މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ކުޅުނު މެޗުން، ރާއްޖޭގެ ފުޓްބޯޅައިގައި މުއްސަނދި ތާރީހެއް އޮތް، ކ. ހުރާ އަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސް ކްލަބުން 3-0 އިން ޕޮލިސް ކްލަބް ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
ޕޮލިސް ކޮޅަށް މިއަދު ހުރާގެ ދެ ލަނޑު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުރީގެ އެއް ވަނަ ފޯވާޑް، އާދަމް ލަރީފް (ރޮނާ) އެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި ފަަހަރުގެ ވެޓެރަންސް މުބާރާތުގައި، ހުރާ އިން އިން ފުރަތަމަ ގޯލު ޖެހީ، 20 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، މައުސޫމް އަބްދުލް ގަފޫރު (މާސޭ) އެވެ. މާސޭ އަކީ މިދިޔަ އަހަރުގެ ވެޓެރަންސް މުބާރާތުގައި ވެސް ހުރާ އަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ހުރާ އިން ލީޑުފުޅާކުރީ މެޗުގެ 25 ވަނަ މިނިޓްގަ އެވެ. ރޮނާ، މި ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ފުރަތަމަ ހާފު، ހުރާ އިން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ.
މެޗުގައި ހުރާ އިން ޖެހި ފަހު ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ރޮނާ އެވެ. މެޗުގައި ހުރާ އަށް ޖުމްލަކޮށް ބަލާއިރު ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއްް ނުކުރެވިދިޔަ އެވެ.
ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި ފަހަރުގެ ރޯދަ މަހުގައި ބާއްވާ ވެޓެރަންސް މުބާރާތުގައި މި ފަހަރު، ޖުމްލަ އެކު، 10 ޓީމެއް ވާދަކުރެ އެވެ. މުބާރާތުގައި ކުޅުނު ފުރަަތަމަ ދެ މެޗުން މޮޅުވީ، މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދެ ޓީމުންނެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އިން ވަނީ 7-0 އިން ވިލިމާލެ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން، އެންމެ ފަހުގެ ރަނަރަޕް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ 2-1 އިން މޯލްޑިވްސް ސޮކަ މޭޓްސް އަތުން މޮޅުވެފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރަނީ، މުއިވެޔޮ އާއި ލެގޫންސް ސްޕޯޓްސް ކްލަބް އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.












