އިރާންގެ ޝީޢީންނާއި؛ އިލްމުވެރިންގެ މަންހަޖު

އިރާންގެ ޝީޢީންނާއި؛ އިލްމުވެރިންގެ މަންހަޖު

ނިމިގެންމިދިޔަ ހަފުތާ ފެށިގެން އައީ އިސްލާމީ ގައުމެއްކަމަށްވާ އިރާންގެ ރައީސް އަވަހާރަވުމުގެ ހިތަމާވެރި ހަބަރާއެކުގައެވެ. އިސްލާމީ ހުރިހާ ދައުލަތަކުން އިރާންގެ ރައީސްގެ ވަކިވެދިއުން ސިފަކޮށްފައިވަނީ އިސްލާމީ ލީޑަރެއްގެ ހިތާމަވެރި އަވަހާރަވުމެއްގެ ގޮތުގަ އެވެ. އަދި އިސްލާމީ އުންމަތަށް ލިބުނު ހިތާމައެއްގެ ގޮތުގަ އެވެ. އިރާންގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދައުލަތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދިވެހިން ވެސް ބައިވެރިވެފައިވެ އެވެ. އަދި އަޅުގަނޑުމެންގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވުނެވެ. އެއީކީ މައްސަލައެއްކަމުގައި އަޅުގަނޑަކަށް ނުފެނެ އެވެ. އެހެނީ ކާފަރުންކަމަށް އެއްވެސް މީހަކު ބަހުސެއް ނުހިންގާ މީހުންނާމެދު ވެސް އިންސާނިއްޔަތުކަމުގެ ނަޒަރުން ބަލައި އިހުތިރާމްކުރުމަކީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް ނޫނެވެ. އަދި އެއީ އިސްލާމް ދީން މަނާކުރާ ކަމެއްވެސްނޫނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާއަކީ ޚުދު އެކަލޭގެފާނުގެ ފުރާނަފުޅަށް ފެންބޮވައިގެން އައި އެތައް ބަޔަކު އަސީރުވުމުން އެބައިމީހުންނާމެދު މުއާމަލާތުކުރުމުގައި ދެވަނައެއް ނެތް ނަމޫނާ ދެއްކެވި މާތް ސާހިބާ އެވެ.

އިރާންގެ ރައީސްގެ އަވަހާރަވުމުގެ ހަބަރަށް އިސްލާމީ ދައުލަތްތަކާއި އަމިއްލަ ފަރުދުން ރިއެކްޓްކުރި ގޮތުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ އުންމަތުގައި ވަރަށް ބޮޑު ހޫނު ބަހުސްތަކެއް ކުއްލިއަކަށް އުފެދިގެން ހިނގައްޖެއެވެ. ޝީޢީންނަކީ މުސްލިމުންތޯ ކާފަރުންތޯ ކުރެވޭ ބަހުސެވެ. އިސްލާމީ އުންމަތުގައި ހިނގާ އެފަދަ ކޮންމެ އޮއިވަރެއް އަދި އެފަދަ ކޮންމެ ކަމެއް އަހަރެމެންގެ ދިވެހިން ތަޖުރިބާކުރާ ފަދައިން މިކުޑަ ދިވެހި މުޖުތަމައުގައިވެސް މިއަދު އެބަހުސްވަނީ ހޫނުކަމާއެކު ދައުރުވާން ފަށާފައެވެ. ވަރަށް ބޮޑުތަނުން ހޫނުވެ، އެކަކު އަނެކަކު ދެކޭ ގޮތް ހާމަކުރުމުގެ ސަބަބުން ކާފަރުކުރުމުގެ ދަރަޖައަށް އެބަހުސްގެ ހޫނުކަން ހިނގައި، އެކަން ފިތުނައަކަށްވެ ނިމިގެންދާއިރު، ޤާނޫނަކުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީން މިހޫނުގަނޑު ފިނިކުރުމަށް ކޮންމެވެސް އެއްޗެއް ވިދާޅުވާނެ ނަމަ ކޮންފަދަތޯ އެވެ!

އިރާންގެ ވެރިކަމުގެ ފަރާތުންނާއި އެތަނުގެ ގިނަ ރައްޔިތުންގެ ޢަޤީދާއާ ގުޅުވައި، ދުނިޔޭގައި އުފެދުނު ބޮޑެތި އިލްމުވެރިން ވާހަކަފުޅުދައްކަވާފައިވެއެވެ. އެމައުލޫގައި ވަކި ކޮޅެއް ބުރަކޮށް އެއްޗެއް ދެންނެވުމުގެ ބަދަލުގައި، ތަފާތު ދެފިކުރެއް މިތަނުގައި ނަކަލުކޮށްލަން އަޅުގަނޑު ގަސްދުކުރަމެވެ. ބޭނުމަކީ އަޅުގަނޑުގެ މައިގަނޑު މަގުސަދަކީ އިސްލާމީ މައުލޫތަކުގައި ކިޔާ މީހުންނަށް ވިސްނުމާއި ފިކުރު ހިންގުމުގެ ދައުވަތުދިނުންކަމުގައިވާތީ، އަޅުގަނޑުގެ އެމަންހަޖާއި ގާތްކުރަނީ މިގޮތްކަމުގައިވާތީއެވެ.

އިރާންގައި އޮތް ސަރުކާރާމެދު ކަނޑައެޅިގެން ފަތުވާއެއް ދެއްވާފައިވާ މިޒަމާނުގެ ބޮޑު އެއް އިލްމުވެރިއަކީ ސުއޫދީ އަރަބިއްޔާގެ ކުރީގެ މުފްތީ އަލްއިމާމް އިބްނު ބާޒް ރަޙިމަހުﷲ އެވެ. އިބްނު ބާޒުގެ ފަތުވާގައި ޚުމައިނީއަށް ތަބާވާ އިރާންގެ ވެރިންނާއި އިރާންގެ ބޮޑެތި މީހުންނާއި އެތަނުގައި ތިބި ޝީޢީ ބޮޑެތި އިމާމުންނާ ގުޅިގެން ފަތުވާދެއްވާފައިވެއެވެ. އަދި ސާފު އިބާރާތުން ވިދާޅުވެފައި އޮންނަނީ އެބައިމީހުންނަކީ އެބައިމީހުންގެ ކާފަރުކަމާމެދު ޝައްކެތް ނުހިނގާ ފަދައިން، ޝިރުކާއި މަގުފުރެދުމުގެ އަހުލުވެރިންކަމަށެވެ. ކާފަރުކަމުގެ ތެރެއިންވެސް ކާފަރުކަމުން އަރާތިބި ބައެއްގެ ގޮތުގައި އެބައިމީހުން ސިފަކުރައްވައި އިބްނު ބާޒް ރަޙިމަހުﷲ ފަތުވާދެއްވާފައިވެ އެވެ. އެހެންނަމަވެސް އެގައުމުގެ އާންމުންނަކީ ތަންދޮރުނުފިލާ މަގުފުރެދުމުގެ އަހުލުވެރިންކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އޭގެ ސަބަބުތައް ތަފުސީލުކޮށް އެފަތުވާގައި ހިމަނުއްވާފައިވެ އެވެ.

އަހަރެމެން ރާއްޖޭގައި މިފަހުން ދައުވަތުގެ މައިދާނުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެވަޑައިގަންނަވާ ވަރަށް ގިނަ އިލްމުވެރިންނަކީ މަދީނާ ޔުނިވަރސިޓީގެ ޚިއްރީޖުން ކަމަށްވުމާއެކު، މިރައުޔަކީ ދިވެހި އުންމަތުގެ ދަޢުވަތުގެ ހުންގާނުގައި މިވަގުތު ތިއްބެވި އިލްމުވެރިންނާ ނުހަނު ގާތުގައި އޮންނާނެ ރައުޔެއްކަމާމެދު ބަހުސެއް ނެތެވެ. އަދި އެއީ އެއްވެސް މީހަކަށް ކުޑައިމީސްކުރެވޭނެ ކަމެއް ވެސް ނޫނެވެ.

އިރާންގެ ސަރުކާރާއި ވެރިންނާމެދު ފަތުވާއެއް ދެއްވާފައިވާ އަނެއް ބޭކަލަކީ، ދުނިޔޭގެ އިލްމުވެރިންގެ ގުޅުމުގެ ކުރީގެ ރައީސް އަލްއިމާމް ޔޫސުފުލްޤަރަޟާވީއެވެ. ސާދަސަތޭކަ ނަވާވީސް ވަނަ އަހަރުގެ ރަމްޟާން މަހުގެ ސަތާރަވަނަ ދުވަހު "މީސްތަކުންނަށް ބަޔާނެއް" ގެ ނަމުގައި ޤަރަޟާވީ އާންމުކުރެއްވި ދިގު ބަޔާނުގައި އިރާންގެ ޝީޢީންނާ ގުޅިގެން ވިދާޅުވެފައިވެ އެވެ. "އެންމެ ފުރަތަމަކަމަކަށް އިސްލާމީ އުންމަތަކީ އެކައްޗެއްކަމަށް އަހަރެން ގަބޫލުކުރަމެވެ. އެއުންމަތުގެ ހުރިހާ މަޒުހަބަކާއި ގޮތްޕަކާއި ކަތްޕަކާއި ހިމެނޭ ފަދައިންނެވެ. އެ ހުރިހާ ބަޔަކު އީމާންވަނީ އެއް ފޮތަކަށެވެ. އެއް ރަސޫލަކަށެވެ. ކުރިމަތިލަނީ އެއް ގިބުލައަކަށެވެ. އެހުރިހާ ގޮފިތަކެއްގެ މެދުގައި ހުރި ތަފާތުތަކަކާ އެކުވެސް އެއީ އިސްލާމީ އުންމަތުގެ ބައެއް ކަމުގައި މެނުވީ ނުވާނެއެވެ. އަދި އުންމަތް ބައިތަކަކަށް ބެހިގެންދާނެކަމުގެ އަސާސް އެނގެން އޮތް ހަދީސް ބަސްފުޅުގައިވެސް އެންމެން ހިމަނުއްވާފައިވަނީ އުންމަތުގެ ތެރެއިންނެވެ. 'ތިމަންކަލޭގެފާނުގެ އުންމަތް ބައިބައިވެގެންދާނެއޭ....'. އެހެންނަމަވެސް މި ގޮފިތަކުގެ ތެރެއިން ކަނޑައެޅިގެން ހުރި ސިފައެއްގައި އިސްލާމްކަމުން އެކީއެކަށް ކަސިޔާރުވެގެން ހިނގައްޖެ ބަޔަކު ފިޔަވައެވެ."

އިތުރަށް ވިދާޅުވެފައިވެއެވެ. "އަހަރެމެން އަހުލުއްސުންނަތި ވަލްޖަމާޢަތި ގެ މީހުން އީމާންވަނީ ސަލާމަތްވެގެންވާ ބަޔަކީ އަހަރެމެންކަމުގައެވެ. އަދި އެހެން އެންމެހާ ގޮފިތަކަކީ ބިދުއާއި މަގުފުރެދުމުގެ ތެރެއަށް ވެއްޓިފައިވާ ބަޔެއްކަމުގައެވެ. މިއަސާސްގެ މަތީގައި ޝީޢީންނާމެދު އަހަރެން ބުނަމެވެ. އެމީހުންނަކީ ބިދުއަވެރިންނެވެ. ކާފަރުންނެއް ނޫނެވެ."

އަދި ޝީޢީންގެ ތެރެއިން ފެންނަމުންދާ ޝިރުކާއި ކުފުރުގެ އަމަލުތަކުގެ ސަބަބުން އެމީހުންނަކީ ކަނޑައެޅިގެން ތިބި ކާފަރުންކަމުގައި ދެވޭ ފަތުވާއަށް ޤަރަޟާވީގެ ފޮތް "އިސްލާމީ މަޒުހަބުތަކާއި ގޮފިތަކުގެ މެދުގައި ވާހަކަދެއްކުމާއި އެއްގޮތްކުރުމުގެ އުސޫލުތައް" މިފޮތުގައި ރައްދުދެއްވާފައިވެއެވެ. މިހާތަނަށް އެމައުލޫގައި އިސްލާމީ އިލްމުވެރިއަކު ލިޔުއްވާފައިވާ އެންމެ އަގުހުރި މިފޮތުގައި، ޝީޢީންގެ ފަރާތުން ފެންނަ ޝިރުކާއި ކުފުރުގެ ބަސްތަކާއި އަމަލުތަކަކީ، ކަނޑައެޅިގެން ހުރި މަގުފުރެދުމާއި ބިދުއަކަމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެބައިމީހުންގެ ޢަޤީދާގައި ހިމެނޭ އެހެން ކަންކަމަށްޓަކައި، އެއަމަލުތަކާއި ބަސްތަކަކީ، އެބައިމީހުން މިއްލަތުން ބޭރުވާފަދަ ބޮޑު ކުފުރު ނޫންކަމަށް ޤަރަޟާވީ ބަޔާންކުރައްވައި، އެކަމުގައި އިހާއި ފަހުގެ އިލްމުވެރިންގެ މަންހަޖާއި ބަސްފުޅުތަކާއި ދަލީލުތައް ގެންނަވައި ތަފުސީލުކުރައްވާފައިވެ އެވެ.

އިސްވެ ދެންނެވުނު ޤަރަޟާވީގެ ބަޔާނުގައި، އިރާންއާ ބެހޭގޮތުން ޤަރަޟާވީ ވިދާޅުވެފައިވެއެވެ. "ސުންނީ މުޖުތަމައުތައް އިންދިރާސްކޮށްލާފާނެކަމާމެދު ޝީޢީންނާމެދު ރައްކާތެރިކަމުގެ ނަޒަރުން އަހަރެން ބަލަނީ އިންތިހާއަށް ނަމަވެސް، ނިއުކުލިއަރ ބާރު ހޯދައިލިބިގަތުމުގައި އިރާނަށް ލިބިގެންވާ ޙައްޤާމެދު އަހަރެން މިހުރީ ގަދަކޮށް އިރާންއާ އެއްކޮޅުގައެވެ. އަދި އެކަމުގައި އިރާނަށް އެމެރިކާއިން ދެމުންދާ އިންޒާރުތައް ނުހަނު ވަރުގަދައަށް އަހަރެން ކުށްވެރިކުރަމެވެ. އަހަރެން ބުނަމެވެ. އިރާނަށް އެމެރިކާއިން ހަމަލާދީފިނަމަ، އަހަރެމެން ތިބޭނީ އިރާނާއެކުގައެވެ. އިރާނަކީ އިސްލާމީ ބިމުގެ ތެރެއިން ބަޔެކެވެ. އެބިމާމެދު އިހުމާލުވުން ހުއްދަވެގެން ނުވެ އެވެ."

އިސްވެ އެދިޔައީ އިރާނާމެދު ދެ ގޮތަކަށް ދެކެވަޑައިގެންނެވި ސުންނަތް ޖަމާޢަތަށް ނިސްބަތްވާ، އެއްޒަމާނެއްގައި ދިރިއުޅުއްވި ދެ އިލްމުވެރިއެއްގެ ވާހަކަފުޅެވެ. ދެ ބޭފުޅުން ދެކެވަޑައިގެންނެވި ގޮތް ބޮޑު ތަނުން ތަފާތެވެ. ވަރަށް ގިނަ ކަންކަމުގައި އެދެބޭފުޅުން ހިޔާލު ތަފާތުވެފައިވެ އެވެ. އަދި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބައެއް ކަންކަމުގައި ރައްދު ދެއްވާފައިވެސްވެ އެވެ. އެކަމަކު އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ނަމޫނާ އުންމަތަށް ދައްކަވާފައިވެ އެވެ. ނިންމާލަމުން އޭގެ މިސާލެއް ހިއްސާކުރަމެވެ.

ޤަރަޟާވީގެ "އަލްޙަލާލް ވަލްޙަރާމް" ފޮތުގައި ހުރި ބައެއް ފަތުވާތަކާމެދު ސުއޫދީގެ ބައެއް ބޮޑެތި އިލްމުވެރިންގެ ކަންބޮޑުވުން ހުރުމުން އެފޮތް ސުއޫދީގައި ޗާޕުކޮށް ވިއްކޭނެ ގޮތް ނެތިގެންދިޔަ އެވެ. އެކަމާ ގުޅިގެން ޤަރަޟާވީއަށް ފޮނުއްވި ސިޓީގައި އިބްނު ބާޒް ވިދާޅުވެފައިވެއެވެ. "..މަނިކުފާނުގެ ފޮތްތަކަށް އިސްލާމީ ދުނިޔޭގައި ލިބިފައިވާ ބުރަދަނާއި މަގާމާއި މެދު ޝައްކެތް ނެތެވެ. އެހެންވެގެން މިފޮތުގައި ހުރި ބައެއް ރައުޔުތައް ދޫކޮށްލައްވާނެނަމަ ކޮންފަދަތޯ އަހަރެމެން ހިތަށް އަރައެވެ. އެންމެހާ މުސްލިމުންގެ މަގުބޫލުކަން ލިބިގެންދިއުމަށްޓަކަ އެވެ."

މި ސިޓީގެ ޖަވާބުގައި ޤަރަޟާވީ ވިދާޅުވެފައިވެއެވެ. "...ﷲ ގެ ދީނަށް އުޅުމުގައި އެމީހެއްގެ އިޖުތިހާދަށް ނުކުތް ނަތީޖާ ފިޔަވައި އެމީހަކު ލޯބިވާ މީހަކަށްޓަކައި ގޮތްދޫކޮށްލުމަކީ އިންސާނަކަށް ލިބި އޮތް ޙައްޤެއް ނަމަ، ހަމަޔަގީނުން އަހަރެންގެ ރައުޔު އެމީހަކަށްޓަކައި ދޫކޮށްލާނެ އެންމެ ފުރަތަމަ މީހަކީ އިއްޒަތްތެރި ސާހިބާ އެވެ! އެއީ އަހުރެންގެ ހިތުގައި މަނިކުފާނަށް އޮތް ލޯތްބާއި އިއްޒަތާއި އިޙްތިރާމުގެ ބޮޑުކަމަށްޓަކައެވެ. އެކަމަކު މީސްތަކުންގެ މެދުގައި މާތް ﷲ ގެ ސުންނަތަކީ އިޚްތިލާފުވެގެންދިއުމެވެ..."

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox