރާ ގޮތައް ބަލާނެ ކަމަށް ސޮއްޕެ ބުންޏެވެ.
"ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ފޭވާ ނުކުރާނެ. އެކަމަކު، ކޯޗުގެ ފޭވަރިޓް ކުޅުންތެރި އެއް ހުރެދާނެ." ސޮއްޕެ ބުންޏެވެ.
ސޮއްޕެ ބުނީ މި ފަހަރު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިގެން މިހާތަނަށް 31 ފަރިތަކުރުން ބޭއްވިއްޖެ ކަމަށާއި, އެކަމަކު މުހިންމު އެއް ކުޅުންތެރިޔަކު އަދިވެސް ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކަމަށެވެ. އަދި މުބާރާތް ވަގުތު ކުޑަތަންވުމުން އެ ކުޅުންތެރިޔާ ވެސް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެކަމަކު، އެ ގޮތަށް ހަދާ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތުދޭން އުނދަގޫވާނެ ކަމަށް ވެސް ސޮއްޕެގެ ވާހަކައިގައި ފާހަގަކޮށްފަ އެވެ.
ގައުމީ ކޯޗުކަމާ ސޮއްޕެ ހަވާލުވުމަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުގައި ބުނީ އޭނާގެ އަމާޒަކީ ކާވާ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެ އަށް މެޑަލް އެއް ހޯދައިދިނުން ކަމަށެވެ.
ގައުމީ އަންހެން ޓީމުގެ، ކޯޗު ސޮއްޕެ, ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ޔޫތު ނިއު ޖެނެރޭޝަންގެ ކޯޗުގެ މަގާމުގައި ހުރުމުން، މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރުމުން، އެކަމުގައި އަމަލުކުރާ އުސޫލެއް ކަނޑައެޅިފައި އޮތްތޯ އޮޅުންފިލުވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ބަހެއް ހޯދުމަށް "އަދަދު" އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.













