ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލަށް އއ. މަތިވެރިން ދަތުރުކުރީ ތިން މަސްދުވަހު ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު ނައުފަލް މުހައްމަދު ބުނެފި އެވެ.
ކުއާޓާ ފައިނަލުގެ ޖާގަ މަތިވެރިން ކަށަވަރުކުރީ ގަދަ 16 ބުރުގައި ފ. ބިލެތްދޫ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މިއީ މަތިވެރިން ޒޯން ތަށި ކާމިޔާބުކޮށް، ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، މިހާތަނަށް ބެލިޔަސް މިއީ މަތިވެރި އަށް ކާމިޔާބު ފަަހަރެކެވެ.

މަތިވެރި ޓީމުގެ ފިރާޝް މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މި މެޗަށްފަހު ވާހަކަ ދައްކަމުން ނައުފަލް ބުނީ މިއީ މަތިވެރި ކުޅުންތެރިން މިދިޔަ ތިން މަސްދުވަހު ކުރި ފަރިތަކުރުންތަކުގައި އޮހޮރި ދަލުން ލިބުނު ކާމިޔާބީ އެއް ކަމަށް ސިފަކޮށްފަ އެވެ. އަދި މި ކާމިޔާބީގައި މަތިވެރީގެ ސަޕޯޓަރުން ޓީމާ މެދު ބެހެއްޓި ގާތްކަން ނައުފަލް ފާހަގަ ކުރި އެވެ.
ނައުފަލް ދެކޭ ގޮތުގައި މަތިވެރީގެ ޓީމަށް މިއަށްވުރެ ބޮޑު ކާމިޔާބީ އެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަދި އެއީ މަތިވެރި ޓީމުގެ ފެންވަރަށް ބަލާއިރު ނުވާނެ ކަމެއް ނޫން ކަމަށް ނައުފަލް ބުންޏެވެ.
"މިއީ މުޅި މަތިވެރި ޓީމަށް ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ފުޓްސަލް އިން. އެހެންނަމަވެސް މިއީ އަޅުގަނޑު މަތިވެރި ޓީމުގެ ފެންވަރަށް ބަލާއިރު, ނިންމާލަން ބޭނުންވާ ހިސާބެއް ނޫން" ނައުފަލް ބުންޏެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބި މަތިވެރި ޓީމުގެ އެވްރެޖް ސްކޮޑަކީ 18- 26 އަހަރެވެ. އެހެން ނަމަވެސް މަތިވެރިން ވަނީ އއ. އަތޮޅު ޗެމްޕިއަންކަމުގެ އިތުރުން ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މަތިވެރިން ކުއާޓާ ފައިނަލުގައި ނުކުންނާނީ ހދ. ނަައިވާދޫ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާއި ދެކޮޅަށެވެ.













