މެޑްރިޑް (ޖޫން 2) - ފްރާންސްގެ ކެޕްޓަން، ކީިލިއަން އެމްބާޕޭ، ޔޫރަޕްގެ ރަސްގެފާނު، ރެއާލް މެޑްރިޑަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެމްބާޕޭ، 25، އަކީ ވޭތުވެދިޔަ ހައެއްކަ އަހަރު ރެއާލުން އެކި ފަހަރު މަތިން ފާރަލި ކުޅުންތެރިއެކެވެ. ރެއާލުން ބޮޑު ޓްރާންސްފާ ފީއެއް ހުށަހަޅައިގެން ވެސް އޭރު އެމްބާޕޭ ހުރި ކްލަބް ޕީއެސްޖީން އޭނާ ވިއްކާލަން ބޭނުމެއްނުވި އެވެ.
އެކަަމަކު، މި ސީޒަނަށް ފަހު، އެމްބާޕޭ، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެ، ހިލޭ ޓްރާންސްފާއެއްގައި އޭނާ ރެއާލަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭގައި ރެއާލުން ރަސްމީކޮށް އެމްބާޕޭ، އެ ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރާނެ އެވެ. ދާދި ފަހުން، އެމްބާޕޭ ވަނީ، އޭނާ ދެން ބަދަލުވާ ކްލަބެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.
ޖަރުމަނުގައި މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން މި ވަގުތު ފްރާންސްގެ ކޭމްޕްގައި ހުރި އެމްބާޕޭ ވަނީ، ރެއާލްގެ އިވެންޓްގައި ބައިވެރިވާން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ހުއްދަ އަކަށް ވެސް އެދިފަ އެވެ.
އެމްބާޕޭގެ މަންމަ، ފައިޒާ ލަމާރީ ބުނީ، އެމްބާޕޭ ދެން ބަދަލުވާނެ ކްލަބެއް އެންމެނަށް ވެސް އެނގޭ ކަމަށާއި އެކަން ވަރަށް އަވަހަށް ސާފުވާނެ ކަމަށެވެ.
ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އެމްބާޕޭ ވަނީ 256 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީ އާއެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގައި އޭނާ އެންމެ ބޭނުންވީ ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރާށެވެ. އެކަމަކު، އެކަން ހާސިލްނުވެ، އެމްބާޕޭ މި ސޮއިކުރި ރެއާލް އަކީ، ޗެމްޕިއަންސް ލީގު 15 ފަހަރު ކާމިޔާބުކޮށްފައިވާ، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.












