މިމަހުގެ ތިންވަނަ ދުވަހު އިރާނުގައި ދެ ބޮމެއް ގޮއްވާލައި އެތައް ބަޔަކު މަރާލި ހަމަލާގެ އިސް މޭސްތިރިން ދެނެގަނެވިފައިވާ ކަމަށް އެގައުމުގެ އިންޓެލިޖެންސް މިނިސްޓަރީން ބުނެފި އެވެ.
އިރާނުގެ އިންޓެލިޖެންސް މިނިސްޓަރީއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވާގޮތުން އެ ހަމަލާގެ އެންމެ އިސް މޭސްތިރިއަކީ ތަޖިކިސްތާނަށް ނިސްބަތްވާ އަބްދުﷲ ތަޖިކީ ނަމަކަށް ކިޔާ މީހެކެވެ.
އޭނާ އިރާނަށް އެތެރެވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަމަށާއި ހަމަލާ ދޭން ބޭނުންކުރި ބޮންތައް ތައްޔާރު ކުރުމަށްފަހު ހަމަލާ ދިނުމުގެ ދެދުވަސް ކުރިން އޭނާ އިރާނު ދޫކޮށް ފުރާފައިވާ ކަމަށް އެގައުމުގެ އިންޓެލިޖެންސް މިނިސްޓަރީން ބުނެފައިވެ އެވެ.
މިމަހުގެ ތިންވަނަ ދުވަހު އިރާނުގެ ކަރްމާންގައި ފުރަތަމަ ބޮން ގޮއްވާލީ މީގެ ތިން އަހަރު ކުރިން އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރާލި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރު، ގައްސާމް ސުލެއިމާނީގެ ހަނދާން އައު ކުރުމުގެ ގޮތުން މިމަހުގެ ތިންވަނަ ދުވަހު ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރޭގަ އެވެ.
ދެވަނަ ބޮން ގޮއްވާލީ އޭގެ 20 ވަރަކަށް މިނެޓު ފަހުން އެ ހަމަލާގައި ޒަހަމުވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމުތަކުން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
އެ ހަމަލާގައި މަރުވި މީހުންގެ އަދަދު އިއްޔެއާ ހަމައަށް 94 އަރާފައިވާ ކަމަށް އިރާނުގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. އޭގެތެރޭގައި އަފްގާނުގެ 14 މީހަކު ވެސް ހިމެނެ އެވެ.
ދެ ހަމަލާގެ ޒިންމާ ވެސް ހަނގުރާމަވެރި ޖަމާއަތް، އައިސިސްއިން ވަނީ އުފުލައިފަ އެވެ.
އެ ހަމަލާއާ ގުޅުން ހުރި 35 މީހަކު މިހައިތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެ އެވެ.
ފަހުގެ ތާރީހެއްގައި އިރާނުގައި ދިން އެންމެ ނުރައްކާތެރި އެ ހަމަލާއަށް އެގައުމުގެ އަސްކަރިއްޔާއިން ބަދަލު ހިފާނެ ކަމަށް އިރާނުގެ ރައީސް، އިބްރާހިމް ރައިސީ ވަނީ ވައުދުވެލައްވައިފަ އެވެ.
އދ އާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ޗައިނާއާއި ސައޫދީއަރަބިއްޔާ އާއި އިރާގު އަދި އުރުދުން ފަދަ ގައުމުތަކުން ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.










