މެޑްރިޑް (މެއި 26) - ރެއާލް މެޑްރިޑްގެ ދަނޑުގައި، އެ ޓީމުގެ ލެޖެންޑް، ޓޯނީ ކްރޫސް ކުޅުނު ފަހު މެޗުން ރެއާލް ބެޓިސްއާ ކުޅެގެން ލަނޑެއް ނުޖެހި، 0-0 އިން އެއްވަރު ވެއްޖެ އެވެ.
މި ހަފްތާގައި ރެއާލްގެ ލެޖެންޑް، ކްރޫސް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތައް ފަހު އޭނާ ރިޓަޔާވާނެ ކަން އިއުލާން ކޮށްފަ އެވެ. އެއާ އެކު, ރޭ މެޗުގެ ކުރިން ކްރޫސް އަށް ވަނީ ރެއާލް އަދި ބެޓިސްގެ ކުޅުންތެރިން "ގާޑް އޮފް އޮނާ" އެއް ދީފަ އެވެ.
މި މެޗުގެ 14 ވަނަ މިނެޓުގައި ރެއާލްގެ ވިނީޝިއުސް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއިން މުޅިން ހުހަށް ވިނީޝިއުސް އަށް ލިބުނު ބޯޅަ ބޭކާރުވީ, ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުންނެވެ.
އޭގެ ފަހުން، މެޗުގެ 34 ވަނަ މިނެޓުގައި ވެސް ވިނީޝިއުސް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއިން ރޮޑްރީގޯ ހުރަސްކޮށްދިން ބޯޅަ ވިނީޝިއުސް ފޮނުވާލިއިރު, މި ބޯޅައިގެ ހުރަހަކަށްވީ ބެޓިސްގެ ކީޕަރެވެ.
މި މެޗުގެ 39 ވަނަ މިނެޓުގައި ބެޓިސްގެ ކާޑެސޯ ގޯލު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ.
ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި، ރެއާލުން މި ސީޒަނުގެ ފަހު މެޗުގައި ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބްރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށެވެ.












