ލައުޑުސްޕީކަރުން ނަމާދުގެ އަޑު ދުރަށް ފޮނުވުން

ލައުޑުސްޕީކަރުން ނަމާދުގެ އަޑު ދުރަށް ފޮނުވުން

މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި ބަންގި ގޮވުމުގެ ޝަރަފުވެރިކަން އެންމެ ބޮޑަށް ލިބިވަޑައިގަތް މާތް ސަހާބީ ބިލާލްގެފާނު ބަންގި ގޮވުމުގައި ގެފުޅުގެ ފުރާޅުކޮޅުގެ މައްޗާއި އެނޫންވެސް ގޭގޭގެ ފުރާޅު އަދި އުސް ތަންތަން ބޭނުންފުޅު ކުރެއްވި ކަމަށް ރިވާވެފައިވެ އެވެ. އަދި ފަހުން މުންނާރުތައް ބިނާކުރެވި މުންނާރުތައް ބޭނުންކުރެވެމުން ގޮސްފައިވަނީ ވެސް އުސް ތަނުގައި ހުރެ ބަންގި ގޮވުމުން ގިނަ ބަޔަކަށް އަޑުއިވޭނެތީ އެ ބޭނުމުގައިކަން އެނގެން އޮވެ އެވެ. ނަމަވެސް މިއިން އެއްވެސް ޒަމާނެއްގައި ވެސް އިމާމްވެ ނަމާދުކުރާ ފަރާތް ނަމާދުކުރާ އަޑު ދުރަށް އިއްވުމަށް މުންނާރު ބޭނުން ކުރައްވާފައި ނުވާކަން ތާރީހުން ސާފުކޮށް އެނގެ އެވެ.

ތާޅިފިއްޔާއި މައިކްރޯފޯނާއި ސްޕީކަރުތައް ދުނިޔެއަށް ތައާރަފުވި ދުވަސްވަރު ދީނީ އިލްމުވެރިންގެ މެދުގައި ވަރަށް އާދަޔާ ހިލާފު ބަހުސެއް ހިނގި އެވެ. ބަންގި ދުރަށް އިއްވުމަށް އެފަދަ ވަސީލަތްތައް ބޭނުންކުރުން ހުއްދަކަމުގައި އިލްމުވެރިންނަށް އެއްބަސްވެވުނެވެ. ނަމަވެސް ހިޔާލު ތަފާތުވީ ކަމަކީ، ރަސޫލު ޒަމާނުން ފެށިގެން ވެސް ބަންގި ގޮވާ މީހާ ބަންގި ގޮވަނީ މިސްކިތުން ބޭރުގައި ހުރެގެން ކަމަށްވާތީ، މިސްކިތު އެތެރޭގައި ހުރެގެން ބަންގި ގޮވުން އެއީ ބިދުއައެއްކަމުގައި ވެސް ބައެއް އިލްމުވެރިން ފަތުވާ ދެއްވީ އެވެ.

ނަމަވެސް ވަރަށް ގިނަ އިލްމުވެރިން ދެކޭ ގޮތުގައި މިސްކިތުގެ އެތެރޭގައި ހުރެގެން ބަންގި ގޮވުމުގައި މައްސަލައެއް ނެތެވެ. އޭގެ ކުރިން މިސްކިތުން ބޭރުގައި ބަންގި ގޮވި ބޭނުމަކީ ގިނަ ބަޔަކަށް އިއްވުންކަމަށްވެފައި އެ މަގުސަދު މިހާރު މިސްކިތުގެ އެތެރޭގައި ހުރެގެން ބަންގި ގޮވައިގެންވެސް ހާސިލުކުރެވޭތީ އެވެ. އަދި މުންނާރަށް އަރައިގެން ބަންގި ގޮވުމުގެ އެނޫން އިތުރު މަގުސަދެއް ނެތްކަމުގައިވާތީ އެވެ. މިހާ ފުޅާކޮށް ބަންގީގެ މައުލޫގައި ބަހުސްކުރެވުނުއިރުވެސް، ނަމާދުގައި ކިޔާ ތަކެތި ބަންގި ފަދައިން ދުރަށް އިއްވަން ނުޖެހޭކަމާމެދަކު އިލްމުވެރިންގެ ހިތުގައި ޝައްކެތް ވެސް ހިނގާފައި ނުވެ އެވެ.

ބަންގިއާމެދު ވިސްނާވަޑައިގަންނަވާށެވެ. ބަންގީގެ ލަފުޒުތަކާއި ޖުމުލަތަކާމެދު ވިސްނާވަޑައިގަންނަވާށެވެ. އިޚްލާޞް ސޫރަތް ފަދަ ކުރު ސޫރަތެއް ބަންގީގެ ބަދަލުގައި ނެތީ ކީއްވެތޯ ފިކުރު ހިންގަވާށެވެ! ނަމާދުގެ ދައުވަތުގެ ލަފުޒުތައް (ބަންގި) އެއީ ވަކީން ހާއްސަކޮށް މާތް ﷲ ޝަރުއު ކުރައްވާފައިވާ އަޅުކަމެކެވެ. އެނޫން އިބާރާތަކުން ފަރުޟު ނަމާދުގެ ވަގުތުޖެހިއްޖެކަން އިއުލާނުކޮށް ނަމާދަށް ދައުވަތުދިނުމެއް ނުވެ އެވެ. ފަރުޟު ނަމާދުގެ ވަގުތު ޖެހިއްޖެކަން އަންގާ އިއުލާނުކުރުމަށް ބަންގި ފިޔަވައި ޤުރުއާނުގެ ސޫރަތެއްގެ ޒަރީއާއިން އެކަންކުރަން ފަށައިފި ނަމަ އެކަންވާނީ ނަހީ ކުރެއްވިގެންވާ ބިދުއައަކަށެވެ. އަދި އެގޮތަށް ބުނާ މީހާ އެއުޅެނީ ޤުރުއާން ދެކެ ރުޅި އައިސްގެންކަމަށް ސިފަކުރުމަކީ އިލްމުވެރިންގެ މަގެއް މަންހަޖެއް ނޫނެވެ.

އެތައް ބައިވަރު މިސްކިތެއް ހުންނަ ރަށެއްގައި، ލައުޑުސްޕީކަރަށް ލައިގެން ނަމާދުކުރެވޭ އަޑު އިވެމުން ދާއިރު، އެއް މިސްކިތުގެ އަޑު އަނެއް މިސްކިތުގެ އަޑާއި ދިމާވާ ވަގުތު އިވެމުންދާ އަޑަށް ވެސް ވިސްނާފިކުރު ހިންގެވުމާއެކު މާތް ނަބިއްޔާގެ އަންނަނިވި ބަސްފުޅާއި ހަދިސާއަށް ނަޒަރެއް ދެއްވާށެވެ! އިމާމް މާލިކްގެ މުވައްޠައުގައި ރިވާވެގެންވެ އެވެ. މާތް ނަބިއްޔާ އެއް ދުވަހަކު ނިކުމެވަޑައިގަތްއިރު، ކީރިތި ޤުރުއާން ކިޔަވާ އަޑުން މީސްތަކުންގެ އަޑު އުފުލިފައި ހުއްޓެވެ. އެހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. "ހަމަކަށަވަރުން ނަމާދުކުރާ މީހާ މުނާޖާ ދަންނަވަނީ އޭނާގެ ވެރި ރައްބަށެވެ. އޭނާ އެ ދަންނަވާ ދެންނެވުމަކަށް އޭނާ ފިކުރުކޮށް ބަލާށެވެ! އަދި ޤުރުއާނުން އެއްބަޔަކު އަނެއް ބަޔަކަށްވުރެ އަޑުހަރުނުކުރާށެވެ!"

ޝަރްޙު މަޞާބީޙުއްސުންނާގައި އަލްކަރްމާނީ ވިދާޅުވަނީ އެބަހީ ޤުރުއާން ބާރަށް ކިޔަވައިގެން އެއްބަޔަކު އަނެއް ބަޔަކަށް އޮޅުން އަރާ ގޮތް ނަހަދާށެވެ! އަލްމުންތަޤާއޭ ކިޔުނު ފޮތުގައި އަލްބާޖީ ވިދާޅުވަނީ، އެކަން ނަހީކުރެއްވުމުގެ މަގުސަދަކީ އެކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ކުރެވޭ އުނދަގުލެއް ހިމެނޭތީކަމަށެވެ. އައްޝައިޚް ޢަބްދުލްކަރީމް އަލްޚުޟައިރު މުވައްޠައުގެ ޝަރަޙައިގައި ވިދާޅުވެފައިވެ އެވެ. އެހެނީ އެކަމުގައި އުނދަގުލެއް ކުރެވުންވެ އެވެ. އެގޮތަށް އަޑުހަރުކުރުމުން އެއްބަޔަކަށް އަނެއް ބަޔެއްގެ ކިބައިން އުނދަގޫވެ އެވެ. ފަތުޙުލްބާރީގައި އަލްޙާފިޡް އިބްނު ރަޖަބް ވިދާޅުވެއެވެ. އެކަމުގައި އަޑުހަރުކުރުމުގެ ބޭނުމެއް ނެތެވެ. އަޑުހަރުކޮށްގެން ކިޔެވުމުގެ ސަބަބުން އެހެން ހެޔޮ ކަމަކާ މަޝްޣޫލުވެގެން ހުރި މީހަކަށް އުނދަގުލެއް ވެދާނެ ހާލަތުގައި، މިސާލަކަށް ކައިރީގައި ނަމާދު ކުރަން ހުރި މީހަކަށް އޮޅުންއަރާފާނެކަމަށްޓަކައި އެކަނި ނަމާދު ކުރަންހުރެގެން ބާރަށް ކިޔެވުމަކީ ނަހީވެގެންވާ ކަމެކެވެ.

މާތް ނަބިއްޔާގެ އިސްވެދިޔަ ހަދީސް ބަސްފުޅަށާއި އިލްމުވެރިންގެ ބަސްފުޅުތަކަށް ރިއާޔަތްކުރާއިރު، ކިޔެވުމުގައި އަޑުހަރުކުރެވޭ ގޮތަކުން ނުވަތަ އަޑުބާރުކުރެވޭ ގޮތަކުން، އެ އަމަލަށް ނިސްބަތްކޮށް އުނދަގޫގެ ލަފުޒު ބޭނުންކުރުމަކީ އެލަފުޒު ބޭނުންކުރާ ފަރާތް ލާދީނީ ފަރާތެއްގެ ގޮތުގައި ސިފަކުރެވޭނެ ސަބަބެއް ނޫންކަން ސާފުކޮށް އެނގެން އޮވެއެވެ. އަދި ޤުރުއާނުން އޭގެ ޒާތުގައި އުނދަގޫވުމާއި ޤުރުއާން ކިޔެވުމުގައި ހިޔާރުކުރެވޭ ވައްޓަފާޅިއެއްގެ ސަބަބުން އަނެކާއަށް އުނދަގޫވުމާއި މިއީ ތަފާތު ދެކަމެއްގެ ގޮތުގައި ނަބަވީ ބަސްފުޅުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ސާފުކޮށް ބަޔާންކޮށްދެއްވާފައިވާކަން ވެސް އެނގެން އޮވެއެވެ.

ފަރުޟު ނަމާދުގެ ވަގުތު ޖެހިއްޖެކަން އިއުލާނުކުރުމާއި އެކަން ވީހާ ގިނަ ބަޔަކަށް އެނގިގެންދާނެ ގޮތް ހެދުމަކީ، އިސްލާމްދީންގައި އެކަން ކަނޑައެޅިފައި އޮތް ގޮތެވެ. ނަމަވެސް އެކަމުގެ ޝަރުއީ ވަސީލަތަކީ ބަންގި އެވެ. ނަމާދަށް ދައުވަތު ދިނުމުގެ ބޭނުމުގައި ނަމަވެސް، ނަމާދު ކުރެވޭ އަޑު އެންމެންނަށް ދުރަށް އިއްވޭ ގޮތަށް ހެދުމަކީ، އެއީ އެއްވެސް ގޮތަކުން ސުންނަތުން ފެންނާން އޮތް ކަމެއް ނޫނެވެ. އަދި އެކަމަކީ ކިތަންމެ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނަމަވެސް، މާތް ނަބިއްޔާގެ ނަބަވީ އިރުޝާދު ހުރީ އެހެންނެއް ނޫނެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައި އެވަނީ އެވެ. "ހަމަކަށަވަރުން ނަމާދުކުރާ މީހާ މުނާޖާ ދަންނަވަނީ އޭނާގެ ވެރި ރައްބަށެވެ. އޭނާ އެދަންނަވާ ދެންނެވުމަކަށް އޭނާ ފިކުރުކޮށް ބަލާށެވެ! އަދި ޤުރުއާނުން އެއްބަޔަކު އަނެއް ބަޔަކަށްވުރެ އަޑުހަރުނުކުރާށެވެ!" އާދޭހެވެ! ނަމާދުގައި މުނާޖާ ދެންނެވެނީ ނަމާދަށް ނައިސްތިބި މީހުންނަކަށް ނޫނެވެ. ނަމާދުކުރަން ތިބި މީހުން މުނާޖާ ދަންނަވަންވީ މާތް ﷲ އަށެވެ. ނަމާދަށް އައުމަށް ދެވޭ ދައުވަތު އޮތީ އޭގެ ކުރިޔަށް ބަންގީގެ ޒަރީއާއިންނެވެ.

ހުރިހާ މިސްކިތަކުން ލައުޑުސްޕީކަރަށް ލައިން ނަމާދުގެ އަޑުއިއްވުމަކީ އޭގައި ހުރި ހެޔޮ ކަންކަމަކޭ އެއްފަދައިން ނުރަނގަޅު އެތައް ނަތީޖާއެއްވެސް އޭގައި ހިމެނޭ ކަމެކެވެ. އެހެން ނޫނަސް އެކަމަކީ ސުންނަތުގައި އެކަން އޮތްގޮތެއް ނޫނެވެ. އެހެނީ ވީހާ ގިނަބަޔަކަށް އިއްވަންޖެހެނީ ބަންގިއެވެ. އަޑުހަރުކޮށް ކިޔާ ނަމާދު ބަންގި ފަދައިން ތާޅަފިއްޔަށް ލުމާއި ސިއްރުން ކިޔަވާ ނަމާދު އަޑު ހަރުކޮށް ކިޔެވުމާއި މާބޮޑު ތަފާތެއް ނެތެވެ. ހިތުގައި އޮތް މަގުސަދު ރަނގަޅަސް އެކަން ދިމާނުވާނީ އަޅުކަންކުރަން އޮތް މާތް ނަބިއްޔާގެ ސުންނަތާއެވެ.

ކީރިތި ޤުރުއާނަށް ލޯބިކުރާ ވަރަށް ގިނަ މީހުންނަކީ އެ ޤުރުއާން އަޑުއިވުމުން، އަޑުދަށުން ކިޔާލުމުގެ އާދަ ހިފިފައިތިބޭ ބަޔަކެވެ. އެހެންކަމަށްޓަކައި ޤުރުއާނުގެ އަޑު އިވޭ ގޮތަކުން އެއަޑުގެ ދަށުން ދޫ ހަރަކާތްތެރިވުމަކީ ބައެއް މީހުންގެ އާދައެކެވެ. ގޭގައި ފާހާނާކުރަން ހުންނަ މީހާއަށް މިސްކިތު ތާޅަފިލިން ޤުރުއާން ކިޔަވައި އަޑުއިވުމުން ބޭއިހުތިޔާރުގައި އަޑުދަށުން ކިޔެވޭ ގޮތް ވާނަމަ، އެހާލަތުގައި ހިތްވަރު އެދެވެނީ މަކްރޫހަ ކަމަކަށް ނޫންތޯ އެވެ؟ އަދި އެކަމުގެ ސަބަބުން ގޭގައި ނަމާދުކުރަން ހުންނަ މީހާއަށް އިސްވެ ބަޔާންކުރި ހަދީސްގައި އެބުނާ ފަދައިން އޮޅުންތައް އެރުމުގެ ފުރުސަތު އޮންނާނެކަމާމެދަކަށް ވެސް ޝައްކެތް ނެތެވެ.

އިސްލާމީ ފިޤުހުގައި ފަތުވާއެއް ދޭއިރު އެ ފަތުވާއަކަށް އެންމެން އެކީގައި އަމަލުކުރަން ފަށައިފިނަމަ ނުކުންނާނެ ނަތީޖާއަށް ވިސްނުމަކީ ފަތުވާދިނުމުގައި ތަބާވުން ލާޒިމު އުސޫލެއްގެ ގޮތުގައި އިލްމުވެރިން ވިދާޅުވެ އެވެ. މިއުސޫލު ވެސް މަކަމަށް ތަތުބީގުކުރަމާތޯއެވެ. ނަމާދު އަޑުހަރުކޮށް ލައުޑުސްޕީކަރުން އިއްވަމުން ދަނީ މިހާރު މިސްކިތްތަކުން އެކަންޏެވެ. އެކަމަކު މާދަމާ އުޒުރުވެރި ހާލަތުގައި ގޭގައި ތިބޭ މީހުން އެބައިމީހުންގެ ނަމާދުގައި ގޭގައި ސްޕީކަރު ހަރުކޮށްގެން ތަންގަނޑު އެންމެނަށް އިއްވަން ފަށައިފިނަމަ ނުކުންނާނީ ހެޔޮ ނަތީޖާއެއްތޯ މިއީ ވިސްނަންޖެހޭ ކަމެކެވެ.

މާތް ނަބިއްޔާ އެއް ރެއެއްގައި އެކަލޭގެފާނުގެ ޞަޙާބީންގެ ކައިރިއަށް ނުކުމެވަޑައިގެންނެވިއިރު އެބައި މީހުން ތިބީ މިސްކިތުގައި ނަމާދުކުރާށެވެ. އަދި ބާރުބާރަށް ކިޔަވަމުންދިޔަ އެވެ. އެހިނދު ހަދީސް ކުރެއްވި އެވެ. "ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް މުނާޖާ ތި ދަންނަވަނީ އެމީހެއްގެ ވެރި ރައްބަށެވެ. ފަހެ އެކަކަށްވުރެ އަނެކަކު އަޑުހަރުކޮށް ޤުރުއާން ނުކިޔަވާށެވެ." އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ފަހެ އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫނުކުރާށެވެ. އަދި ކިޔެވުމުގައި އެއްބަޔަކު އަނެއް ބަޔަކަށްވުރެ އަޑު ނުއުފުލާށެވެ."

ނިންމާލުމުގެ ކުރިން، 1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމްޟާންމަހުގެ ފާގަތި ތަހުނިޔާތަކުން ވެދުންކުރަމެވެ. ރަމްޟާން މަހުގެ ހެޔޮ ދަރުމަޔާއި ސަވާބު އޭގެ އެންމެ ފުރިހަމަ މިނުގައި އެންމެހާ ކިޔުންތެރިންނަށް މިންވަރުކުރެއްވުމަކީ އަޅުގަނޑުގެ ހިތުގެ ނުހަނު އިހުލާސްތެރި އެދުމެވެ. ދުނިޔޭގެ ހަޔާތުގައި މިފަދަ ރަމްޟާން މަހެއް މިންވަރުކުރެއްވުމަށްވުރެ އުފާވެރިވާންޖެހޭ އެހެން ކަމެއް ނެތެވެ. އަދި މިފަދަ ބަރަކާތްތެރި ދީލަތި މައްސަރެއްގެ ހެޔޮ ދަރުމައާއި ސަވާބު ހޯދައިގަތުމަށް އަވަދިނެތި މަސައްކަތްކުރުން ފިޔަވައި މަޝްޣޫލުވާންވީ ހަމަ އެހެން އެއްވެސް ކަމެއް ވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox