ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން ޔޫއޭއީ އިން ހުށަހެޅީ ގަރާރު އދ. ގެ އާންމު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އދ. ގެ އާންމު މަޖިލީހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ހުށަހެޅީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް" ގަރާރެވެ. މި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ. ގެ މެމްބަރަކަށް ވުމަށް ޝަރުތުހަމަވާ، އަދި އެކަމަށް އދ. ގެ ގިނަ މެމްބަރު ގައުމުތަކުގެ ތާއީދު އޮތް ގައުމެއް ކަމަށެވެ.
ރާއްޖެ ވެސް ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ މި ގަރާރު 143 މެމްބަރު ގައުމެއްގެ ތާއީދާއެކީގަ އެވެ. މި ގަރާރުގެ ވޯޓުގައި 25 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު، ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ މެމްބަރުންނެވެ.
މި ގަރާރު ފާސްވުމުން ފަލަސްތީނަށް ލިބިދޭ ހައްގުތަކުގެ ތެރޭގައި އދ. ގެ އެހެން މެމްބަރުތަކާއެކީ އިށީންދެގެން ތިބުމުގެ ހައްގު ލިބި އދ. ގައި ބޭއްވިގެން ދާ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު ލިބިގެންދާނެ އެވެ.
މިހާރު "އޮބްޒާވާ ސްޓޭޓަސް" މެމްބަރެއްގެ ގޮތުގައި އޮތް ފަލަސްތީނަށް، މިހާރު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދަނީ މެދު އިރުމައްޗާއި ފަލަސްތީނާއި ގުޅުންހުރި ބައްދަލުވުން ތަކުގައި އެކަންޏެވެ.
އޭގެ އިތުރުން އދ. ގައި ހުށަހަޅާ ޕްރޮޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، ކޯ-ސްޕޮންސަ ކުރުމުގެ ފުރުސަތު ލިބި، އދ. ގައި ނަގާ ވޯޓުތަކުގަ އާއި ބަހުސްތަކުގައި ރައްދު ދިނުމުގެ ހައްގު ލިބިގެންދާނެ އެވެ. އަދި އދ. ގައި ހިނގާ ބައްދަލުވުންތަކުގައި ނިޒާމީ ނުކުތާ ނެގުމުގެ ހައްގު ލިބޭނެ އެވެ.
ގަރާރު ފާސްވުމުން ފަލަސްތީނަށް ލިބޭ އިތުރު ހައްގުތަކަކީ:
- އދ. ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ޕްރޮވިޝަނަލް އެޖެންޑާއަށް މަޝްވަރާކުރަން ބޭނުންވާ ކަންތައްތައް ހުށަހެޅުން
- އދ. ގެ ޕްލެނަރީ އަދި މައި ކޮމިޓީތަކައް ކުރިމަތިލުން
- އދ. ގެ ހުރިހާ ބައްދަލުވުންތައް އަދި ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ފުރިހަމައަށް ބައިވެރިވެވުން
މިހެން ނަމަވެސް އދ. އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް އަދިވެސް ނުލިބެ އެވެ.










