ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތާ ހިލާފަށް މިފްކޯއަށް ކިރާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހި ނުދީ އޮތް ފައިސާގެ އަދަދު 296 މިލިއަން ރުފިޔާއަށް އަރާކަން "އަދަދު" ނޫހަށް ލިބިފައިވާ އެ ކުންފުނީގެ މާލީ ހިސާބުތަކުން ހާމަވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް އިއްޔެ ވިދާޅުވީ އިއްޔެއާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 190 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް އިތުބާރު ހުރި މަސްދަރަކުން މި ނޫހާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަސްލު އަދަދު އެއަށް ވުރެ 106 މިލިއަން ރުފިޔާ އިތުރެވެ.
މިފްކޯއިން ލިބުނު މައުލޫމާތުން އިތުރަށް ސާފުވީ ގޮތުގައި އެ ކުންފުނިން މަސްވެރިންނަށް ދަރާފައިވާ އަދަދު ކަމަށް ބުނެ ސަރުކާރުން ހިއްސާކުރަމުން އަންނަނީ މުޅިއަކުން ރަނގަޅު މައުލޫމާތެއް ނޫނެވެ. ތިރީގައި އެވަނީ ތަފުސީލުތަކެވެ.
މިފްކޯއަށް ކިރި މަހުގެ ބަރުދަން
- ސެޕްޓެމްބަރު 16، އިން - ނޮވެމްބަރު 16، އަށް - 16,694 ޓަނު
- ނޮވެމްބަރު 17، އިން - ޖެނުއަރީ 31، އަށް - 16،540 ޓަނު
މިފްކޯއަށް ކިރި މަހުގެ އަގު
- ސެޕްޓެމްބަރު 16، އިން - ނޮވެމްބަރު 16، އަށް - 392 މިލިއަން ރުފިޔާ
- ނޮވެމްބަރު 17، އިން - ޖެނުއަރީ 31، އަށް - 400 މިލިއަން ރުފިޔާ
މިފްކޯއިން މަސްވެރިންނަށް ނުދީވާ ފައިސާ
- ސެޕްޓެމްބަރު 16، އިން - ނޮވެމްބަރު 16، އަށް - 195 މިލިއަން ރުފިޔާ
- ނޮވެމްބަރު 17، އިން - ޖެނުއަރީ 31، އަށް - 296 މިލިއަން ރުފިޔާ
މި އަދަދުތަކަށް ބަލާއިރު، ނޮވެމްބަރު 16، ގެ ނިޔަލަށް (ކުރީ ސަރުކާރުގެ ދައުރު ހަމަވުމާ ހަމައަށް) މަސްވެރިންނަށް ދަރާފައިވާ އަދަދަކީ 195 މިލިއަން ރުފިޔާ އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ މީގެ ބައެއް ބިލުތަކަށް ފައިސާ ދައްކައި ހަލާސްކޮށްފައިވެ އެވެ.
ނަމަވެސް، ބެކްލޮގުގައި ހުރި ބިލުތަކަށް ފައިސާ ދައްކަމުން ދިޔުމާ ގުޅިގެން ކިރަމުން އަންނަ މަހަށް ބަރާބަރަށް ފައިސާ ދެވޭނެ ގޮތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވާ ވާހަކަތަކުން ދޭހަވެ އެވެ. މިކަން ހައްލުކުރަން ސަރުކާރުން ވިސްނަނީ ސޮވަރިން ގެރެންޓީ ދީފައި ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމެވެ.











