ދަށު ކޯޓުގެ ނިންމުން އިސްތިއުނާފީ މަރުހަލާއިން ހޯމް މިނިސްޓަރު ބެއްލެވުން

ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން

ދެހާސް އެކާވީސް ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައިގައި ތުހުމަތުކުރެވުނު މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގައި އެ ކޯޓުން ހުކުމެއް ކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

އޭގެ ދެ ހަފުތާއެއްހާ ފަހުން އިއްޔެގެ ވަގުތެއްގައި، މި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް ކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކުން އެ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން ދުރަށް ފޮނުވަމުންދިޔައިރު އަޅުގަނޑުވެސް އެ މަންޒަރު ބަލަން އިނީމެވެ.

ހޯމް މިނިސްޓަރު އަންގައިގެން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކުގެ ހުލާސާއެއް ކަމަށް އަޅުގަނޑަށް ދޭހަވީ، މި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ފުލުހުންގެ ތަހުގީގުން ހެކި ހޯދާފައިވީ ނަމަވެސް، އެ އެންމެހައި ހެކިތަކަށް އެއްވެސް ބުރަދަނެއް ދިނުމަކާ ނުލާ އަދި ބަލަންވާ ވަރަށް ނުބަލައި، ކޯޓުން އެ މައްސަލަ އެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައެޅީ ކަމަށެވެ.

ޝަރީޢަތުން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު، އެ މީހަކީ މައުސޫމް މީހެއް ކަމަށް ބެލުވުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ވުމާއެކު 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅުމާ ހަމައިން އެ މީހުންނަކީ މައުސޫމް މީހުން ކަމަށް ބަލަންޖެހެ އެވެ. އެހެން އެކަން އޮއްވައި، އެ މީހުންނަކީ އެ މައްސަލައިގައި ކުރެވުނު ތުހުމަތުތަކުގައި ބުނާ އަމަލުތައް ކޮށްފައިވާ ފަރާތްތަކެއްގެ ގޮތުގައި ސިފަކޮށް އެމީހުންގެ ފޮޓޯ އާންމުކޮށް އިއްޔެގެ ވަގުތެއްގައި ހިންގި އަމަލަކީ އެ މީހުންގެ އަސާސީ ހައްގަކަށް އަރައިގަތުމުގެ އަމަލެކެވެ.

ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވަނީ ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލު ކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ނިންމުމެއް ކަމަށެވެ.

ފުލުހުންގެ ވާހަކަތަކުގައި ބަޔާންކުރި ފަދައިން، މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅިގެން ދިޔަ ދެމީހުންނަކީ ހަގީގަތުގައި ވެސް ތުހުމަތު ކުރެވުނު އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކެއް ކަމަށް ބެލެވޭ ނުވަތަ އެކަން ސާބިތުވާ ވަރުގެ ހެކި އެ ބަޔަކާ ދެކޮޅަށް ހުރި ބައެއް ނަމަ، އެ ވާހަކަ ދައްކަންޖެހޭ މަހައްލަކަށް ވާނީ އިސްތިއުނާފީ ކޯޓެއްގައި ކުރިއަށްދާ ޝަރީއަތުގެ މަޖިލީހެވެ. އެ ވާހަކަ ދައްކަން ޖެހޭނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުންނެވެ.

ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާން ވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާން ވެގެންވާ އުސޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

ހޯމް މިނިސްޓަރަކީ ފަނޑިޔާރުންގެ އެއްވެސް އަމަލެއް ބަލައި ފިޔަވަޅުއެޅުމުގެ ބާރެއް އޮތް ފަރާތެއް ނޫނެވެ. ހޯމް މިނިސްޓަރަކީ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަކު އައްޔަންކޮށްފައި ހުންނަ ސިޔާސީ މަގާމެއްގައި ހުންނަ ސިޔާސީ މީހެކެވެ. އަދި ފުލުހުންގެ އިދާރާއަކީ ވެސް ހޯމް މިނިސްޓަރު އަންގާހާ ގޮތަކަށް ހުކުމްތަކާ ގުޅިގެން ސިޔާސީ ކޮންފަރެންސްތައް ބޭއްވުމުގެ ގާނޫނީ ބާރެއް ލިބި އޮތް މުއައްސަސާއެއް ނޫނެވެ.

މި ޑްރަގު މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، ތަހުގީގަށް ލިބިފައިވާ ހެއްކަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ދެކޭނަމަ، ނުވަތަ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ކުރި މައްޗަށް ހުށަހެޅިފައި ހުރި ހެކިތަކެއް ގަސްތުގައި ނަޒަރު އަންދާޒު ކޮށްފައިވާ ކަމަށް ދެކޭނަމަ، އެއީ މައްސަލަ އިސްތިއުނާފު ކޮށްގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކަންޖެހޭ ވާހަކަތަކެވެ. އެ ވާހަކަތަކަކީ، ގާނޫނީ ގޮތުން ބުރަދަނެއް ދޭނެ ވާހަކަތަކެއްތޯ ނިންމާނީ ދިވެހިރާއްޖޭގެ ހައިކޯޓުންނެވެ. ހޯމް މިނިސްޓަރާއި ފުލުހުންނެއް ނޫނެވެ.

ފުލުހުންގެ މަސްއޫލިއްޔަތަކީ މައްސަލަ ތަހުގީގުކުރުމެވެ. ތަހުގީގުން ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ ފަރާތްތައް އެކުށް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ ފުލުހުންގެ ރައުޔު ހާމަކުރުމެވެ. ނަމަވެސް، ތަހުގީގުން ހޯދި ހޯދުންތަކުން ތުހުމަތުކުރެވޭ ފަރާތްތައް ކުށްކޮށްފައިވާކަން ސާބިތުވާ ކަމަށް ބުނެ ވަކާލާތުކުރުމަކީ ގާނޫނު ދަންނަ ހަމައެއް ނޫނެވެ. އަދި އެއީ ގާނޫނަކުން ފުލުހުންގެ މުއައްސަސާއަށް ލިބިދީފައި އޮތް ބާރެއްވެސް ނޫނެވެ. ތަހުގީގުގެ ހޯދުންތަކުން ލިބިފައިވާ ހެކިތަކުން ތުހުމަތުކުރެވޭ ކުށް އެ މީހާ ކޮށްފައިވާކަން ގާނޫނުއަސާސީގައި ބުނާ މިންގަނޑުން ސާބިތުވޭތޯ ނޫންތޯ ކަނޑައަޅާނެ ފަރާތަކީ ޝަރީއަތްކުރާ ފަނޑިޔާރުން ނުވަތަ ޝަރުއީ ކޯޓުތަކެވެ. އަދި ދަށު ކޯޓުގެ ހުކުމްތަކަށް ބަސްކިޔުމުގެ ބާރުލިބި އޮތީ ހައިކޯޓާއި ސުޕްރީމް ކޯޓަށެވެ.

ޤާނޫނީ ނިޒާމުގައި ވަކި ތަރުތީބުތަކަކާއި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތެއް އިސްކޮށް، މުޖްތަމައުގެ ތެރޭގައި، ފަނޑިޔާރުންނާއި ޝަރުއީ ކޯޓުތަކުގެ ހުރުމަތް ކަނޑައި، އަދި ގާނޫނުއަސާސީގެ ކުރިމަތީގައި ކުށުން ބަރީއަވެފައިވާ މައުސޫމް ބައެއްގެ ގޮތުގައި ތިބި ފަރާތްތަކެއްގެ އަބުރު ކަތިލުމަކީ ހޯމް މިނިސްޓަރު އަންގައިގެން ކުރިޔަސް، ގާނޫނުއަސާސީ އާއި ގާނޫނުގެ ވެރިކަން ހިނގުމުގެ އުސޫލާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކަމެކެވެ. އަދި ގާނޫނީ ނިޒާމުގެ ތަރުތީބާއި ހައިރާކީ އިންދިރާސްކޮށްލުމަށްވުރެ ގާނޫނީ ނިޒާމަކަށް ދެވޭނެ ބޮޑު އެހެން ދެރައެއް ވެސް ނޯންނާނެ އެވެ. އަދި ނިޒާމެއްގައި އޮންނަ ހައިރާކީ ފުލުހުންނާއި "ސިފައިންގެ ބޭކަލަކަށް" ނޭނގޭނަމަ، އަދި ހައިރާކީގެ މުހިންމުކަން އެ ބޭކަލުންނަށް ނޭނގޭނަމަ، ހައިރާކީ އަކީ އެހެން ބަޔަކު ދަންނަ އެއްޗަކަށް ނުމެވާނެ އެވެ.

ހޯމް މިނިސްޓަރުގެ އެންގެވުމަށް ކްރިމިނަލް ކޯޓުގެ ނިންމުމެއްގެ ހުރުމަތް ކެނޑުމަށް އިއްޔެ ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްއިން ކެނޑިގެންދަނީ ހަމައެކަނި ކްރިމިނަލް ކޯޓުގެ ހުރުމަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މިނިވަން ވިސްނުމާމެދު އާންމުން ދެކެން އޮތް ގޮތް ވެސް އިއްޔެގެ ފުލުހުންގެ އަމަލުން ކިލަނބުވެގެންދެ އެވެ. އަދި އިއްޔެ ހޯމް މިނިސްޓްރުގެ އެންގެވުމަށް ފުލުހުން ހިންގި އަމަލަކީ، ގާނޫނުއަސާސީން މަތީ މަރުހަލާގެ ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ ބާރުތަކަށް އަރައިގަތުމުގެ އަމަލެއް ވެސްމެ އެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް މަސައްކަތުގެ ތެރެޔަށް ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ނުފޫޒުން ހިޔަނިއެޅިފައިވާ މިންވަރު ވެސް މިކަމުން ދައްކުވައި ދިނީ އިންތިހާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox