ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ކްލަބް އީގަލްސް އިން ކޮމިޓީތަކަށް އައްޔަންކުރަން ހުށަހެޅި ނަންތައް، ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ ވޯޓުން ފާސްކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިއްޔެ ކުރިއަށްދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ އެފްއޭއެމްގައި ބައެއް ކޮމިޓީތައް ނެތުމާ އެކީގައި އެ އަށް އަމަލުކުރުމަށް ފީފާ އަދި އޭއެފްސީން އެންގުމުން ބާއްވާ ކޮންގްރެސް އެކެވެ. މި ކޮމިޓީތައް ހުރީ ރަނގަޅަށް ނޫންކަން އެނގުނީ، އަވަސް އަރުވާލާފައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބުގެ ތެރެއިން ޖެހުނު މައްސަަލަތަކެއްގެ ތެރެއިންނެވެ.
އެފްއޭއެމްގެ މެމްބަރު ބައެއް ކްލަބްތަކުން، މިއަދުގެ ކޮންގްރެސްގައި ރަޖިސްޓްރީނުވެ އެވެ. އެއީ، އޮންލައިކޮށް ފުރަތަމަ ބާއްވަން ނިންމި ކޮންގްރެސް އެއް ފަހުން، ވެނިއުއެއްގައި ބާއްވާ ގޮތަށް ހެދިއިރު، އިޖުރާއަތްތައް ފުރިހަމަނުވާ ކަމަށް ބުނެ އެވެ.
އިއްޔެ ފުރަތަމަ ކޮންގްރެސް ފަށަން އުޅުނު ނަމަވެސް ކޯރަމް ހަމަނުވާތީ މަޑުޖައްސާލީ ވަގުތު ކޮޅަކަށެވެ. ކޯރަމް ހަމަވޭތޯ ބަލަން ދިން 15 މިނެޓްގެ ވަގުތުގައި ވެސް އިތުރު ކްލަބެއް ބައިވެރިއެއް ނުވެ އެވެ. އެހެންވެ، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޖައުޝަން އިއުލާން ކުރެއްވީ، އަސާސީ ގަވާއިދުން ލިބިދޭ ބާރެއްގެ ތެރެއިން އިތުރު ޖަލްސާއެއް ބޭއްވުމަށެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ޖަލްސާގެ ކޯރަމް ހަމަނުވެގެން، 24 ގަޑިއިރުތެރޭގައި ބާއްވާ ޖަލްސާގައި ކޯރަމް ހަމަނުވިޔަސް މައްސަލައެއް ނެތް ކަމަށް އަސާސީ ގަވާއިދުން ފެންނަން އޮތް ކަމަށެވެ.
ކޮންގްރެސްގައި ބައިވެރިވި، ކްލަބްތަކަށް ބަލާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައިވެރިވީ އޮންލައިން ކޮށެވެ. ހާޒިރުވެގެން، ކޮންގްރެސްގައި ތިބީ، އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ބުރު ސްޕޯޓްސް ކްލަބް އަދި ޖޭޖޭ ސްޕޯޓްސް ކްލަބް އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވެސް އެދިވަޑައިގެންނެވުމާ އެކު، ކޮންގްރެސްގެ ފަސް ކްލަބުން ވަނީ އީގަލްސް އިން ހުށަހަޅާފައިވާ ގޮތަށް، ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކޮށްފަ އެވެ.
އެފްއޭއެމުން ބުނީ ދީފައިވާ ވަގުތުގެ ތެރޭގައި، ކޮމިޓީތަކަށް ނަން ހުށަހަޅާފައިވާ ހަމައެކަނި ކްލަބަކީ އީގަލްސް އިން ކަމަށެވެ.
މިދިޔަ މަހު 31 ގައި އެފްއޭއެމް އިން ބާއްވަން އުޅުނު އިންތިހާބުގައި ވާދަކުރަން ނިންމެވި، އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އަށް ތާއީދުކުރި ކްލަބްތަކުން މި ފަހަރުގެ ކޮންގްރެސްގައި ބައިވެރިނުވެ އެވެ. އެއީ، އިޖުރާއަތް ފުރިހަމަނުކުރާތީ ކަމަށް ބުނެ އެވެ.
ކޮމިޓީތަކަށް އިންތިހާބުކުރި މެމްބަރުން:
އިލެކްޓޯރަލް ކޮމިޓީ
ތޮލްހަތު ސައީދު (ވަކީލު - ޗެއާ)
އިބްރާހިމް އަފީފް (މެމްބަރު)
މުހައްމަދު ރަޝީދު (މެމްބަރު)
އިލެކްޓޯރަލް އެޕީލް ކޮމިޓީ
ޝަޒީމް ވަހީދު (ވަކީލު - ޗެއާ)
އަލީ އަމްޖަދު (މެމްބަރު)
އަބްދުﷲ އާމިރު (މެމްބަރު)
ޑިސިޕްލިނަރީ ކޮމިޓީ
އަލީ ޝާހު (ވަކީލު - ޗެއާ)
މޫސާ ފާރިޝް އަހުމަދު (ވަކީލު - ވައިސް ޗެއާ)
އަލީ އަފްޒަލް (މެމްބަރު)
އިބްރާހިމް އާޒިމް (މެމްބަރު)
އަބްދުލް ސަލާމް އަހުމަދު (މެމްބަރު)
އެޕީލްސް ކޮމިޓީ
މުހައްމަދު އަޒްމީ (ވަކީލު - ޗެއާ)
މަރިޔަމް ޝަޒަން (ވަކީލު - ވައިސް ޗެއާ)
އަލީ ޝާން އައްބާސް (މެމްބަރު)
ފާތިމަތު ރިފްގާ ހުސެއިން (މެމްބަރު)
އަހުމަދު ރިޔާން (މެމްބަރު)











