ރައްޔިތުންގެ މަޖިލީހުގައި ތަފާތު ހިޔާލާއި ވިސްނުމަށް ޖާގަ އޮންނަން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް، އެ އެކަން އޮންނަން ޖެހޭނީ މަޖިލީހުގެ ކަރާމާތް ހިފެހެއްޓޭ ގޮތަށް ކަަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައި، މަޖިލީހުގެ ރައީސް ކަަމަށް އަބްދުއްރަހީމް އިންތިހާބުކުރީ މިއަދު ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ.
މަޖިލީހުގެ ރިޔާސަތާ ފުރަތަަމަ ފަހަރަށް ވަޑައިގެން މެމްބަރުންނާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ގައުމީ ބަހުސްތައް ހިނގާނެ "އެންމެ އުސް، އަދި އެންމެ އިސް" ތަނަކީ މަޖިލީހުގައި ކަމަށެވެ. މަޖިލީހުގައި ތަފާތު ހިޔާލުތަކާއި ވިސްނުންތައް އޮންނަން ޖެހެނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިތާނގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށާއި ތަފާތު ނަަަޒަރިއްޔާތަކަށް ފުރުސަތު ލިބެންވާނެ ކަަމަށާ މިކަންކަަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ހިނގަން ވާނީ އުސޫލުތަކާއި ހަމަތަކާ އެކު "މަޖިލީހުގެ ކަރާމާތް ހިފެހެއްޓޭ" ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"[އެކަން ހިނގަން ވާނީ] މި މަޖިލީހުގެ މަސައްކަތާ މެދު ދިވެހިރައްޔިތުން ފަހުރުވެރިވާނެ ގޮތަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ މިދައުރުގެ މެމްބަރުން ކުރަން އޮތީ ވަރަށް ބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރަށް ކަމުނުދާ ގާނޫނުތައް އުވައިލުމާއި އާ ގާނޫނުތައް ހެދުމާއި ބަދަލުކުރަން ޖެހޭ ގާނޫނުތައް ބަދަލުކުރުމަކީ މި ދައުރުގައި ކުރަން ހުރި ކަންތައްތައް ކަަމަށެވެ.
ވިހިވަނަ މަޖިލީހުގެ ރިޔާސަތު އަބްދުއްރަހީމާ ހަވާލުކުރަން ފާސްކުރީ 93 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ. އަބްދުއްރަހީމާ ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބުނީ 14 ވޯޓެވެ. ބާތިލް ހަތް ވޯޓެވެ.
އާ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. އެމަނިކުފާނަށް 71 ވޯޓު ލިބިވަޑައިގެންނެވިއުރ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން ތިއްބަވަ އެވެ. ސަރުކާރަށް ތާއިދުކުރާ މެންބަރުންނާ އެކު އެ އަދަދު 79 އަށް އަރަ އެވެ.













