މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭ މިންވަރު އިތުރުކުރަން ހަރަދަށް ޒިންމާވުމާ ގުޅޭ މުޅިން އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ނަން ދީފައިވާ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
މި ބިލުގެ މަގުސަދެއް ކަމަށް ލިޔެފައިވަނީ މިހާރުގެ ގާނޫނު އުވާލައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާ ގުޅޭ އާ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް ހުރިހާ ކަމެއް ދެމެހެއްޓެނިވި، ދެ ފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ކަށަވަރުކުރުމުގެ ގޮތުން ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުމެވެ.
ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ އެމްއެމްއޭއިން ދަރަންނަށް ފައިސާ ނެގުމާ ގުޅޭ ނުވަތަ މަރުކަޒީ ބޭންކުން އެޑްވާންސްއަށް ފައިސާ ނެގުމުގެ ހަމަ ބަޔާންކުރާ މާއްދާ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި އޮންނަ ގޮތުން ސަރުކާރަށް އެމްއެމްއޭއިން ނެގެނީ ދައުލަތަށް ލިބުނު ތިން އަހަރުގެ އާމްދަނީގެ އެވަރެޖުގެ 1 ޕަސެންޓުން 2.5 ޕަސެންޓަށް މަތިކުރުމެވެ.
titledesc
ބިލުގައި އޮތް ގޮތަށް ގާނޫނު ފާސްކޮށް އަމަލުކުރަން ފަށައިފި ނަމަ، މިހާރު ނެގޭ 277 މިލިއަން ވަރަކަށް ރުފިޔާގެ ބަދަލުގައި 694 މިލިއަން ރުފިޔާ ދަރަންޏަށް ނެގޭނެ އެވެ. މިއީ ގާތްގަނޑަކަށް 150 ޕަސެންޓުގެ އިތުރުވުމެކެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ހުށަހަޅާފައިވާ މުހިންމު އެހެން ކަންކަމުގެ ތެރޭގައި ކޮންމެ ރިޔާސީ ދައުރެއް ފަށާތާ ހަ މަސް ވުމުގެ ކުރިން ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލުން ހިމެނެ އެވެ.
އެއިރެއްގައި ހުންނަ ފިނޭންސް މިނިސްޓަރަކު އެކުލަވާލައި، އާންމުކުރާ މި ފިސްކަލް ޗާޓަރަކީ ގައުމަށް އަންނަ ބޮޑެތި އިގުތިސޯދީ ލޮޅުންތަކަށް ބަލައި މުރާޖައާކުރަން ޖެހޭ، އަދި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމުމުގައި އަމަލުކުރަން މަޖުބޫރު ޗާޓަރެކެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާއިރު، ބިލާ މެދު ގޮތެއް ނިންމާނީ މެމްބަރުން ބަހުސްކުރުމަށް ފަހުގަ އެވެ.
އެމްއެމްއޭއިން ދަރަންޏަށް ނެގޭ ފައިސާގެ މިންވަރު އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ކުރީ ސަރުކާރުގައި އެޑްވާންސަށް ފައިސާ ނެގޭ ލިމިޓާ ގުޅޭ މާއްދާ ސަސްޕެންޑް ކުރުމަށް ފަހު ފައިސާ ޗާޕު ކުރުމުން އިގުތިސޯދު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ބުނުމަށް ފަހު އެވެ.











