އެފްއޭއެމް ވެޓެރަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވިލިމާލެ ޔުނައިޓެޑްގެ މައްޗަށް 7-0 އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
އެންމެ ފަހުން ދެ ފަހަރު ވެސް ވެޓެރަންސް ލީގުގެ ތަށި އުފުލާލި ހުޅުމާލެ ވެޓެރަންސް ޓީމު މި ފަހަރު ވެސް ފެންނަނީ ވަރުގަދަކޮށެވެ. މިއަދުގެ މެޗުން ހުޅުމާލެ ވެޓެރަންސް ޓީމު މޮޅުކޮށްދޭން އެންމެ މުހިންމު ދައުރެއް އަދާކުރީ، ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު ފޯވާޑް، ހުސެއިން ޝިމާޒް (ކޮކީ) އެވެ. ކޮކީ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
ހެންވޭރު ދަނޑުގައި މި ފަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށްދާއިރު، މިއަދުގެ މެޗުގައި، ހުޅުމާލެ ވެޓެރަންސް ޓީމުން ވަނީ، ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ، ނުވަ ވަނަ މިނިޓްގައި ކޮކީ އެވެ. އޭގެ ޖެހިގެން އައި މިނިޓްގައި، ވިލިމާލެ ޔުނައިޓެޑްގެ އިމްރާން އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލުން ހުޅުމާލެ ވެޓެރަންސް އިން ލީޑުފުޅާކުރި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުޅުމާލެ ވެޓެރަންސްގެ އަނެއް ދެ ގޯލު ޖެހީ، ކޮކީގެ އިތުރުން އަހުމަދު ގިތުރީޒް (ގިތޫ) އެވެ.

ވިލިމާލެ ޔުނައިޓެޑާއި ހުޅުމާލެ ވެޓެރަންސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އަބީދު
ހުޅުމާލެ ވެޓެރަންސް ޓީމުން ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖެހި އެވެ. އެ ގޮތުން، ފުރަތަމަ ދެ ގޯލު ޖަހައި، ކޮކީ ވަނީ އޭނާގެ ރަނގަޅު ފޯމު މި ހާފުގައި ވެސް ދަމަހައްޓައިފަ އެވެ. ފަހު ގޯލު ޖެހީ، އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. އޭނާ އަކީ ވެޓެރަންސް މުބާރާތުގައި ކޮންމެ ފަަހަރަކު ވެސް ރަނގަޅު ކުުޅުމެއް ދައްކާ ކުޅުންތެރިއެކެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގަ އެވެ.
ހުޅުމާލެ ވެޓެރަންސް އާއި ވިިލިމާލެ ޔުނައިޓެޑްގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ، ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެމްއެސް މޭޓްސް، މުއިވެޔޮ، ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ، އެންމެ ފަހުގެ ރަނަރަޕް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.












