މެޑްރިޑް (ޖެނުއަރީ 28) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި 2-1 އިން މޮޅުވިއިރު، ބާސެލޯނާ ފަހު ވަގުުތުގައި ވިޔަރެއާލް އަތުން 5-3 އިން ބަލިވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 21 މެޗުން 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް ލިބިފައިވަނީ 21 މެޗުން 52 ޕޮއިންޓެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ 21 މެޗުން 44 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 20 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު،
އެތުލެޓިކޯ އިން މާދަމާރޭ ވެލެންސިއާ ބަލިކޮށްފިނަމަ ތިން ވަނަ އަށް އެރޭނެ އެވެ. އަދި ޖިރޯނާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަށް ވެސް އެރޭނެ އެވެ.
ލަސް ޕަލްމާސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭ އެ ޓީމުން ލީޑުނެގި އެެވެ. މި ގޯލު ޖެހީ ޖަވިއޭ މުނޯޒް އެވެ.
ރެއާލުން މި މެޗުގައި ކުޅެން ޖެހުނީ، ސަސްޕެންޝަނުގެ ސަބަބުން ޖޫޑް ބެލިންހަމް ނުލަ އެވެ. އެކަމަކު، އެ ޓީމުން ވަނީ ހަފްތާއެއްގެ ތެރޭގައި ދެ ވަނަ ފަހަރަށް ފަހަތުން އަރައި މޮޅުވެފަ އެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރީ ވިނީޝިއުސް ޖޫނިއާ ތިރިތިރިން ފޮނުވާލި ބޯޅައަކުން ޖެހި ގޯލުންނެވެ. މިއީ އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން ވިނީޝިއުސް ޖެހި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް، ޓޯނީ ކްރޫސް ނަގައިދިން ބޯޅައަކުން އައުރެލިން ޗުއަމެނީ ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން ޖަހައިދިން ލަނޑުން ރެއާލް މެޗުގެ ތިން ޕޮއިންޓް ހޯދި އެވެ.

ވިޔަރެއާލްގެ ސޯލޯތު (ކ) އާއި މޮރޭނޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ބާސެލޯނާ ދަނޑުގައި ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ އާއި އިލްޔައިސް އަކޯމަކް ޖެހި ލަނޑުތަކުން އެ ޓީމުން ދެ ގޯލުގެ ލީޑެއްނެގި އެވެ.
ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. ބާސެލޯނާ އިން އެއްވަރުކުރީ އިލްކާއި ގުންޑޮގާން އާއި ޕެޑްރީ ޖެހި ލަނޑުތަކުންނެވެ.
ބާސެލޯނާ އިން މި މެޗުގައި ލީޑުނެގި ލަނޑަކީ ވިޔަރެއާލްގެ އެރިކް ބާއީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލީޑެއް ލިބުނު ނަމަވެސް ބާސެލޯނާ އަށް އެ ނަތީޖާގައި ދެމި އޮތުން ވީ އުނދަގޫ ކަމަކަށެވެ.
ވިޔަރެއާލުން އެއްވަރުކުރީ މެޗުގެ 84 ވަަނަ މިނިޓްގައި ގޮންޒާލޯ ގުއޭޑޭޝް ޖެހި ލަނޑުންނެވެ. އިތުރު ވަގުތުގެ ގިނަ ވަގުތުތަކެއް ކުޅުނު މި މެޗުގެ 109 ވަަނަ މިނިޓްގައި، ވިޔަރެއާލުން ލީޑުނެގީ އަލެކްސަންޑަ ސޯލޯތު ޖެހި ގޯލުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން، ވިޔަރެއާލްގެ ފަސް ވަަނަ ލަނޑު ޖެހީ ހޯސޭ ލުއިސް މޮރާލޭސް އެވެ.












