އަންނަ މަހު ފުޓްބޯޅަ ސީޒަން ފެށޭތޯ ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ފުޓްބޯޅަ ސީޒަން ފަށަން ދޮޅު މަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށްވެފައި އޮތްއިރު، އަދިވެސް ގިނަ ކްލަބްތަކެއްގެ އެއްވެސް ހަރަކާތެއް ނުފެނެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރުގައި ވެސް އަދި ހަރަކާތްތައް އެންމެ ހަލުވި ސްޕީޑުގައި ކަންކަން ދާތަނެއް ނުފެނެ އެވެ.
އެނގިފައިިވާ ގޮތުގައި ކްލަބްތަކުން އަންނަނީ ބޭނުންވާ ކުޅުންތެރިންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި ކުޅުންތެރިންނަށް އާ ކްލަބަކާ ގުޅެވެން ނެތް ސަބަބަކީ، ކުރިން ކުޅުނު ކްލަބުން ނުލިބި ހުރި މުސާރަތައް ލިބޭނެ ގޮތަކާ މެދު އެއްބަސްވެވިފައިނުވާތީ އެވެ.
އަންނަ މަހު 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމް އިން ކްލަބްތަކަށް ކަލަންޑަރު ފޮނުވާފައި ވާއިރު، އެ ދުވަހު މުބާރާތް ފެށޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަނެއް ކޮޅުން، އީދު ބަންދާ ދިމާވާ ދުވަސްވަރެއްގައި ސީޒަން ފަށައިގެން، ޓީމުތަކުގައި ކުޅުންތެރިންގެ ދަތިކަން ކުރިމަތިވާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ، ގިނަ ކުޅުންތެރިންނަކީ އީދު ބަންދުގައި ރަށްރަށުގައި އޮންނަ މުބާރާތްތައް ކުޅޭ ކުޅުންތެރިން ކަމަށް ވުމެވެ.
"އެކަމަށްޓަކައި ކުރަން ހުރި ކަންކަން މިހާރު ވެސް ކުރަމުން މި އަންނަނީ،" ޖޫން 15 ގައި ފުޓްބޯޅަ ސީޒަން ފެށޭނެތޯ، "އަދަދު" އިން އެހުމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވި އެވެ.
ކްލަބް ލައިސަންސިން މަސައްކަތް ކުރިއަށް، ވެލެންސިއާ ސަސްޕެންޝަނުގައި
ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކްލަބްތަކުން އެންމެ ބޮޑަށް މި ދުވަސްވަރުގައި ކުރަމުން އަންނަ އެއް ކަމަކީ ކްލަބް ލައިސަންސިންގެ ކަންކަން ފުރިހަމަ ކުރުމެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި ގިނަ ކްލަބްތައް އޮތީ އަދި ކްލަބް ލައިސަންސިން ކަންކަން ފުރިހަމަނުވެ އެވެ.
އެކަން އެފްއޭއެމް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަންނަ ސީޒަން 10 ޓީމާ އެކު ކުރިއަށް ގެންދަން އެފްއޭއެމް އިން ނިންމާފައި އޮތް ނަމަވެސް، ކްލަބް ވެލެންސިއާ ސަސްޕެންޝަނެއްގައި އޮތުމުން އަދިވެސް ސީޒަން ކުރިއަށްދާނީ ކިތައް ޓީމާ އެކުތޯ ޔަގީނެއް ނުވެ އެވެ.
ވެެލެންސިއާ މި ވަގުތު އެފްއޭއެމްގެ ސަސްޕެންޝަނެއްގައި އޮތީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް ކަމަށް އެ ކްލަބުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެފްއޭއެމް އިން މާޗް 7 ވަނަ ދުވަހު ވެލެންސިއާ ސަސްޕެންޑްކުރީ، އެ ކްލަބުން ވަކިކުރި ބޯޑު މެންބަރު، ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އެވެ. އަދި ވެލެންސިއާ އިން އާ ބޯޑެއް އިންތިހާބު ކުރަންދެން އެ ކްލަބް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތަކީ އަންނަ މަހުގެ 22 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ޕްރެޒިޑެންޓްސް ކަޕް އެވެ. މިދިޔަ ސީޒަނުގެ ކުރީ ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ ވެލެންސިއާ އިންނެވެ.











