ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ ރައީސް މުއިއްޒު މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 12، އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ ސަމިޓްގައި ރައީސްގެ އިތުރުން ރާއްޖޭގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 15، ގަ އެވެ.
ރައީސް ޑރ. މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ޔޫއޭއީއަށް ވަޑައިގެންނެވި އެވެ.
ރައީސް އިންތިހާބުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އަބޫދާބީއަށެވެ. އެއީ ޔޫއޭއީގެ ހަރަދުގައި އެ ގައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެންމެ ފަހުން ވަޑައިގެންނެވީ ޗައިނާއަށެވެ. ނަމަވެސް ރައީސް ކަމަށް އިންތިހާބުވި ފަހުން އެމަނިކުފާނު މިހާތަނަށް އަވައްޓެރި އެއްވެސް ގައުމަކަށް ވަޑައިގެންފައެއް ނުވެ އެވެ.













