އޯޝަން ޓީވީ ސްޓޭޝަނަށް ވަގަކު ވަދެ, ތަކެއްޗަށް ގެއްލުންދީ, ބައެއް ތަކެތި ވަގަށް ގެންގޮސްފި އެވެ.
އޯޝަން ޓީވީ ސްޓޭޝަނުގެ ދޮރު ހަލާކު ކޮށްލައިގެން އެތަނަށް މީހަކު ވަންނަން މަސައްކަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފޫޓޭޖެއް 'އަދަދު' އަށް ވަނީ ލިބިފަ އެވެ.
އެ ފޫޓޭޖުން ދައްކާ ގޮތުގައި އެތަނުގެ ދޮރު ހަލާކުކޮށްލައިގެން މީހަކު ވަންނަން މަސައްކަތް ކުރީ މިއަދު ހެނދުނު 6:00 ހާއިރެވެ.
އޯޝަން ޓީވީގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި އޯޝަން ޓީވީ ސްޓޭޝަން ފަޅާލައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ. އަދި އެ ސްޓޭޝަނުގައި ގެންގުޅޭ ބައެއް ތަކެތި ވަގަށް ގެންގޮސްފައި ވެއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
އޯޝަން ޓީވީގެ ސްޓޭޝަން ފަޅާލީ, މާލޭގައި ވައްކަމުގެ މައްސަލަތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.














