ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ތަވަލާ އަޅާބަލާއިރު 1.11 ޕަސަންޓު ކުރީގައި އޮތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާޗު 31، 2026 ގައި ކަމަށާއި، އަދި ގުޅީފަޅުން ތިލަފުއްޓަށް ސެޕްޓެމްބަރު 30، 2026 ގައި ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މަޝްރޫއުގެ 35.53 މަސައްކަތް ނިމިފައިވާއިރު، ބްރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 ޕަސަންޓު ވެސް ނިމިފައިވާ ކަމަށެވެ. ޕައިލް ކެޕްގެ 43 ޕަސަންޓު ނިމިފައިވާއިރު، ޕިއާ ކޮލަމްސްގެ 40 ޕަސަންޓު ވަނީ ނިމިފައި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ބްރިޖުގެ ސުޕާ ސްޓްރަކްޗާގެ ޕްރީކާސްޓް ސެގްމަންޓުތަކުގެ 24 ޕަސަންޓު ވަނީ ކޮންޓްރާސްޓްކޮށް ނިމިފައި ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހިންގާ މި މަޝްރޫއު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.













