މެޑްރިޑް (ޖޫން 4) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އޭނާގެ ހުވަފެނީ ކުލަބް ސްޕެއިންގެ ރެެއާލް މެޑްރިޑާ އެކު, ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްބާޕޭ، 24، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ, ކުޑައިރުން ފެށިގެން ހުވަފެނީ ކުލަބަކީ ރެއާލް މެޑްރިޑް ކަމަށާއި, އެ ކުލަބަށް ބަދަލުވުން އެއީ ބަޔާންކުރަން އުނދަގޫ ބޮޑު އުފަލެއް ކަމަށެވެ.
"އަހަރެންގެ ހުވަފެނީ ކުލަބަށް ބަދަލުވުން އެއީ ބޮޑު އުފަލެއް. މީހަކަށް ނޭނގޭނެ އަހަރެން މިވަގުތު މިވީ އުފަލެއް. ބާނެބެއު (ރެއާލްގެ ދަނޑު) ގައި ކުޅެން މިހުރީ ކެތް މަދުވެފައި." އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ރެއާލާއެކު, ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާކަން ރެއާލުން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އެ ކުލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ދައްކާލާނެ ދުވަހެއް ރެއާލުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެމްބާޕޭ ރެއާލަށް ބަދަލުވާކަން އިއުލާން ކުރުމުން އެކަމަށް ރެއާލްގެ ކުޅުންތެރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ. މީގެ އިތުރުން ރެއާލުގެ ލެޖެންޑުން ވެސް އަންނަނީ އެމްބާޕޭ އަށް މަރުހަބާ ކިޔަމުންނެވެ.
ރެއާލްގެ ލެޖެންޑް އަދި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ އެމްބާޕޭ އަށް މަރުހަބާ ކިޔާފަ އެވެ. ރޮނާލްޑޯ ބުނީ އެމްބާޕޭގެ ކުޅުން ބަލާލަން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި ކާމިޔާބީ އަށް އެދޭކަމަށް ބުންޏެވެ.
ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އެމްބާޕޭ ވަނީ 256 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީ އާއެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގައި އޭނާ އެންމެ ބޭނުންވީ ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރާށެވެ. އެކަމަކު، އެކަން ހާސިލްނުވެ، އެމްބާޕޭ މި ސޮއިކުރި ރެއާލް އަކީ، ޗެމްޕިއަންސް ލީގު 15 ފަހަރު ކާމިޔާބުކޮށްފައިވާ، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.












